30 Dec 2023, 23:04
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މާކެޓިން އިތުރަށް ވަރުގަދަކުރެވިއްޖެނަމަ އަންނަ އަހަރަށް ކަނޑައަޅާފައިވާ ދެ މިލިއަން ފަތުރުވެރިންނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައުން ގާތް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިރޭ ވިދާޅުވެއްޖެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި އަންނަ އަހަރު 2.01 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެއެވެ.
ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، އެ މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދީގެން ކުރާނެ ކަމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ މާކެޓިން ރަނގަޅުކޮށް އޮކިއުޕެންސީ ވަރުގަދަކުރުން ކަމަށެވެ.
ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރަމުންދަނީ މިހާރު ވެސް އެ މަސްއޫލިއްޔަތު އަދާކުރަމުންދާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އެވެ.
އެމްއެމްޕީއާރުސީ އެއްކޮށް ރީބްރޭންޑް ކުރަން ނިންމާފައިވާ ކަމަށާއި އެކަން ކުރުމަކީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވެއްލައްވާ ކަމެއް ކަމަށް މީގެ ކުރިން ފައިސަލް ވަނީ ވިދާޅުވެފައެވެ.
ފައިސަލް ވިދާޅުވީ އެމްއެމްޕީއާރްސީގެ ބަޖެޓު އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން އެ ބަޖެޓު އިތުރުކޮށްގެން އާ މާކެޓުތަށް ރާއްޖެއަށް ތައާރަފުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"އެގޮތުން ޑެސްޓިނޭޝަން މާކެޓުތައް ކުރިއަށް ގެންދިޔުން، އޭގެ ތެރޭގައި ޑިޖިޓަލް މީޑިއާ، މާކެޓިން ޓްރެޑީޝަނަލް މީޑިއާއަށް ބަލާއިރު ސީއެންއެން، ބީބީސީ އަދި އަލްޖަޒީރާ ތަންތަނުގައި ވެސް މާކެޓިން ކަންތައްތައް ވަރުގަދަ ކުރާނަން. މިސާލަކަށް ސޯޝަލް މީޑިއާ، އިންފްލުއެންސާސް،" މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.
"މީގެ ކުރިން ކޮންސިއުމާ މާކެޓިން އަކަށް މާބޮޑަކަށް އިންވެސްޓު ކުރެވިފައެއް ނުވޭ. އެކަމަށް އަހައްމިއްޔަތުކަން ދީގެން ރާއްޖޭގެ ޑިމާންޑު އިތުރުކުރަން ވަރަށް ބޮޑެތި މަސައްކަތްތައް ކުރާނަން."
ފައިސަލް ވިދާޅުވި ގޮތުގައި މިވަގުތު ދުނިޔޭގައި ހިނގަމުންދާ ބޮޑެތި ހަނގުރާމަތަކާ ހުރެ ވެސް ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ.
"ފަލަސްތީން އިޒްރޭލް ކަންތައް އަދި ޔުކްރޭން ހަނގުރާމަ، މިއީ ވަރަށް ބޮޑެތި ދަތިތައް. ބައެއް ދަތުރުވެރިން މިހާރު އެބަތިބި ޓްރެވެލް ކުރާނީތޯ ނުކުރާނީތޯ ޑިސައިޑް ނުކޮށް. އެކަންކަމާ ލައިގެން އަޅުގަނޑުމެން ކުރިއަށް ދާންޖެހޭނީ،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެފަދަ ކަންތައްތަކާއެކު ވެސް މާކެޓިން ވަރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ގަބޫލުކުރާހިތް އޮތީ އެމްއެމްޕީއާރްސީގައި ވަރަށް ގާބިލް މެނޭޖިން ޑިރެކްޓަރެއް [ފާތިމަތު ތައުފީގު] އެ ހުންނެވީ. އަދި މުޅި ޓީމާއި ޓޫރިޒަމް މިނިސްޓްރީއާ އެކީ އަޅުގަނޑުމެން އެންމެން މިކުރެވޭ މަސައްކަތުގައި ރާއްޖެއަށް ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އައުން ވެސް އެއީ ވަރަށް ގާތްކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ކޮވިޑްގެ ކުރިން ރާއްޖޭގެ އެންމެ ކުރީގައި އޮތް ޗައިނާ މާކެޓުން އަންނަ އަހަރު އެކަށީގެންވާ އަދަދެއްގެ ފަތުރުވެރިން އިތުރުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މިހާރު ޗައިނާ އޮތީ ތިން ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައެވެ. އެގޮތުން މިއަހަރު އެގައުމުން 185,976 ފަތުރުވެރިން އައިސްފައިވެއެވެ.
ރާއްޖެއަށް މި އަހަރު އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެއްގެ ގޮތުގައި އެންމެ ގިނަ ދުވަސް ވަންދެން އޮތީ ރަޝިއާއެވެ. ނަމަވެސް މިދިޔަ ހަފުތާގައި އިންޑިއާއިން ވަނީ މަގާމު ހޯދާފައެވެ. އެގޮތުން އިންޑިއާއިން މިހާތަނަށް 206,026 ފަތުރުވެރިން އައިސްފައިވާއިރު، ރަޝިއާއިން އައިސްފައިވަނީ 204,043 ފަތުރުވެރިންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް މި އަހަރު ފުރަތަމަ ކަނޑައެޅި 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒަށް މިހާރު ވަނީ ވާސިލް ވެފައެވެ.
އެއާއެކު ދެން މިއަހަރަށް ކަނޑައަޅާފައިވާ 1.9 މިލިއަން ފަތުރުވެރިންގެ އަމާޒަށް މި އަހަރު ވާސިލްވެވޭނެކަމަށް ބެލެވޭކަމަށް ވެސް މީގެ ކުރިން ފައިސަލް ވަނީ ވިދާޅުވެފައެވެ.