ޓީވީ ސިލްސިލާތަކުން ބެލުންތެރިންގެ ހިތް ފަތަޙަ ކުރުމަށް ފަހު ހިންދީ ސިނަމާގައި ފައިތިލަ ސާބިތު ކޮށްފައިވާ އުއްމީދީ ބަތަލާ މްރޫނާލްގެ ތެލުގޫ ފިލްމު ނެޓްފްލިކްސްގައި ރިލީޒް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ކުރިއަށް އޮތް ޖަނަވަރީ މަހުގެ ހަތަރުވަނަ ދުވަހު ނެޓްފްލިކްސްގައި ރިލީޒްކުރާ މި ފިލްމުގެ ނަމަކީ "ހައި ނަންނާ"އެވެ.

އަލަށް ފިލްމު ޑައިރެކްޓް ކުރުމުގެ މަސައްކަތަށް ނުކުތް ތެލުގޫ ޑައިރެކްޓަރު ޝައުރްޔޫވްގެ މި ފިލްމަކީ، ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ސިނަމާތަކުގައި ރިލީޒް ކޮށްފައިވާ ފިލްމު "ހައި ނަންނާ"އަކީ ތެލުގޫ ފިލްމެއް ނަމަވެސް ނެޓްފްލިކްސްގައި ފިލްމު ރިލީޒް ކުރެވޭ ބަހުރުވައިގެ ތެރޭ ހިންދީ ބަހުރުވަ ވެސް ހިމެނެއެވެ.

ސިނަމާތަކުގައި ފިލްމު އެޅުވުމާ އެކު ބެލުންތެރިންގެ ފަރާތުން ފިލްމަށް ލިބުނު ރިވިއުސްތައް ރަގަޅުވުމާ އެކު ގިނަ ބަޔަކު ތިބީ ފިލްމު ޑިޖިޓަލް ރިލީޒަކަށް ދާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ބަތަލާ މްރޫނާލް ތާކުރު-- ފޮޓޯ/ފޭސްބުކް

ފިލްމު "ލަވް ސޯނިއާ"އިން 2018ވަނަ އަހަރު ހިންދީ ސިނަމާއަށް ނުކުތް ބަތަލާ މްރޫނާލް އަކީ ބޮލީވުޑްގެ އެންމެ އުއްމީދީ ބަތަލާއިންގެ ތެރޭ ހިމެނޭ ތަރިއެކެވެ. ވަރަށް އުއްމީދީ ކުރިމަގެއް ފިލްމީ ދާއިރާގައި އޮތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ބަތަލާގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭ އެކްޓަރު ޝާހިދު ކަޕޫރާ އެކު ކުޅުނު ފިލްމު "ޖާޒީ"، ފަރްހާން އަހްތަރާ އެކު ކުޅުނު ފިލްމު "ތޫފާން" އަދި ބޮޑު މަގުބޫލު ކަމެއް ހޯދި ތެލުގޫ ފިލްމު "ސީތާ ރަމާމް" ހިމެނެއެވެ.

މްރޫނާލް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ ނޮވެމްބަރު މަހު އެމޭޒަން ޕްރައިމްގައި ރިލީޒް ކުރި ފިލްމު "ޕިއްޕާ" އިންނެވެ. ފެށޭ އަހަރު މްރޫނާލް އިތުރު ދެ ފިލްމެއްގެ މަސައްކަތް ކުރާނެއެވެ. އޭގެ ތެރޭގައި ބޮލީވުޑް ފިލްމެއް ވެސް ހިމެނެއެވެ.