ބޮލީވުޑްގެ ފިލްމު ތަކުން ފެނިފައިވާ ބަތަލާ އީޝާ ކޮޕިކަރުގެ 14 އަހަރުވީ ކައިވެނި ރޫޅާލުމަށް ފަހު ފިރިމީހާއާ ވަކިން ދިރިއުޅެމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ނުވަދިހައިގެ އަހަރަތަކުތެރޭ ސައުތު ސިނަމާގެ ފިލްމު ތަކުން ފެނުނު ބަތަލާ ހިންދީ ސިނަމާއަށް ތަޢާރަފްވީ ދެހާހުގެ އަހަރުތަކުގައެވެ.

ފިލްމު "ގަޔާމަތު"، "ރުދްރަކްޝް"، "ކްރިޝްނާ ކޮޓެޖް" އަދި "ޑޮން"ފަދަ ފިލްމުތަކުން ފެނިފައިވާ ބަތަލާގެ ކައިވެންޏަށް ފަހު ފިލްމުތަކުން ފެނިފައި ވަނީ ވަރަށް މަދުންނެވެ.

ފިލްމީ ދާއިރާއާއި އެކަހެރިކޮށް އުޅެމުން އީޝާ ވަނީ ސިޔާސީ މައިދާނުގައި ވެސް ހަރަކާތްތެރި ވެފައެވެ. އިންޑިއާގެ ހޮޓެލް ދާއިރާގެ ވިޔަފާރިވެރިޔާ ޓިމީ ނަރަންގް އާއި އީޝާގެ ކައިވެނި ރޫޅެން މެދުވެރިވެފައި ވަނީ ދެ މީހުންގެ ދެމެދުގައި ޚިޔާލު ތަފާތުވުން ތަކެއް އުފެދި އެ މަސައްލައަށް ޙައްލެއް ނުލިބުމާ ގުޅިގެން ކަމަށް ރިޕޯޓު ތަކުން ވަނީ ބުނެފައެވެ.

ދެ މީހުންގެ ކައިވެނީގައި މައްސަލަތައް ޖެހެމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާއިރު ކައިވެނި ސަލާމަތް ކުރެވޭތޯ އީޝާގެ ދެމަފިރިން ވެސް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށް ރިޕޯޓު ތަކުން ބުނެފައިވެއެވެ.

ފިލްމީ ތަރި އީޝާ ކޮޕިކަރު ފިރިމީހާ ޓިމީ ނަރަންގް-- ފޮޓޯ/ ބޮލީވުޑް ހަންގާމާ

ބަތަލާ އީޝާ އަކީ އަބަދުވެސް އަމިއްލަ މިނިވަން ކަމަށް ލޯބިކުރާ ފަރާތަކަށް ވެފައި މީޑިއާ ރިޕޯޓަރުންނަށް ބީރަށްޓެހި ބަތަލާއެކެވެ.

ކައިވެނި ރޫޅުމާ ގުޅިގެން މީޑިއާ ތަކުން މައުލޫމާތު އޮޅުން ފިލުވަން މަސައްކަތް ކުރުމުން ބަތަލާ ބުނެފައި ވަނީ ދެ މީހުންގެ ކައިވެނި ރޫޅުމާ ގުޅޭގޮތުން އިތުރު ބަޔަކާ ވާހަކަ ދައްކަން އަދި އަވަސް ކަމަށާއި އެ އާއިލާއަށް ޕްރައިވެސީ ބޭނުންވާ ކަމަށެވެ.

އީޝާގެ ދެމަފިރިންގެ 14 އަހަރުވީ ކައިވެނި ރޫޅުނު އިރު ދެ މީހުންގެ އަންހެން ކުއްޖަކު އެބަހުއްޓެވެ. ދަރިފުޅު ރިއާނާ ނަރަންގްއާ އެކު އީޝާ މިހާރު ދިރިއުޅެމުން އަންނަނީ ފިރިމީހާއާ ވަކިން އެހެން ގެއެއްގައެވެ.