އިންޑިއާގެ އެންމެ ވަރުގަދަ އެއް ފިލްމު ކުންފުނި ކަމަށްވާ ދަރުމާ ކުންފުނިން އުފައްދަން ނިންމާފައިވާ "ދުލްހަނިއްޔާ3"އިން ވަރުން ދަވަންއާ އެކު ބަތަލާ އާލިއާ ބަޓް ނުފެންނާނެ ކަމަށް ރިޕޯޓތަައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގައި ބުނެފައިވާ ގޮތުން ދަރުމާގެ 'ދުލްހަނިޔާ' ފްރެންޗައިސްގެ ދަށުން އުފައްދާ ތިންވަނަ ފިލްމަށް ގެންނަން ބޭނުން ވަނީ މުޅިން އާ މޫނެކެވެ.

ދަރުމާ ކުންފުންޏަށް ކާމިޔާބު ގިނަ ފިލްމުތައް ޑައިރެކްޓްކޮށް ދީފައިވާ ޝަޝާންކްގެ ކުރިން ގެނެސްދިން ދެ ފިލްމުން ވެސް ވަރުން ދަވަންއާ އެކު ފެނިފައިވަނީ ބަތަލާ އާލިއާ ބަޓްއެވެ. ފިލްމު "ދުލްހަނިޔާ3"އާ ބެހޭގޮތުން ޑައިރެކްޓަރު ޝަޝާންކާއި ޕްރޮޑިއުސަރު ކަރަން ޖޯހަރު މަޝްވަރާތައް ކުރިއަށް ގެންދާތާ ދުވަސްކޮޅެއް ވެފައިވާއިރު ފިލްމުގެ އެންމެ ފަހުގެ ނިންމުންތައް މިހާރު ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މި ފިލްމުގެ މަސައްކަތް އަންނަ ފެށޭ އަހަރުގެ ފަހުކޮޅު ފަށަން ނިންމާފައިވާއިރު މިހާރު އެންމެ ހަލުވިކަމާ އެކު ފަށާފައިވާ މަސައްކަތަކީ ވަރުންއާ އެކު ލީޑް ރޯލް ކުޅޭނެ މުޅީން އާ ބަތަލާއެއް ހޯދުމުގެ މަސައްކަތެވެ.

ޑައިރެކްޓަރު ޝަޝާންކް އަދި އެކްޓަރު ވަރުން ދަވަން-- ފޮޓޯ/ އިންޓަނެޓް

މި އަހަރުގެ ޖުލައި މަހު އެމޭޒަން ޕްރައިމްއިން ގެނެސްދިން ފިލްމު "ބަވާލް"ގެ ލީޑް އެކްޓަރު އަންނަނީ ބައްޕަ ޑޭވިޑް ދަވަންގެ ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ. ފެށޭ އަހަރުގެ މާޗު މަހު މި ފިލްމުގެ މަސައްކަތް ފަށަން ނިންމާފައިވާއިރު ވަރުން އަންނަނީ އެމޭޒަން ޕްރައިމްއިން ގެނެސްދޭ "ސިޓަޑެލް އިންޑިއާ"ގައި ވެސް މަސައްކަތް ކުރަމުންނެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ފިލްމު ރިލީޒް ކުރާނެ ވަކި ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.