31 Dec 2023, 12:03
މުޅި ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި، ކ. ގުރައިދޫގެ 20 ގެއެއްގައި ފެންބޮޑުވެ، ތިން ގެއަކުން މީހުން އެހެން ތަންތަނަށް ބަދަލުވެފައިވާ ކަމަށް ނެޝަނަލް ޑިސާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ހާމަކޮށްފިއެވެ.
އެންޑީއެމްއޭއިން މިހެން ބުނެފައިވަނީ ވިއްސާރައިގައި ފ. ނިލަންދޫ، ކ.ގުރައިދޫ، ލ.ގަން އަދި ފޮނަދޫ އާއި ސ.މަރަދޫއަށް ގެއްލުން ލިބުނުކަމުގެ ރިޕޯޓުތައް ލިބުމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ވިއްސާރައިގައި ކުރިމަތިވަމުންދާ ފެން ބޮޑުވުމުގެ ހާދިސާތަކަށް އިޖާބަ ދިނުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މާލޭގެ ބައެއް ގޭގޭގައި ވެސް ފެންބޮޑުވެފައިވާތީ، ވެލި ބަސްތާޖެހުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ އެހީތެރިކަމާ އެކު ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ވަނި ބުނެފައެވެ.
މިދިޔަ ހަފުތާއިން ފެށިގެން މުޅި ރާއްޖެއަށް ވެސް ކުރަމުން އަންނަ އިރުވައި މޫސުމުގެ ވިއްސާރައިގައި މިއަދު މުޅި ރާއްޖެއަށް ވެސް ވިއްސާރާކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީހުން) ވަނީ ލަފާކޮށްފައެވެ.
ވިއްސާރައިގެ ސަބަބުން އައްޑުއާއި ފުވައްމުލައް ސިޓީގެ ބައެއް ގޭގެއަށް ވެސް ވަނީ ފެންވަދެ، އެކިވަރުގެ ގެއްލުންތައް ވެފައެވެ. މި އަހަރު މޫސުން ރަނގަޅުނުވެ، ދިގުލައިގެން ގޮސްފައިވަނީ މި ސަރަހައްދުގެ އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކެއްގެ ސަބަބުން ކަމަށް މީގެ ކުރިން މެޓު އޮފީހުން ވަނީ ބުނެފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އާ އަހަރާ ދިމާކޮށް މިރެއަށް ތާވަލުކުރި މިއުޒިކް ޝޯއާއި ހަވާ އެރުވުން ވެސް ވަނީ ތާރީޚެއް ނެތް ގޮތަށް ފަސްކޮށްފައެވެ.