30 Dec 2023, 21:01
މެންޗެސްޓާ ސިޓީގެ އިނގިރޭސި ފޯވަޑް ޖެކް ގްރީލިޝްގެ ގެ ފަޅާލައި، އެއް މިލިއަން ޕައުންޑުގެ އަގުހުރި ތަކެތި ވަގަށް ނަގައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ވަގުންގެ ބަޔަކު އެ ގެއަށް ވަދެފައިވަނީ މިދިޔަ ބުދަ ދުވަހު އެވަޓަންއާ ދެކޮޅަށް ސިޓީން ކުޅުނު ޕްރިމިއާ ލީގު މެޗު ޓީވީން ބެލުމަށް ގްރީލިޝްގެ އާއިލާގެ މެންބަރުން އެއްވެ ތިބި ވަގުތެއްގައެވެ.
ވަގުން ވަނުމާ ގުޅިގެން އެ ވަގުތު އެ ގޭގައި ދިރިއުޅެމުންދިޔަ ގްރީލިޝްގެ ލޯބިވެރިޔާ ސާޝާ އެޓްވުޑާއި މައިންބަފައިންނާއި މާމަ އާއި ތިން ކޮއްކޮ ބިރުވެރިކަމެއްގެ ތެރޭގައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ. ގްރީލިޝްގެ އެ ގެއަކީ 5.6 މިލިއަން ޕައުންޑް (7.1 މިލިއަން ޑޮލަރު)ގެ އަގަކަށް އޭނާ ގަނެފައިވާ ގެއެކެވެ.
ރިޕޯޓުތައް ބުނާގޮތުގައި ހެލިކޮޕްޓަރު ބޭނުންކޮށްގެން ވެސް ވަގުން ހޯދުމަށް ފުލުހުން ވަގުތުން މަސައްކަތް ފެށި ނަމަވެސް، އެއް މިލިއަން ޕައުންޑްގެ އަގުހުރި ތަކެއްޗާއެކު ފިލާފައިވާ އެމީހުން އަދި ހޯދިފައެއް ނުވެއެވެ.
އެކަމާ ގުޅޭގޮތުން އިނގިރޭސި ފުލުހުން ބުނީ ގިނަ އަދަދެއްގެ ތަކެތި ވަގަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށާއި ވައިގެ މަގުން ވެސް އެމީހުން ހޯދުމުގެ މަސައްކަތްކޮށްފައިވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.