ބާޒާރުގައި ދޮންކެޔޮ ތިޔާގިވެ ކޭލުގެ އަގުތައް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.

ދަތުރުވެރިން މާރުކޭޓުގައި ހަފުތާއެއް ކުރިން 10ރ. ދެ ވަކާއި ތިން ވައް ވިއްކި ބޮންތި ރަތްކެޔޮ މިހާރު 10ރ. ފަސް ވަށް އަދި ހަވަށް ލިބެ އެވެ. ކުރިން 10ރ. ދެ ވައް ވިއްކި ފުސްކެޔޮ މިހާރު 10ރ. ހަތަރު ވަކާއި ފަސްވަކާއި ދެމެދަށް ވަނީ ތިރިއަށް ޖެހިފަ އެވެ. މީގެ ކުރިން ދެ ރުފިޔާއަށް ވަކެއް ވިއްކި މާޅޮސް ކެޔޮ ވެސް ވަނީ ރުފިޔާއަކުން އަގު ހެޔޮވެފަ އެވެ.

ބާޒާރުގައި ދޮންކެޔޮގަނޑު ވިއްކާ ފަރާތްތަކުން 200 ވަކުގެ ކެޔޮގަނޑެއް މިއަދު ހެނދުނު ވިއްކީ 100ރ. އިން ދަށުގެ އަގުތަކުގަ އެވެ. ކުރިން އެ ސަައިޒުގެ ކެޔޮގަނޑެއް ވިއްކަމުން އައީ 150ރ. މަތީގަ އެވެ.

މާރުކޭޓްގެ ވިޔަފާރިވެރިން ބުނީ ދޮންކޭލުގެ އަގު ހެޔޮވީ އަތޮޅުތަކުން ކެޔޮ ގެންނަން ނިސްބަތް އިތުރުވެ މާރުކޭޓްގައި ދޮންކެޔޮ ތިޔާގި ވުމާ ގުޅިގެން ކަމަށެވެ.

"މި ދުވަސްކޮޅު ކެޔޮ ގެންނަ މިންވަރު ގިނަވީމަ ކޭލުގެ އަގު މި ހެޔޮވީ!" މާރުކޭޓްގެ ވިޔަފާރިވެރިއަކު ބުންