26 May 2012, 16:01
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓްގެ މައްސަލަ އަންނަ މަހުގެ ފަސް ވަނަ ދުވަހަށް އެޖެންޑާ ކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.
މަޖިލީހުގެ އަމީން އާންމު އަހުމަދު މުހަންމަދު ސަން އޮންލައިން އަށް މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އަންނަ މަހުގެ ފަސް ވަނަ ދުވަހަށް އެޖެންޑާކޮށް އެކަން މިހާރު މެންބަރުންނަށް ވެސް އަންގާފައިވާ ކަމަށެވެ.
"އެ މައްސަލަ އެޖެންޑާކޮށް ގަވާއިދުގައި ބުނާ ގޮތައް މެންބަރުންނަށް ވެސް ވަނީ އެކަން އެންގިފައި، ގަވާއިދުގައި ބުނާ ގޮތަށް އެ މައްސަލަ އޮންނާނީ ޖޫން ފަހެއްގައި، އެއީ މަޖިލިސް ހުޅުވޭ ދުވަސް ނޫން އަނެއް ދުވަސް" އަހުމަދު ވިދާޅުވި އެވެ.
ޗުއްޓީއަށް ފަހު މަޖިލިސް އަލުން ހުޅުވޭނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް މެންބަރުންނަށް ނޯޓިސް ފޮނުވާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 19 ވަނަ ދުވަހު އެވެ.
އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ. އެ މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީގެ 27 މެންބަރަކު ސޮއި ކުރުމަށް ފަހު އެވެ. މަޖިލީހުގެ ގަވާއިދުގައި ބުނަނީ މަޖިލީހަށް މައްސަލައެއް ހުށަހެޅުމުމުން އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ ރައީސް އާއި މެންބަރުންނަށް ދިނުމަށް، ފަހު އެ ނޯޓިހުގެ ތާރީހުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތު ދިނުމަށް ފަހު، އެންމެ އަވަހަކަށް ބާއްވާ މަޖިލީހުގެ ޖަލްސާ އަކަށް އެ މައްސަލަ ހުށަހަޅަންވާނެ ކަމަށެވެ.
އެމްޑީޕީންގެ މެންބަރުން ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ މެންބަރުންނާ މަޝްވަރާކުރެއްވުމެއް ނެތި މަޖިލީހުގެ ގަވާއިދާ ހިލާފަށް ޝާހިދު ކަންކަން ނިންމަވާކަމަށް ބުނެ އެވެ. ނަމަވެސް ޝާހިދު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.