31 Dec 2023, 09:34
ތަންވަޅުބަލާފައި ހެންރީ ވަޅި ހިފައިގެން މައާލްއާ ދިމާލަށް ހިނގައިގަތެވެ.
ހެންރީގެ ހިތާ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑުގެ ސަބަބުން އޭނާއަށް އުނދަގޫވަމުން ދިޔަ ނަމަވެސް، އޭނާ ދިޔައީ އެއީ އެނާގެ އަންހެނުން އެލިޒެތްގެ ފުރާނަ ސަލާމަތްކުރުމަށް އެއީ ކޮންމެހެން ކުރަން ޖެހޭކަމެއްކަމުގައި ހިތަށް ވިސްނައިދެމުންނެވެ. ކުރިއަށް ފިޔަވަޅު އެޅެނީ އެ ހިތްވަރުގައި ނަމަވެސް، ކުރެވެން އެ އުޅޭ ކަމާ މެދު އޭނާގެ ނަފްސުގައި ވަރުގަދަ ތޫފާނެއް އުފެދިފައިވެއެވެ. މަޑުމަޑުން ހިނގާފައި ގޮސް ހެންރީ މަޑުކުރީ މައާލްގެ ފަހަތުގައެވެ. އަތުގައި އޮތް ވަޅި ނަގާފައި އެއަށް ބަލާލާފައި ކުރިއަށް ފިޔަވަޅެއް އަޅާލާފައިވެސް އޭނާ މަޑުޖެހިލިއެވެ. ބުނެދޭން ނޭނގޭ ބިރުވެރިކަމެއް އޭނާގެ މުޅި ނަފްސު ހިޞާރުކުރަމުން ދިޔައެވެ.
'އައި މިސް ޔޫ މޯމް އެންޑް ޑޭޑް." ލޯ މަރާލަމުން ލީ ފުންނޭވާއާއެކު މައާލްގެ ދުލުން އެ ބަސްތައް ނުކުތީ ވައިއަޑުން ނަމަވެސް، ހެންރީއަށް ރީތިކޮށް އެ އަޑު އިވުނެވެ. އެއާއެކު އޭނާގެ ހިތަށް އަސަރުކުރިއެވެ. އެލިޒެތްގެ ހަނދާންތައް އާވެ އެ އަސަރުތައް ބޮޑުވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ވަޅި ހިއްލާލައިގެންހުރި އަތް ވެސް ތިރިކޮށްލެވިއްޖެއެވެ. އެހިތަށް ވެރިވި ބިރުވެރިކަމާއެކު އިތުރު ކަމެއްކުރަން އޭނާގެ ނަފްސު އުޒުރުވެރިއެވެ. އެލިޒެތްގެ ބަސްތައް ހަނދާންވުމާއެކު އޭނާ ކުރަން އައި ކަންތައް ކުރަން ފަސްޖެހުނެވެ. ހެންރީގެ ހިތް މަޑުމަޑުން ބަދަލުވާން ފެށިއެވެ. ޝާކިރާއި ފަހުމާގެ އެކްސިޑެންޓުގެ ފަހަތުގައި ވަނީ ފުއާދު ނަމަވެސް، އެކަމުގައި އޭނާވެސް އެއްވަރަށް ބައިވެރިވެއެވެ. ފަހުމާއާއި ޝާކިރުގެ މަރަށްފަހު، ހަމަޖެހިލައިގެން ނިދާލެވޭ އެންމެ ދުވަހެއްވެސް ނާދެއެވެ. ކިތަންމެ ބައިވަރު ފައިސާއެއް ލިބުނު ނަމަވެސް، އެ ފައިސާއަކުން އޭނާއަށް ހަމަޖެހުމެއް ނުލިބެއެވެ. ލިބެނީ އިތުރު ނުތަނަވަސްކަމެކެވެ. އުނދަގޫކަމެކެވެ. ކިތަންމެ ރެއަކު، ނުނިދިފައި އޭނާ އޮވެއެވެ. ނިދީގައި ބިރުވެރި ހުވަފެން ފެނި ސިއްސައިގެން ގޮސް ހޭލެވެއެވެ. އެކަން އެލިޒެތްއަށް ފާހަގަވެ ސުވާލުކުރުމުންވެސް އޭނާ އޮޅުވާލީއެވެ. ކުރެވުނު ފާފައިގެ ސަބަބުން އޭނާއަށް ވަމުން ދިޔަ އުނދަގޫތައް ހެންރީ ދިޔައީ މުޅި ދުނިޔެއަށް ވެސް ސިއްރުކުރަމުންނެވެ. އެހެންނަމަވެސް، މިއަދު އޭނާގެ ހިތް ބަދަލުވެއްޖެއެވެ. އިތުރަށް އެފަދަ ބިރުވެރިކަމަކާ ކުރިމަތިލުމުގެ ހިތްވަރެއް އޭނާގެ ނެތެވެ. އަދި އަމްދުން އެލިޒެތްގެ ފުރާނަ ސަލާމަތްކުރުމަށް އެހާ ދަށު ދަރަޖައަކަށް ވެއްޓޭކަށް އޭނާ ބޭނުމެއް ނޫނެވެ. މައާލްއަށް އިތުރު ދެރައެއް ދޭން އޭނާގެ ހިތް ނުރުހުނެވެ. އޭނާގެ ސަބަބުން އެ އަންހެން ކުއްޖާއަށް ލިބުނު ހިތާމަތަކުގެ މިންވަރުވެސް އޭނާއަށް ވަޒަން ނުކުރެވޭނެއެވެ. ހެންރީގެ ހިތް ބަދަލުވެގެން ދިޔައެވެ. އޭނާގެ އަންހެނުންނަށް އެ ޙާލަތު ކުރިމަތިވުމުގެ ސަބަބަކީ އޭނާ ކުރި އެ ނުބައި އަމަލު ނަމަ ކިހާ ދެރަހެއްޔެވެ؟ އެކަމަކަށް ދެރައެއް ދީފައި އަނެކަކަށް އުފަލުގައި ނޫޅެވޭނެކަމުގައި މީހުން ބުނެ އުޅެއެވެ. އެ ބަހުގެ ތެދުކަން މިއަދު ހެންރީއަށްވެސް އިޙްސާސްކުރެވިއްޖެއެވެ. މާތް ﷲ އީ ހިތްތަކުގެ ޙާލު މޮޅަށް ދެނެވޮޑިގަންނަވާ އިހާހެވެ. އެކަލާނގެ އިރާދަކުރައްވައިފިނަމަ، ސިކުންތެއްގެ ތެރޭގައިވެސް އިންސާނާގެ ހިތް ބަދަލުވެދާނެއެވެ. އިންސާނުންގެ ހިތަށް ނާރާ ފަދަ ގޮތްގޮތަށް ކަންތައްތައް ނިންމެވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ.
ފޯނު ކޯލު ނިންމާލާފައި އެ ދިމާލަށް އައި ރާދިންގެ ލޮލުގައި ހެންރީ އަޅައިގަތުމާއެކު އޭނާއަށް ހައިރާންކަން ވެރިވިއެވެ. އޭނާ އެ ދިމާލަށް ފިޔަވަޅުތައް އަވަސްކޮށްލިއެވެ. އެމަންޒަރު ހެންރީގެ ލޮލުގައި އަޅައިގަތުމާއެކު އޭނާ ތެޅިގަނެފައި ދުރަށް ދިޔައެވެ.
"އާރ ޔޫ އޯކޭ؟" ޚިޔާލުތަކަށް ގެއްލިފައި ލޯ މަރާލައިގެން އިން މައާލްއާ ކައިރިވެފައި ހާސްވެފައިވާ އަޑަކުން ރާދިންއަށް ސުވާލުކޮށްލެވުނެވެ. ބެންޗުގެ ފަހަތުގައި އޮތް ވަޅި އޭނާގެ ލޮލުގައި އަޅައިގަތުމާއެކު ވަށައިގެން އޭނާއަށް ހޯދާވެސް ލެވުނެވެ.
"އައި އެމް ފައިން." ރާދިންގެ އަތް ފޮޅުވާލަމުން އެހެން ބުނެލާފައި މައާލް ތެދުވިއެވެ. އޭނާ ރާދިންއަށް ބަލާލުމާއެކު އެ މޫނުމަތީގައިވީ ހާސްވުމުގެ އަސަރުތައް ފަހުމްވާކަށް ގިނަ އިރެއް ނުނެގިއެވެ.
"ޖަސްޓް އާންސްވާރ މީ. އާރ ޔޫ އޯކޭ؟" ރާދިންއަށް މައާލްގެ ދެ އަތުގައި ހިފާލަމުން ބާރަށް ބުނެވުނެވެ.
"ތަދުވެޔޭ… އައި އެމް ފައިންއޭ ބުނެފީމެއްނު." މައާލް އަނެއްކާވެސް ރާދިންގެ އަތް ފޮޅުވާލިއެވެ.
"ޔެސް ޔޫ އާރ…" އެނބުރިލާފައި ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލާފައި ރާދިން އެހެން ބުނެލާފައި ދެފަރާތަށް އަނެއްކާވެސް ބަަލާލިއެވެ.
"ކިހިނެއްވީ؟" ރާދިންގެ ނުތަނަވަސްކަން އިންތިހާއަށް ގޮސްފައިވީތަން ފެނި މައާލްއަށް ވެސް ސުވާލުނުކޮށެއް ނުހުރެވެއެވެ.
"ނަތިންގ. ޔޫ އާރ ފައިން. ލެޓްސް ގޯ." ރާދިން އެހެން ބުނެފައި މައާލްގެ އަތުގައި ހިފާ އޭނާގެ ގަޔާ ކައިރިކޮށްލިއެވެ. ރާދިން ހިފައްޓާލާފައިހުރީ ބާރަށްކަމުން ދެފަހަރަކު ގަދަ ހަދާލި މައާލްއަށް ދުރުވާކަށް ފަސޭހައެއް ނުވިއެވެ. ރާދިންގެ އެ ގާތްކަމުން އަސަރުކޮށްފައިހުރި މައާލްވެސް އިތުރަށް ރާދިންއާ ދުރުވާކަށް ނޫޅުނެވެ. އޭނާއަށް ރާދިންގެ މޫނަށް ބަލައިލެވުނެވެ. ކުރިމައްޗަށް ބަލަހައްޓައިގެން ހިނގަމުންދިޔައިރު، މައާލްއާ މެދު ކަންބޮޑުވެފައިވާ އަސަރުތައް ރާދިންގެ މޫނުމަތިން ސާފުކޮށް ފާޅުވަމުން ދިޔައެވެ.
"ރާދިންގެ ކޮންމެ އަމަލެއް ބުނެދެނީ އަހަރެން ދެކެ ލޯބިވާކަން. ނޫންތަ؟ އެކަމަކު އަހަންނަށް އެވަރުގެ ދެރައެއް ދިނީ ކީއްވެ؟ އަހަންނަށް ނޭނގި ފަރުދާގެ ފުރަގަހުގައި ހުރެ އެހާ ބޮޑު ފާފައެއް ކުރީ ކީއްވެ؟ އަހަރެންގެ އިތުބާރު ގެއްލުވާލީ ކީއްވެ؟ އަހަރެންގެ ލޯތްބާމެދު ރާދިން ނުވިސްނީ ކީއްވެ؟ ނުކުޅެދޭ މީހަކަށް ވީމަ ރާދިންގެ އުފާތަކަށް ހުރަކަށް އަހަރެންވީތަ؟ ލޯބިވާކަމަށް ދައުވާކޮށްފައި، އެހެން އަންހެން ކުއްޖަކާ އެކު އެފަދަ ގޮތަކަށް ގުޅުމެއް ބޭއްވީ ކީއްވެ؟ އަދިވެސް… އަދިވެސް މިހިތުގައި ރާދިންއާ މެދު އިންތިހާ ލޯބިވަނީ ކީއްވެ؟ ރާދިންގެ ހައްޤެއްގެ ގޮތުގައި އުމުރު ދުވަހު ހުންނަން މި ހިތް އެދި ގޮވަނީ ކީއްވެ؟ ތި އަތުގެ އެންމެ ބީހުމަކުން އަހަރެންގެ ހިއްސުތައް ހޭލައްވާލަނީ ކީއްވެ؟ ތި އަތުގެ ފިރުމުންތަކަށް އެދެވެނީ ކީއްވެ؟ ރާދިންގެ ފަރާތުން ލޯތްބާ އޯގާތެރިކަމާއި ކުލުނާ ހަމްދަރުދީއަށް އެދެވެނީ ކީއްވެ؟ ތިޔަ އިންތިޒާރުގައި ދުވަސްތައް ގުނެމުން މި ދަނީ ކީއްވެ؟ އެހާ ބޮޑު ބޭވަފާތެރިކަމަކަށްފަހުވެސް… ވަރި… ވަރިވާން އެހާ އުނދަގޫވެގެން މިއުޅެނީ ކީއްވެ؟ ތި ދެލޮލުން ތެދުވެރިކަން ފެނުނު ނަމަވެސް، މިހިތުގައި ލީ ޒަޚަމްތަކުގެ ސަބަބުން މާފުކުރާނީ ކިހިނެއް؟" ރާދންއަށް ބަލަހައްޓައިގެން ހިނގަމުން ދިޔަ މައާލްގެ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވަމުންދިޔައެވެ.
