ދާދި ފަހުން ރިލީޒްކުރި ރާޖް ކުމާރު ހިރާނީގެ ފިލްމު "ދުންކީ"އިން ފެނުނު ބަތަލާ، ތާޕްސީގެ ކުރިއަށް އޮތް ފިލްމު "ޕިރް އާޔީ ހަސީން ދިލްރުބާ"އަށް ދެން މާ ގިނަ ދުވަހު އިންތިޒާރުކުރަން ނުޖެހޭނެ ކަމަށް ބަތަލާ ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ތާޕްސީ ބުނެފައިވަނީ ފިލްމުގެ ޝޫޓިންގް ނިމި މިހާރު ކުރިޔަށް ދަނީ ފިލްމުގެ މަންޒަރުތައް އެޑިޓް ކުރުމުގެ މަސައްކަތެވެ.

މީގެ ދެ އަހަރު ކުރިން ރިލީޒްވި ފިލްމު "ހަސީން ދިލްރުބާ"ގެ ސީކުއަލްއަށް ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރާކަން ގަބޫލުކުރާ ކަމަށާއި މި ފަހަރުގެ ސީކުއަލް އަކީ ފުރަތަމަ ބަޔަށް ވުރެ ބެލުންތެރިންގެ ޝައުގުވެރިކަން އެތައް ގުނަޔަކަށް އިތުރުވާނެ ފިލްމެއް ކަމަށް ތާޕްސީ ވަނީ ބުނެފައެވެ.

ޓީ-ސީރީސްގެ އިތުރުން އިތުރު ދެ ފިލްމު ކުންފުންޏެއް ގުޅިގެން ގެނެސްދޭ މި ފިލްމަކީ ރޮމޭންޓިކް ތުރިލާ އެކެވެ. ފުރަތަމަ ފިލްމުގައި ހިނގި ހާދިސާތަކާ ގުޅުވާލައިގެން ގެނެސްދޭ ސީކުއަލްއިން ތާޕްސީއާ އެކު އެކްޓަރު ވިކްރާންތު މަސޭ މި ފަހަރު ވެސް ފެންނާނެއެވެ.

ތާޕްސީ ފިލްމު "ހަސީން ދިލްރުބާ'ގެ މަންޒަރެއްގައި-- ފޮޓޯ/ ޓެލެގްރާފް އިންޑިއާ
ބަތަލާ ތާޕްސީ ޕަންނޫ އަކީ އަބަދު ވެސް ވަރަށް ޖެހިލުން ކުޑަ ރޯލްތައް ކުޅުމަށް އިސްކަންދޭ ބަތަލާއެއް ކަމުން ފިލްމު "ހަސީން ދިލްރުބާ"ފަދަ ފްރެންޗައިސްއަކުން ފުރުސަތު ލިބުމަކީ ވަރަށް ފަޚުރުވެރިވާ ކަމެއް ކަމަށް ތާޕްސީ ވަނީ ސިފަކޮށްފައެވެ.

ހާއްސަކޮށް ބަތަލާ ރާނީ މުކަރުޖީގެ ފިލްމު "މަރްދާނީ"ފަދަ ފްރެންޗައިސް ފިލްމުތަކަށް ބެލުންތެރިންގެ މެދުގައި ލިބޭ މަގުބޫލުކަމާ އެކު ތާޕްސީ ވެސް ބޭނުން ވަނީ އެފަދަ ފްރެންޗައިސް ފިލްމުތަކުން ފުރުސަތު ހޯދުމަށް ކަމަށް ފިލްމު "ތައްޕަޅް"ގެ ބަތަލާ ވަނީ ބުނެފައެވެ. ފިލްމު "ޕިރް އާޔީ ހަސީން ދިލްރުބާ"ގެ އިތުރުން ތާޕްސީ ފުލުހުންގެ އިސް އޮފިސަރެއްގެ ރޯލް ކުޅޭ ފިލްމެއް ވެސް އަންނަ އަހަރު ރިލީޒް ކުރުމަށް ވަނީ ނިންމާފައެވެ.