ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދަކަށް މަދުވެގެން އެއް ރެސްކިއު ޑައިވަރު ތަމްރީނުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމަށް، ފިޝަރީސް މިނިސްޓްރީން ކޮންސަލްޓެންޓުންގެ ގޮތުގައި ޑައިވް އިސްްޓްރަކްޓަރުން ހޯދަން އިއުލާންކޮށްފިއެވެ.

ފިޝަރީސް މިނިސްޓްރީން ނެރުނު އިއުލާނެއްގައިވާ ގޮތުން. ޑައިވްކުރުމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ހިތާމަވެރި ހާދިސާތައް މަދުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ކުރިއަށްގެންދާނީ ދެކުނުގައެވެ. އެއީ ލ، ގއ، ގދ އަދި އައްޑޫ ސިޓީއަށް އަމާޒުކޮށްގެންނެވެ.

އެ ޕްރޮގްރާމަށް ކޮންސަލްޓެންޓުގެ ގޮތުގައި ޕްރޮޕޯސަލް ހުށަހަޅުއްވާ ޑައިވް އިންސްޓްރަކްޓަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަކީ:

- ވައިފުޅި އަޅައިގެން ފީނުމުގެ ހުއްދަ އޮތް އަދި ފީނުމުގެ ހުއްދަ އޮތް އަދި ޑައިވިން ކޯސް ކިޔަވައިދިނުމުގެ ހުއްދަ އޮންނަ ޑައިވިން އިންސްޓަަރްކަށްވުން.

- ޑައިވިން އިންސްޓްރަކްޓަރު ކޯސް ފުރިހަމަކުރިތާ މަދުވެގެން ދެ އަހަރުވެފައިވުން.

- މަދުވެގެން 10 ފަރާތަކަށް ޑައިވް ތަމްރީން (އޯޕަންވޯޓާ ނުވަތަ އެއަށްވުރެ މަތީ ލެވަލް) ކޯހެއް ހިންގާފައިވުމާއި މަދުވެގެން އެއް ފަރާތަކަށް ރެސްކިއު ޑައިވަރު ލެވެލްގެ ކޯސް ހިންގާފައިވުން.

- މި ޕްރޮގްރާމްގެ ދަށުން ހިންގާ ކޯހަކީ ސެޓިފައިޑް ޓްރެއިނިންއަކަށްވުން.

އެ އިއުލާނުގައިވާ ގޮތުން، ޕްރޮގްރާމްގައި ބައިވެރިވާ އިންސްޓްރަކްޓަރުންނަށް 35،000 ރުފިޔާ ދޭނެއެވެ. އެ ފައިސާއަށް އެދި ހުށަހަޅާނީ ޑައިވް ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ފަހު ކަމަށް އިއުލާނުގައިވެއެވެ.

އެ ކޮންސަލްޓެންސީއާ ގުޅުން ހުރި މައުލޫމާތު، ވެލާނާގެ ހަތް ވަނަ ފަންގިފިލާގައި ހުންނަ ފިޝަރީޒް މިނިސްޓްރީގެ އޮފީހުން އަންނަ ބުރާސްފަތި ދުވަހުގެ 11:00ގައި ލިބޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.

އެ ކޮންސަލްޓެންސީއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ނުވައެއްގެ 11:00 އެވެ.

ޑައިވިން ފުޅި އަޅައިގެން އެން ހޯދަން ފީނާއިރު ދިމާވާ ނުރައްކާތެރި ހާދިސާތައް ކުޑަ ކުރުމަށް ޓަކައި ކޮންމެ މަސް ދޯންޏެއްގައި ރެސްކިއު ޑައިވިން ސެޓްފިކެޓް އޮންނަ މީހަކު ހުރުން ލާޒިމްކުރާ ސިޔާސަތެއް ކަނޑައެޅުމުގެ ވިސްނުންފުޅެއް ރައީސް ގެންގުޅުއްވާކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްވަނީ މިމަހުގެ 10ގައި ފާހަގަކުރި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވިދާޅުވެފައެވެ.

އޭގެ ފަހުން ސަރުކާރުން ވަނީ، އެ ޕްރޮގްރާމް ކުރިއަށްގެންދާނީ މަސްވެރިންނަށް ގޮތަށް ކަމަށް ބުނެފައެވެ.