މައާލް ހުރީ އޭނާއަށް ބަލަހައްޓައިގެން ކަން ރާދިން އަށް އެނގުނުނަމަވެސް، މައާލްއާ ދިމާލަށް ބަލާލަން ރާދިން ޖެހިލުންވިއެވެ. ކީއްވެކަމެއް ނޭނގެއެވެ. އޭނާ ބަލައިލައިފިނަމަ މައާލް އޭނާއާ ދުރުވެދާނެޔޭ ރާދިންއަށް ހީވަނީއެވެ. އެހެންނަމަވެސް، އެންމެފަހުން ކެތް ނުކުރެވި އޭނާ މައާލްއަށް ބަލާލިއެވެ. އެ ދެލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނަތައް ފެނުމާއެކު ރާދިންގެ ހިތް ހީވީ ކުދިކުދި ވިހެންނެވެ. އެ ދެލޮލުން އޭނާއަށް ފެނުނު ވޭނަކީ ފެނި ފެނިވެސް އޭނާއަށް އާދަނުވެވުނު ކަމެކެވެ. އެ ވޭނަކީ އޭނާއަށް ކުށުގެ ބޮޑުކަން އިޙްސާސްކޮށްދޭ އެއްޗެކެެވެ. އޭނާއަށް އެއްވެސް އުފަލެއް ހައްޤު ނޫންކަމުގައި އެ ކަރުނަތައް ބުނެދެމުން ދާ ކަހަލައެވެ.
"ނުރޮއި މާލް… ޕްލީޒް…" ރާދިންއަށް ބުނެވުނެވެ. އޭނާ މައާލްގެ ކަރުނަތައް ފުހެދިނެވެ. އަދި ދެފަރާތަށް ބޯ ހޫރާލީ އަނެއްކާވެސް ނުރޯށޭ ބުނާފަދައަކުންނެވެ. އިތުރަށް ވާހަކަ ދައްކާނެހާ ހިތްވަރެއްވެސް ރާދިންގެ ނެތެވެ.
"އެހެރީ ބައްޕަ. ހިނގާ ދާން." ކަރުނަތައް ފުހެލި މައާލް ގޮވައިގެން އަނެއްކާވެސް ރާދިން ހިނގައިގަތެވެ. އެ މަންޒަަރު މުނީރުގެ ލޮލުގައިވެސް އަޅައިގަތެވެ. އޭނާގެ ކައިރިއަށް އެ ދެމީހުން އައިސް ހުއްޓުމާއެކު ފުންކޮށް އެ ދެމީހުންނަށް ބަލާލާފައި މުނީރު ވެސް އިތުރު ސުވާލެއް ނުކުރެއެވެ.
"އަޅުގަނޑު ދާނަން. ބައްޕަމެން ދޭ…" އެހެން ބުނެލާފައި ރާދިން މަޑުކޮށްލިއެވެ. އެމީހުންނާ ދިމާލަށް ބަލަހައްޓައިގެން ހުރި ހެންރީ ފެނުމާއެކު އެމީހުން ފޮނުވާލާފައި ރާދިން ހެންރީއާ ދިމާލަށް ހިނގައިގަތުމުން ހެންރީ ވަނީ ބަގީޗާއަށެވެ. ހެންރީ ދިޔައީ ރާދިންއަށް ބަލަމުންކަމުން އޭނާ އެ މަސައްކަތް ކުރަނީ ފިލަން ނޫންކަން ރާދިންއަށް ވެސް އެނގުނެވެ. ބަގީޗާއަށް ވަދެ ހެންރީ މަޑުޖެހިލީ ރާދިން އަންނަން ދެނެވެ. ކުރެވެން އެ އުޅޭކަމަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލަފާނެކަމެއްކަން އެނގުނު ނަމަވެސް، ފަސްޖެހެން ހެންރީ ބޭނުމެއް ނޫނެވެ. ކަންފަތުގައި ގުގުމަމުން ދަނީ އެލިޒެތްގެ ބަސްތަކެވެ. ކޮންމެ ގޮތަކަށް ކަންތައް ވީ ނަމަވެސް، ހެންރީ އެވަގުތު ބޭނުންވެފައިހުރީ އޭނާގެ ނަފްސަށް ހަމަޖެހުމެކެވެ. ޝާކިރުމެންގެ މަރަށްފަހު ދުނިޔެ މައްޗަށް ލީ ކޮންމެ ނޭވާއެއް އޭނާލީ ހާސްކަމާއި ނުތަނަވަސްކަމުގެ ތެރެއަށެވެ. މިހާރު ހެންރީ ބޭނުންވަނީ އޭނާއަށް އެ ކުރެވޭ އިޙްސާސްތަކާ ދުރަށް ދާށެވެ. އެލިޒެތްއަށްޓަކައި ނަމަވެސް، އަމިއްލަ ނަފްސަށް ތެދުވެރިވާށެވެ. ނޭނގި ނަމަވެސް، އެލިޒެތް ގެ އެ ޙާލަތުގެ ޒިންމާ ނަގަން ޖެހޭނީ އޭނާއެވެ. އަނެއް އިންސާނާއަށް ގަސްތުގައި ދެރަ ދީފައި އަނެއް އިންސާނާއަށް ހަމަޖެހުމާއި އުފަލުގައި ދިރި ނޫޅެވޭނެކަމުގައި ބުނާ ބުނުމުގެ ތެދުކަން މިއަދު ހެންރީވެސް ގަބޫލުކޮށްފިއެވެ.
ބާރުބާރަށް އައި ރާދިން ދެބުމަ ގޮށް ޖަހާލައިގެން ހުރެ ހެންރީއަށް ބަލަމުން ދިޔައެވެ.
"ކަލޭގެ މަޤްސަދަކީ ކޮބާ؟ އެ ވަޅި… އެއި ކަލޭގެ އެއްޗެއް ދޯ؟" ހަރުކަށިކަން އެކުލެވޭ އަޑަކުން ރާދިން ބުނެލުމާއެކު ހެންރީ ވެސް ޖެހިލުންވިއެވެ. ރާދިންގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ދެ އަތް މުށްކަވާލައިގެން ހުރިއިރު އޭނާ އެ ނަފްސު ކޮންޓްރޯލް ކުރަމުން އެދަނީ ވަރަށް އުނދަގުލުންކަން ހެންރީއަށް ވެސް އެނގެއެވެ.
"ކަލޭގެ މަޤްސަދަކީ މައާލްއަށް ގެއްލުން ދިނުންތަ؟" ރާދިން ދެވަނަ ސުވާލުވެސް ހެންރީއާ އަމާޒުކޮށްލިއެވެ.
"ނޫން." ހެންރީ ދެފަރާތަށް ބޯ ހޫރާލިއެވެ.
"އެހެންވިއްޔާ ކަލޭތީ ކާކު؟ އެ ސުވާލުގެ ޖަވާބު ދީ ފުރަތަމަ. އަހަރެމެންނަށް ފާރަލުމުގެ ބޭނުމުމަކީ ކޮބާ؟"
ހެންރީ ތެދު ނުބުނާނެކަން ހީވެ ރާދިން ހެންރީގެ ގަމީހުގެ ގިރުވާނުގައި ހިފާ އޭނާގެ މޫނުމައްޗަށް ބާރުގަދަ އެތިފަހަރެއް ވީއްލައިލުމާއެކު ހެންރީގެ ތުންފަތް މަތިވެސް ފަޅައިގެން ދިޔައެވެ.
"ތެދު ބުނޭ…" ރާދިންގެ ދެވަނަ ހަމަލާއާއެކު ހެންރީ ވާހަކަ ދެއްކިއެވެ.
"އާނނނ. އާނ… އެކަމަކު…" ހެންރީ ހުރީ ޖެހިލުންވެފައެވެ. ފުއާދުގެ ވާހަކަ އޭނާ ބުނެފިނަމަ ފުއާދުވެސް އޭނާ ދުލެއް ނުކުރާނެއެވެ. އަނެއްކޮޅުން ރާދިންއާ އެ ވާހަކަތައް ހިއްސާކޮށްފިނަމަވެސް، އޭނާއަށް ސަލާމަތެއް ނޯންނާނެއެވެ. ނަން ނޭނގުނު ނަމަވެސް، އެއީ މައާލްގެ ފިރިމީހާކަން އޭނާއަށް އެނގެއެވެ. ރާދިންދެކެ އެހާ ޖެހިލުންވަނީ އެހެންވެއެވެ. މައާލްއަށްޓަކައި ރާދިންގެ ހިތުގައިވާ މަޤާމު އެތަކެއް ފަހަރަކު އޭނާގެ ލޯ ކުރިމައްޗަށް ފެނިފައިވެއެވެ.
