31 Dec 2023, 11:37
ޢިސްރާއީލުގެ ފައުޖުތަކާއި ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައަށް ފިލަން ހިނގާފަ ދިޔަ އަންހެނަކު ޣައްޒާގެ އުތުރުގައި ހުންނަ ހޮސްޕިޓަލެއްގައި އެއްމާބަނޑު ހަތަރު ކުދިން ވިހައިފިއެވެ.
ޢުމުރުން 28 އަހަރުގެ އިމާން އަލް މަސްރީ ތިން ދަރިންނާ އެކު ފައިމަގުގައި ބެއިތް ހަނޫން ސިޓީން ފިލައިގެން ދިޔައީ ބަނޑަށް ހަ މަހުގައެވެ. ޣައްޒާގެ ޖަބަލިޔާ ރެފިއުޖީ ކޭމްޕާ ހަމައަށް ފަސް ކިލޯމީޓަރަށް މަސްރީ ވަނީ ހިނގައިފައެވެ. އޭގެ ފަހުން މަސްރީ ވަނީ އެއަށްވުރެ ވެސް އުތުރު ކަމަށްވާ ދީރް އަލް ބަލާޙަށް ފައިމަގުގައި ގޮސްފައެވެ. އަދި, އެ ސަރަޙައްދުގައި ހުރި އދ ގެ ރެފިއުޖީ ސްކޫލެއްގައި މަޑުކޮށްގެން އިންދައި ވިހަން ބަނޑުގައި ރިއްސައިގަނެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް މަސްރީ ކިޔައިދިނެވެ.
ބަލި ޙާލަތު ތަންނުދިނުމުގެ ސަބަބުން ހޮސްޕިޓަލްގައި ގާތްގަޑަކަށް ހަތަރު ދުވަހު މަޑުކުރުމަށް ފަހު އޮޕަރޭޝަންކޮށް އެއްމާބަނޑު ހަތަރު ކުދިން މަސްރީ ވަނީ ވިހައިފައެވެ. މި މަހުގެ 18 ވަނަ ދުވަހު ވިހޭ އެ ހަތަރު ކުދިންނަނީ ދެ އަންހެން ކުދިން ކަމަށްވާ، ޓިއާއާއި ލީން އަދި ދެ ފިރިހެން ކުދިން ކަމަށްވާ، ޔާސިރާއި މުޙައްމަދެވެ.
މަސްރީއާ އެކު ތިން ކުދިން ގެއަށް ދޫކޮށްލައިފައިވާއިރު، މުޙައްމަދުގެ ހާލު ދެރަ ކަމުން އަދިވެސް އޮތީ ހޮސްޕިޓަލްގައި ބާއްވައިފައެވެ.
ގެއަށް ދޫކޮށްލި ނަމަވެސް ރެފިއުޖީ ކޭމްޕުގައި އެ މީހުންނަށް އުޅެން ޖެހިފައިވަނީ އެތައް ބަޔަކާ އެކުގައި ރަނގަޅަށް ކާބޯތަކެއްޗާއި ސާފު ބޯފެން ވެސް އެކަށީގެންވާ ގޮތަށް ނުލިބި ކަމުން އެ ޙާލަތަކީ އޭނާއަށާއި ކުދިންނަށް ވެސް ދަތި އުނދަގޫ ޙާލަތެއް ކަމަށް މަސްރީ ބުންޏެވެ.
އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 21،000 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ޝަހީދުކޮށްލައިފައިވާއިރު، 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ ދެބައިކުޅައެއްބައި މީހުންނަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.