31 Dec 2023, 20:25
އިންގްލިޝް ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލޫޓަން ޓައުން ބައްދަލުކުރި މެޗު ޗެލްސީ ކާމިޔަބުކޮށްފިއެވެ.
ލޫޓަންގެ ދަނޑުގައި ކުޅުނު އެ މެޗު ޗެލްސީއިން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ދެ ލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލޫޓަންއިންނެވެ. ނަމަވެސް މިއާއެކުވެސް މެޗުގެ ފެށުން ރަނގަޅުވީ ޗެލްސީގެއެވެ. މިގޮތުން ޗެލްސީއިންވަނީ މެޗުގެ 12 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ.
މިލަނޑު އެޓީމަށް ޖަހައިދިނީ މިސީޒަންގައި މެންޗެސްޓާ ސިޓީއިން އެޓީމަށް ބަދަލުވި ހުނަރުވެރި ކުޅުންތެރިޔާ ކޯލް ޕާމާއެވެ. އަދި މިމެޗުގައި ޗެލްސީއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 37 ވަނަ މިނެޓްގައި އެޓީމުން ކަމިޔާބު ކޮށްފައިވަނީ ޕާމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނޯނީ މަޑުއެކާއެވެ. އަދި ޗެލްސީގެ ފަހު ލަނޑު މެޗުގެ 70 ވަނަ މިނެޓްގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ޕާމާއެވެ.
ޕާމާ އަންނަނީ މިސީޒަންގައި ޗެލްސީއަށް ފާހަގަ ކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި މިމެޗުގައި ޖެހި ލަޑާއި ދިން އެސިސްޓާއެކު އޭނާ ވަނީ މިސީޒަންގެ ޕްރިމިއާ ލީގުގައި ހަތަރު މެޗުގައި ލަނޑު ޖަހައި އެސިސްޓް ކޮށްފައެވެ.
މީގެ އިތުރުން އުމުރުން 21 އަހަރު ނުފުރެނީސް އެއް ސީޒަނެއްގައި ލަނޑު ޖެހުމާއި އެސިސްޓް އެއްކޮށް ދެ އަދަދަށް އެރުވި ފަސްވަނަ ކުޅުންތެރިޔާއަށްވެސް ޕާމާވަނީ ވެފައެވެ. މިއާއެކު އޭނާގެ ނަން މިވަނީ ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ލިސްޓަށް އިތުރު ވެފައެވެ. މިލިސްޓުގައި ދެން ހިމެނެނީ އާރްޔެން ރޮބެން، އެޑެން ހަޒާޑް، ކްރިސްޓިއަން ޕުލިސިޗް އަދި މޭސަން މައުންޓްއެވެ.
މިމެޗުގައި ޗެލްސީއިން ތިން ލަނޑުގެ ލީޑެއް ނެގުމާއެކު މިމެޗު އެޓީމް ކާމިޔާބު ކުރާނެކަން ޔަގީންވި ނަމަވެސް ލޫޓަންއިން ހިތްވަރު އެލުވާނުލައި ކުޅުމުގެ ނަތީޖާއަކަށްވީ މެޗުގެ ފަހު 10 މިނެޓްގެ ފޯރި އިތުރަށް ގަދަވުމެވެ. މިގޮތުން މެޗުގެ 80 ވަނަ މިނެޓްގައި ލޫޓަންއިން ވަނީ ލަނޑެއް ޖަހައި ދެޓީމްގެ ތަފާތު ދެ ލަނޑަށް ބަދަލުކޮށްފައެވެ.
އެ ލަނޑު އެޓީމަށް ޖަހައިދިނީ ރޮސް ބާކްލީއެވެ. އަދި މެޗުގެ 87 ވަނަ މިނެޓްގައި ލޫޓަންގެ އެލީޖާ އަޑެބަޔޯ ޖަހާދިން ލަނޑުން މިފަރަގު އެއް ލަނޑަށް ބަދަލުވިއެވެ. މިކަމުގެ ސަބަބުން ޗެލްސީ ހާސްކަމުގެ ތެރެއަށް ވެއްޓުނެވެ. ނަމަވެސް ލޫޓަންއިން އިތުރު ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ.
މިމެޗު ކާމިޔާބު ކުރުމާއެކު ޗެލްސީއަށް އުޅެނީ މިހާތަނަށް ކުޅުނު 20 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ. އަދި ލޫޓަން އުޅެނީ 15 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ. ނަމަވެސް ފަހަކަށް އައިސް ލޫޓަންގެ ފަރާތުން ފެންނަމުންއަންނަ ކުޅުމުގެ ސަބަބުން އެޓީމުން މިސީޒަންގެ ޕްރިމިއާ ލީގުގައި ދެމިއޮތުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުުރު ހިތްވަރެއް ލިބޭނެއެވެ.