"އެކަމަކު ކީއް؟ ވާހަކަ ދައްކާ… ކަލޭގެ ނަން ބުނޭ ފުރަތަމަ.." ރާދިން ހަޅޭއްލަވައިގަތެވެ.
"ހެން… ހެންރީ….. އެކަމަކު އެ ހުރިހާކަމަކީވެސް އެހެން މީހެއްގެ ރޭވުމެއް… އެއީ…" ހެންރީ އަނެއްކާވެސް މަޑުޖެހުނެވެ.
"ކާކުގެ؟" ރާދިންގެ ރުޅިގަނޑު ވަނީ ފަޅައިގެންދާން ކައިރިވެފައެވެ. އެއީ ފުއާދުކަން އޭނާއަށް އެނގި ކަށަވަރުވެފައިވީނަމަވެސް، ހެންރީގެ ދުލުން އެބަސްތައް ބުނުވަން އޭނާ ބޭނުންވިއެވެ.
"ފުއާ… ފުއާދު…." ތަޤުދީރަށް ކަންތައްތައް ދޫކޮށްލާފައި ހެންރީ އެހެން ބުނެލިއެވެ. ރާދިން ހެންރީގެ ގިރުވާނުން ދޫކޮށްލާފައި އިންޒާރުގެ ބެލުމަކުން ބަލާލީ ހުރިހާ ވާހަކައެއް ހަމަ މިހާރުން މިހާރަށް ކިޔައިދޭށޭ ބުނާ ފަދަ ގޮތަކަށެވެ.
"ފުއާދުގެ އެދުމަށް ކަލޭ ތިއުޅެނީ މައާލް މަރާލަންތަ؟" ރާދިންގެ އަޑު ބާރެވެ.
"އަހަރެން ހުރިހާ ވާހަކައެއް ވެސް ކިޔައިދޭނަން. ޕްލީޒް. އަހަންނަކަށް ނުވެސް ނިދޭ، ނުވެސް ކެވޭ. އެ ހުރިހާކަމެއްގެ ސަބަބުން އަހަރެން ހީވަނީ މޮޔަވަދާނެހެން." ހަޤީގަތުން ކުޑަ މިންވަރެއް ހާމަކުރެވުނު ނަމަވެސް، ހެންރީގެ ހިތަށް ލުއިވުމާއެކު، އެ ހިތަށް ހަމަޖެހުން ލިބޭނެ ހަމައެކަނި ގޮތަކީ ހުރިހާކަމެއް ރާދިންއަށް ކިޔައިދިނުންކަން ހެންރީއަށް ވިސްނުނެވެ.
"ހުރިހާ ވާހަކައެއް ސާފުކޮށް އަހަންނަށް ކިޔައިދީ." ރާދިން އަމުރުކުރިއެވެ. އޭނާ ވަނީ ހަޤީޤަތް ހެންރީގެ ފުށުން އަޑުއަހަން ކެތް މަދުވެފައެވެ. ފުއާދު މީގެ ކުރިންވެސް ވަނީ މައާލްއަށް ގެއްލުންދޭން މަސައްކަތްކޮށްފައެވެ. މައާލްގެ ލޮލުގެ އަސްލު ރިޕޯޓްތައް ފޮރުވާ، މައާލްގެ ފަރުވާއަށް ހުރަސްއަޅާފައެެވެ. ހެންރީ ކިޔައިދޭން ފެށި ހަޤީގަތެއްގެ ސަބަބުން ރާދިންގެ ފައި ދަށުން ބިންގަނޑު ހީވީ ދެމިގެން ދިޔަ ހެންނެވެ.
