30 Dec 2023, 19:21
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ފުރަތަމަ 14 ހަފުތާ ތެރޭގައި އިސްރަށްވެހިންނަށް ޚާއްޞަކޮށް ގާއިމްކުރާ އިޖުތިމާއީ މަރުކަޒުގެ ތެރެއިން، މާލޭގައި ހަދާ މަރުކަޒުގެ މަސައްކަތް ސިފައިންގެ ވެލްފެއާ ކުންފުނި ސިވެކްއާ ހަވާލުކޮށްފިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މާލެ ސަރަހައްދުގައި މަރުކަޒު ގާއިމުކުރާނީ ގުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގަމުން އައި އިމާރާތުގައެވެ.
އެގޮތުން، އެތަނުގައި އިޖުތިމާއީ މަރުކަޒެއް ހެދުމަށް އިމާރާތުގެ އާބާތުރަފިލުވައި އިސް ރަށްވެހިންނަށް ޚިދުމަތްދެވޭނެ ތަނެއްގެ ގޮތުގައި ތަރައްގީކުރުމަށް ތަނުގެ އިންޓީރިއާ ފަރުމާކުރުމާއި، ތަނަށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ ކަންކަން ޕެންޝަން އޮފީހާ ހަވާލުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އެކަމާ ބެހޭ އެއްބަސްވުމެއްގައި މިދިޔަ ހޯމަ ދުވަހު ސޮއިކޮށްފައިވާ ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރިއެވެ.
އެ ބަޔާނުގައިވާ ގޮތުން، އެ އިމާރާތުގެ އާބާތުރަފިލުވުމުގެ މަސައްކަތް ކުރިއަށްގެންދާނީ ސިވެކްއިންނެވެ. އެކަމާ ބެހޭ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މާލޭގެ އިތުރުން ހުޅުމާލެއާއި އަތޮޅުތެރޭގައި ވެސް މިފަދަ މަރުކަޒުތައް ގާއިމްކުރުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އެގޮތުން، ހުޅުމާލޭގައި މަރުކަޒެއް ގާއިމްކުރުމާ ގުޅޭގޮތުން އާބަންކޯއާ މަޝްވަރާކޮށް، ރަށްރަށުގައި މިފަދަ މަރުކަޒުތަށް ބިނާކުރުމަށް ކައުންސިލްތަކާއި ސިޓީ ކައުންސިލް ތާކާއެކު މަޝްވަރާކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުން މާލޭ ސަރަހައްދުގެ އިތުރުން ނ. އަތޮޅާއި އއ. އަތޮޅުގައި ވެސް އިސްރަށްވެހިންނަށް ޚާއްސަ މަރުކަޒުތަކެއް ގާއިމްކުރާނެއެވެ.
މި މަރުކަޒުގައި ދުޅަހެޔޮ ދޮށީ އުމުރަކަށް ތައްޔާރުވުމަށްޓަކައި އިސްރަށްވެހިންނަށް ބޭނުންވާ ކަންކަން ހިމަނައިގެން ޚާއްސަ ޕްރޮގްރާމުތަކެއް ހިންގާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.