އެތުލެޓިކް ބިލްބާއޯ އަތުން 3-0 ލަނޑުން މޮޅުވެ، ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން 26 ވަނަ ފަހަރަށް ބާސެލޯނާއިން ރޭ ހޯދައިފި އެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑް ބާސާއިން ނެގީ ފުރަތަމަ ހާފުގެ ތިން ވަނަ މިނެޓުގަ އެވެ. އެ ލަނޑު ބާސާއަށް ކާމިޔާބުކޮށްދިނީ ސްޕެއިންގެ ފޯވާޑް ޕެޑްރޯ އެވެ. އަދި މެޗުގައި ބާސާއަށް ލީޑް ފުޅާކޮށްދިން ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހުނަރުވެރި ފޯވާޑް މެސީ އެވެ. އަދި ބާސާގެ ތިން ވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ފެނިގެން ދިޔައީ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިން ޕެޑްރޯގެ ފަރާތުންނެވެ.

އިއްޔެގެ މެޗަށް ފަހު ބާސެލޯނާގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ، އޭނާގެ ފަހު މެޗުގައި ބާސާ ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި ވޭތުވެދިޔަ ހަތަރު އަހަރު ބާސާގައި ހޭދަކުރި ދުވަސް ވަރަކީ އޭނާގެ ކޯޗްކަމުގެ ކެރިޔާގެ އެންމެ ރަން ދުވަސް ވަރުކަމަށެވެ.

"މިއީ ބާސާއަށް އަހަރެން ކޯޗް ކޮށްދިން ފަހު މެޗް. އަހަރެންގެ އިރުޝާދުގެ ދަށުން ބާސާ ހޯދީ ފެންވަރުގެ ކާމިޔާބީތަކެއް. އަހަރެންގެ ފަހު މެޗުން ވެސް ލިބުނުކާމިޔާބީއާ އެކު އަހަރެން މިހުރީ އުފަލުން." ގާޑިއޯލާ ބުންޏެވެ.

ބާސާގެ ކޯޗު ކަމުން ގާޑިއޯލާ ދުރަށް ދިޔައިރު، އޭނަ ވަނީ ބާސާއަށް 14 ތަށި ހޯދައި ދީފަ އެވެ. އެގޮތުން ގާޑިއޯލާގެ އިރުޗާދުގެ ދަށުން ބާސާވަނީ ސްޕެނިޝް ލީގު ތިން ފަހަރު ހޯދައިފަ އެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު ހޯދައިފައިވާ އިރު، ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ގާޑިއޯލާގެ އިރުސާދުގެ ދަށުން ބާސާވަނީ ކާމިޔާބު ކޮށްފަ އެވެ. އަދި ސްޕެނިޝް ކަޕް ވެސް ގާޑިއޯލާ ވަނީ ބާސާއަށް ދެ ފަހަރު ކާމިޔާބުކޮށްދީފަ އެވެ.