ބ. ހިތާދޫ ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުންނަށް ދީނީ ދަރުސް ދިނުމަށް އިސްލާމިކް މިނިސްޓްރީން ކުރި މަސައްކަތަށް އެރަށު ބަޔަކު ހުރަސް އެޅުމުން ދަރުސް ކެންސަލް ކޮށްފި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ހިތާދޫ ކައުންސިލްގެ ރައީސް ޔޫސުފް ގާސިމް މިއަދު ވިދާޅުވީ އެ ރަށު ސްކޫލް ކުދިންނާއި ޓީޗަރުންނަށް ދީނީ ދަރުސް ދިނުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައި އޮތީ މިއަދު ހެނދުނު 8:30 ގައި ކަމަށާއި ނަމަވެސް އެރަށުގެ ވިއްސަކަށް މީހުން ސްކޫލް ކައިރީ ލަވަޖަހައި އަޑު ގަދަކޮށް ދަރުސް ބޭއްވުމާ ދެކޮޅު ހެދުމުން ދަރުސް ކެންސަލް ކުރީ ކަމަށެވެ.

"މިއަދު ހެނދުނު ސްކޫލް ކުދިންނާއި ޓީޗަރުންނަށް ދަރުސް ދިނުމަށް އިސްލާމިކް މިނިސްޓްރީން ތާވަލްކޮށްފައި އޮތީ. ނަމަވެސް އެވަގުތު އާންމުންގެ ބަޔަކު ސްކޫލް ކައިރީ ލަވަޖަހައި އަޑު ގަދަކޮށް ދަރުސް ދިނުމަށް ހުރަސް އެޅުމުން މިނިސްޓްރީން ވަނީ ދަރުސް ކެންސަލްކޮށްފަ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރުސް ދިނުމާ ދެކޮޅަށް ސްކޫލް ކައިރިއަށް އެއްވެ ނުރުހުން ފާޅުކުރި މީހުންގެ ތެރޭގައި ރަށުގައި އެމްޑީޕީގެ ހަރަކާތްތަކުގައި އުޅޭ ބަޔަކު ހިމެނޭ ކަމަށާއި އެމީހުން ދަރުސް ބޭއްވުމާ ދެކޮޅު ހަދާފައި ވަނީ އެމީހުން ގަބޫލު ނުކުރާ ސަރުކާރެއްގެ މިނިސްޓްރީއަކުން ދޭ ދަރުސަށްވުން ކަމަށް ބުނަމުންދިޔަ ކަމަށެވެ.

ގާތްގަނޑަކަށް 200 އާ ގާތް ކުރާ އަދަދެއްގެ ދަރިވަރުން ކިޔަވާ ހިތާދޫ ސްކޫލްގައި ދަރުސް ބޭއްވޭ ގޮތް ނުވުމުން މިއަދު 11:00 އެހާކަންހާއިރު މިނިސްޓްރީގެ ޓީމް ވަނީ އެރަށުން ފުރާފަ އެވެ.

ގާސިމް ވިދާޅުވީ ސްކޫލްގައި ދަރުސް ބާއްވަން މިއަދު ބަޔަކު ހުރަސްއެޅި ނަމަވެސް ރޭ އިޝާ ނަމާދަށް ފަހު އެރަށު ހުކުރު މިސްކިތުގައި ދަރުސެއް އޮތް ކަމަށާއި އެ ދަރުސަށް ހުރަސްއަޅާފައި ނުވާކަމަށެވެ.

އިއްޔެގެ ހުކުރު ނަމާދަށް ފަހު އެ އަތޮޅު ތުޅާދޫގައި ވެސް ދީނީ ދަރުސެއް ބާއްވަން މިނިސްޓްރީން މަސައްކަތް ކުރި އެވެ. ނަމަވެސް ބަޔަކު ނުކުމެ ނުރުހުން ފާޅުކުރުމުން އެ ދަރުސް ވެސް ޖެހުނީ ކެންސަލް ކުރާށެވެ.

ދީނީ ދަރުސްތަކަށް ހުރަސް އެޅުން މާލެ އާއި އަތޮޅުތަކުގައި ވަނީ އިތުރުވެފަ އެވެ. ސަރުކާރުން ބުނެފައި ވަނީ ދަރުސްތަކަށް ހުރަސް އަޅާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.