31 Dec 2023, 12:53
ފެށޭ އަހަރުގެ ފެބުރުއަރީ މަހުގެ އަށް ވަނަ ދުވަހު ބާއްވާ އާންމު އިންތިހާބުގައި ވާދަކުރައްވަން ނަން ހުށަހަޅުއްވާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ޕާކިސްތާނުގެ އިންތިޚާބާ ބެހޭ ކޮމިޝަން (އީސީޕީ) ނިންމައިފިއެވެ.
ދެހާސް އަށާރައިން 2022 ވަނަ އަހަރާ ދެމެދު ވެރިކަމުގައި ހުންނެވި އިރު ލިބިވަޑައިގަތް ހަދިޔާތަކަކުން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރެއްވުމުގެ ކުށް ސާބިތުވެ، މިދިޔަ އޮގަސްޓު މަހު ޢިމްރާން ޚާނަށް ވަނީ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ އުމުރުން 71 އަހަރުގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާއަށް އީސީޕީން ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ސިޔާސީ މައިދާނަށް ނުކުތުން މަނާކޮށްފައެވެ.
އާންމު އިންތިހާބުގައި ވާދަކުރުމަށް ޢިމްރާންގެ ޝަރުތު ހަމަނުވާ ކަމަށް އީސީޕީން ކަނޑައަޅާފައި ވަނީ އޭނާއާ ދެކޮޅަށް ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވާތީއެވެ.
ޢިމްރާންގެ އުފަން ދާއިރާ ކަމުގައިވާ މިއާންވާލީގެ ގޮނޑިއަށް ކުރިމަތިލެއްވުމަށް ވެސް ޝަރުތު ހަމަނުވާ ކަމަށް އީސީޕީން ވަނީ ކަނޑައަޅައިފައެވެ.
ޚިޔާނާތުގެ މައްސަލައިގައި އޮގަސްޓް މަހު ޖަލު ހުކުމް އިއްވި ފަހުން އޭނާ އާންމުކޮށް ފެނިފައެއް ނުވެއެވެ.
ޢިމްރާންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފައިވާއިރު، ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ކެންޑިޑެސީ ބަލައިގަތުމަށް އީސީޕީން ވަނީ ނިންމާފައެވެ.