*****
މައާލް ގޮވައިގެން ގެއަށް ގޮސްފައި މުނީރުވެސް ބޭރަށް ނުކުމެލިއެވެ. ލަންކާގައި ދިރިއުޅޭ އޭނާގެ އެކުވެރިއެއް ލަންޑަނަށް އައިސް އުޅޭތީ މުނީރު ދިޔައީ އޭނާއާ ބައްދަލުކޮށްލުމަށް އެކުވެރިޔާ ހުންނަ ހޮޓެލަށެވެ. ދެމީހުން އެކުގައި ހޮޓެލްގެ ރެސްޓޯރެންޓަށް ގޮސް ކާއެއްޗެއްސަށް އޯޑަރު ދިނެވެ. ކައި ނިންމާލާފައި، ވިޔަފާރީގެ އެކި އެކި ވާހަކަތަކުގައި މަސްއޫލުވެގެން އެތަކެއް އިރަކު އެ ދެމީހުންނަށް ތިބެވުނެވެ. އެ ވާހަކަތަކުން މައުލޫ އަމިއްލަ ދިރިއުޅުމާ ދިމާލަށް އެންމެ ފުރަތަމަ އަނބުރާލީ އެކުވެރިޔާ ކަމާލެވެ.
"އަހަރެން ވަރަށް ދެރަވި ޝާކިރުމެން ދެމަފިރިންނާއެކު މުނީރުގެ ދޮށީ ދަރިފުޅު ރާދިއު ނިޔާވި ޚަބަރު ލިބުނީމަ. އަހަންނަށް އެނގޭ ރާދިއުކަން ބިޒްނަސްގެ ކަންތައްތަކުގެ މުޅިން ވެސް އުޅުނީ. އަދި މުނީރުގެ ދެކުދިންގެ ތެރެއިންވެސް އެކަމަށް ޝައުޤުވެރިކަން ހުރީ ރާދިއުގެކަން. އަބަދުވެސް މުނީރު ރާދިއުގެ މަސައްކަތަށް ތައުރީފްކުރާކަންވެސް އެނގޭ." ކަމާލު ބުންޏެވެ.
"ތަޤުދީރުގައި ވާން ހުރި އެއްވެސް ކަމަކާ ދެކޮޅު ހެދުމުގެ ބާރެއް އަހަރެމެން އިންސާނުންގެ ނޯންނާނެއެއްނު. ދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެކޭ ބުނެއެއްނު. ޙަޔާތުގައިވެސް އެންމެ ދަތި އުނދަގޫކަމަކަށް އަހަންނަށް ކުރިމަތިވީ ދެ އިމްތިޙާނެއް. އެންމެ ފުރަތަމަ ކަމަކަށް އަހަރެންގެ ލޯބިވާ އަނބިމީހާ މި ދުނިޔެއާ ވަކިވުން. ދެވަނަ ކަމަކަށް، އަހަރެންގެ ފިރިހެން ދަރިފުޅު ވަކިވުން." މުނީރުގެ އަޑުން ހިތާމަ ފާޅުވަމުން ދިޔަނަމަވެސް، އޭނާ ހިނިތުންވެލައިފިއެވެ. ހިތުގެ ޝުއޫރުތައް ކޮންމެވެސް ވަރަކަށް އެކުވެރިޔާއާ ހިއްސާކުރެވުމުން މުނީރުގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ.
"މުނީރު ދެވަނަ ކައިވެންޏެއް ނުކުރީ ހަމަ އެ ދެކުދިންގެ ހައްޤުގައިކަން އަހަންނަށް އެނގޭ. ރަޙްމަތްތެރިންނާ ގާތް މީހުންގެ ފަރާތުން ދެވަނަ ކައިވެންޏަށް ކުރުމަށް އެދެމުން ދިޔަ ނަމަވެސް، އެއިން އެއްވެސް ކުއްޖަކަށް ދެރައެއް ލިބިދާނެތީ އެކަން ނުކުރީކަން އަހަންނަށް އެނގޭ. ހިތަށް އަރަނީ މުނީރު ހަމަ ކެތް ގަދައީއޭ…" ކަމާލުގެ އެ ބަސްތަކާއެކު މުނީރު ލުއިކޮށް ހީލިއެވެ.
