މިހާރުގެ މަޖިލީހުގެ ދައުރު ފެށޭ އަހަރުގެ ކުރީކޮޅު ހަމަވާއިރު ވެސް މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ގޮތުގައި އޮންނާނީ އެމްޑީޕީ ކަމަށް އެ ޕާޓީއިން މިއަދު ބުނެފިއެވެ.

އެންމެ ފަހުގެ މަޖިލީހުގެ އިންތިޚާބު އޭރު ވެރިކަމުގައި އޮތް އެމްޑީޕީން 65 ގޮނޑިއާއެކު ކާމިޔާބުކޮށް ސުޕަ މެޖޯރިޓީ ހޯދިއެވެ. ނަމަވެސް ޑިމޮކްރެޓްސް އުފެއްދުމަށް 13 މެންބަރަކު އެ ޕާޓީން ވަކިވުމާއެކު މެންބަރުގެ އަދަދު ދަށަށް ދިޔައެވެ. އޭގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު އެ ޕާޓީގެ 13 މެންބަރަކު މިވަނީ ސަރުކާރުހިންގާ ޕީއެންސީއަށް ސޮއި ކުރައްވާފައެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ ޕާޓީގެ ޓިކެޓްގައި އިންތިޚާބުވެފައި އެގޮތަށް ޕާޓީ ބަދަލު ކުރުމަކީ ވޯޓްދިން ރައްޔިތުންނަށް ދިން ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އަދި ނިޔާޒު ވިދާޅުވީ 43 މެންބަރުންނާއެކު މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ އެމްޑީޕީގައި ކަމަށެވެ.

"މި މެޖޯރިޓީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ހިފަހައްޓާނަން. އިތުރު މެންބަރަކު ވަކިވެގެންދާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުންނާއެކު ހުންނަވައި ނިޔާޒު ވިދާޅުވިއެވެ.

ޕީއެންސީއަށް މެންބަރުން ސޮއި ކުރުމަށް ބޭއްވި ހަފުލާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އިނގިލި ބުރިކޮށްލި ކަމުގައިވީ ނަމަވެސް އެ މަނިކުފާނާ ދެކޮޅަށް ވޯޓު ނުދެއްވާނެ އެމްޑީޕީ މަޖިލިސް މެމްބަރުން އަދިވެސް އެބަ ތިއްބެވިކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ނިޔާޒު ވިދާޅުވީ ރައީސް ބޭނުންފުޅުވާ ގޮތަށް ވޯޓް ދެއްވާނެ އިތުރު މެންބަރަކު މިހާރު އެމްޑީޕީގައި ނެތް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި އެ ބޭފުޅުން އަޅުގަނޑުމެންގެ ތެރެއިން އިތުރަށް މެންބަރުން ހޯއްދެއްވުމަކަށް މަސައްކަތްތަކެއް ނުކުރައްވާނެ. ވިދާޅުވެފައި އެބައޮތް ވަޒީރުންނަށް ރުހުން ހޯދަން ވެސް ދެން މަސައްކަތެއް ނުކުރާނަމޭ. އެއީކީ ބޭނުންހުރި ކަމެއް ނޫނޭ. ސަރުކާރު ހިންގުމަކަށް ވެސް އުނދަގުލެއް ނޫނޭ. އެހެންވީމަ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެކަން ކުރައްވާނެ ކަމަކަށްވެސް." ނިޔާޒް ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް ވިދާޅުވީ އެމްޑީޕީގެ ޕީޖީ އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި މަޖިލީހުގެ މި ދައުރު ނިމޭއިރު ވެސް އެ ޕާޓީ އޮންނަނީ މެޖޯރިޓީއާއެކު ކަމަށެވެ. ރައީސް އަޒުލުކުރަން އެމްޑީޕީން އުޅޭ ކަމަށް ދެކެވޭ ވާހަކައާ ގުޅޭގޮތުން ސަލީމް ވިދާޅުވީ އެފަދަ ވިސްނުމެއް އެމްޑީޕީން އަދި ނުގެންގުޅޭ ކަމަށެވެ.

ސަލީމް އިތުރަށް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން އެމްޑީޕީއިން ތައްޔާރަށް ތިބި ކަމަށެވެ. ހުރިހާ ވަޒީރުންނަށް ރުހުންދޭން ކޮމެޓީން ފާސްކުރުމާއެކު ވީހާވެސް އަވަހަކަށް ޖަލްސާއެއް ބާއްވައި ތަޅުމުން އެކަމާ މެދު ގޮތެއް ނިންމުމަށް އެމްޑީޕީން ނިންމާފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމަށް ފަހު އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިޔާޒު ވިދާޅުވީ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް މިއަދު ފައްޓަވާނެ ކަމަށެވެ.

ބާވީސް ވަޒީރުންނަށް ރުހުންދޭން މިއަދު ކޮމެޓީން ފާސްކޮށްފައިވާއިރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ ތަޅުމުގައި އެކަމާމެދު އެ ޕާޓީން ވޯޓް ދޭނެ ގޮތެއް ނިންމާނީ ގައުމީ ރޫހެއްގައި ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ނެރޭ ވިޕްލައިނަކާ އެއްގޮތަށް ކަމަށެވެ.

ވަޒީރުންނަށް ރުހުން ދޭން ވެސް އަދި ނުދޭން ވެސް މިހާތަނަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމާފައި ނުވާ ކަމަށް ހުސައިން ވިދާޅުވިއެވެ.

މަޖިލީހަށް އިންތިޚާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ވަކި ކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ، އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކުރުމަކީ އެމްޑީޕީގެ ވައުދަކަށްވާއިރު އެކަން ނުކޮށް މިހާ ދުވަހު އޮތީ ކީއްވެގެންތޯ ސުވާލު ކުރުމުން ނިޔާޒު ވިދާޅުވީ އެކަން ކުރުމުގެ ވިސްނުން މިހާރު ވެސް އެ ޕާޓީން ގެންގުޅޭ ކަމަށެވެ.

އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން މަސައްކަތް ފަށަނީ އެ ޕާޓީގެ މެންބަރުންތަކެއް އެހެން ޕާޓީއަކަށް ސޮއި ކުރުމުން ނޫން ކަމަށާއި އެކަން ކުރަން ބޭނުންވަނީ މަޖިލިސް އިސްލާހު ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ކަމަށް ނިޔާޒު ވިދާޅުވިއެވެ.