ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ރިސޯޓުތައް ތަރައްގީކުރުމަށް ނުއަގުގައި ރަށްތައް ދޫކޮށްފައިހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ފަތުރުވެރިކަމަށް ދޫކުރުމަށް ފަހު މިހާތަނަށް ނުހެދި ހުރި ރަށްތަކުގެ މައުލޫމާތު އޭނާ އެއްކުރެއްވިކަމަށެވެ. އެގޮތުން 63 ރަށެއް ދޫކުރެވި މިހާތަނަށް ފަތުރުވެރިކަމަށް ނުނެރެވިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އެގޮތަށް ދޫކޮށްފައިވާ ބައެއް ރަށްތައް މިދިޔަ ސަރުކާރުން ނުއަގުގައި ދޫކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އެ ރަށްތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން އަލަށް އުފައްދާފައިވާ ވިޒިޓާ އިކޮނޮމިކް ކައުންސިލުން ގޮތްތަކެއް ނިންމައި، ކުރިއަށް ދެވޭނެ މަގު މިހާރު ފަހިކޮށްދީފައިވާ ކަމަށެވެ.

"މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 63 ރަށެއް އެބައޮތް ދޫކުރެވި އެވޯޑް ކުރެވިފައި، ބައެއް ރަށްރަށް އެބަހުރި 15 އަހަރާއި 20 އަހަރާ ދެމެދު އެރަށްތައް މާކެޓަށް ނުނިކުމެ،" މިނިސްޓަރު ވިދާޅުވިއެވެ.

"ފުރަތަމަ ކަމަކަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތަކީ އެރަށްތައް އައިޑެންޓިފައިކޮށް، އެރަށްތައްކަށް އިންވެސްޓްކޮށްފައި ތިބި ވިޔަފާރިވެރިން ހޯދައިގެން ހުރި ދަތިތަކަކީ ކޮބައިތޯ އަދި ކީއްވެގެންތޯ މިހާ ދުވަސްވީއިރު ވެސް އެ ރަށްތައް ނުހެދި ޓޫރިޒަމް މާކެޓަށް ނުނެރެވި އެހުރީ."

ފައިސަލް ވިދާޅުވީ މިނިސްޓްރީގެ އެންމެ ބޮޑު އެއް އަމާޒަކީ އެހެން ނުހެދި ހުރި ރަށްތަކުގެ ތެރެއިން 50 ޕަސެންޓު މި ފަސް އަހަރު ދުވަސްތެރޭ މާކެޓަށް ނެރުން ކަމަށެވެ.

އަދި އަމާޒަކީ އަންނަ އަހަރުތެރޭ 12 ނުވަތަ 15 ރިސޯޓް އަލަށް ހުޅުވުންކަމަށާއި އޭރުން 1000 އެނދު އިތުރުވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ފަސް އަހަރު ތެރޭ، ރިސޯޓު ތަރައްގީކުރުމަށް 51 ރަށެއް އިއުލާނު ކުރިއެވެ. އޭގެ ތެރެއިން ހަމައެކަނި މިއަހަރުވެސް ރިސޯޓް ތަރައްގީ ކުރަން 14 ރަށެއް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކުރިއެވެ.

ނަމަވެސް މިހާތަނަށް ހަވާލު ކޮށްފައި ވަނީ އަށް ރަށެކެވެ.