"އަންހެނުންގެ ހަނދާންތައް އަހަންނާ ދުވަހަކުވެސް ވަތްކެއްނުވޭ. ޙަޔާތުގައި މާޔޫސްވާ ދުވަސްތައް ވެސް ދޭ. ދެރަވާ ދުވަސްތައް ވެސް ދޭ. އެކަމަކު ޝަމްލާގެ މަތިން ހަނދާންވެ އަހަންނަށް ހިތްވަރު ލިބިގެންދޭ. ހިޔެއްނުކުރަން ޝަމްލާއާ ވަކިން އަހަންނަށް ދުވަހަކުވެސް އުޅެވިދާނެޔެކޭ. އެކަމަކު… އެ ދުވަސް އައިމަ އެ ހިތްވަރު ވެސް ލިބިއްޖެ. ގިނަ ފަހަރު އަހަރެމެން އިންސާނުންނަށް ނޭނގޭ އަހަރެމެންނަކީ ކިހާ ހިތްވަރު ގަދަ ބައެއްކަން. އެކަން ފެންނާނީ ނުވަތަ އެނގޭނީ ކަމެއް ޖެހުނީމަތާ…" މުނީރު ބުނެލިއެވެ. އެފަދަ ވާހަކަތަކެއްގައި ތިއްބާ އޭނާއަށް ރާދިންގެ ފޯނެއް އައެވެ.
"ބައްޕާ… " ރާދިން ގޮވާލިއެވެ.
"އާނ. ކީކޭ ދަރިފުޅާ…" ރާދިންގެ އަޑުގައި މަޑުމޮޅިކަމާ އެއްވަރަށް ހާސްކަންވެސް ވެއެވެ.
"އާރ ޔޫ… އާރ ޔޫ ބިޒީ؟" ރާދިން ސުވާލުކޮށްލިއެވެ.
"ނޫން. މިހާރު ބޭރުގަ. އިރުކޮޅަކުން ގެއަށް ދާން މިއުޅެނީ… ކިހިނެއްވީ؟ ކަމެއްވީތަ؟" މުނީރުގެ ސުވާލައަށް ރާދިން އާއެކޭ ބުނެލިއެވެ.
"ކިހިނެއްވީ؟" ރާދިންއަށް މުނީރުގެ އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުމާއެކު ހިމޭންކަން އިޚްތިޔާރުކުރެވުނެވެ.
"މައާލްއާ ގުޅޭކަމެއްތަ؟" އެންމެފަހުން މުނީރު ސުވާލުކޮށްލުމާއެކު ރާދިން އާއެކޭ ބުނެ އެދުނީ އޭނާ ހުންނަ ހޮޓެލަށް އައުމަށެވެ.
"ދާން ޖެހުނީ ދޯ… އިންޝާ ﷲ ވާނެ ދިމާވާން އަދި. ދެ ހަފްތާވަރު ވަންދެން އަހަރެން މިކޮޅުގައި އުޅޭނަން." ކަމާލު ބުނެލިއެވެ. ސަލާމްކޮށްލާފައި މުނީރު ނުކުތްއިރު ޑްރައިވަރު ދޮރުމަތީގައި ހުއްޓެވެ. މުނީރު ކާރަށް އެރުމާއެކު ދޮރުފަތް ލައްޕާލާފައި ގޮސް އޭނާ ކާރު ދުއްވާލީ ހޮޓެލަށް ދިޔުމަށެވެ. އެތެރެއަށް ވަދެފައި ރާދިން ބުނި ރޫމާ ހިސާބަށް އޭނާ ދިޔައެވެ. ބެލް އަޅާލުމާއެކު، ރާދިން ދޮރު ހުޅުވާލިއެވެ.
"ކިހިނެއްވީ ދަރިފުޅާ…" ރާދިންއަށް ބަލާލި މުނީރު ސުވާލުކޮށްލުމާއެކު، އޭނާގެ ނަޒަރު ހުއްޓުނީ ރާދިންގެ އަތަށެވެ. އެ އަތުގެ އިނގިލިތަކުގައި ކޮންމެވެސް ވަރަކަށް ލޭގެ އަސަރު ހުރުމާއެކު ގަމީހުގައިވެސް ލޭ ހޭކިފައި ހުއްޓެވެ.
"ރާދިން… މީ ކޮންކަމެއް؟" ރާދިންގެ އަތަށް ނަޒަރު ހުއްޓާލާފައި މުނީރު ސުވާލުކޮށްލީ އެތެރެއަށް ވަދެލާފައެވެ. އެއާއެކު އޭނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ފާރާ ދިމާލުގައި އިސްޖެހިފައި އެއް އަރިއަކަށް ބޯ ވެއްޓިފައި ކަހަލަ ގޮތަކަށް އިން ފިރިހެންމީހާއެވެ. އޭނާގެ މޫނުމައްޗަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ނޭފަތާ އަނގައިން ވެސް ލޭ އައިސް ކޮންމެވެސް ވަރަކަށް ލޭ ހިކިފައި ހުއްޓެވެ.
"ރާދިން…"
(ނުނިމޭ)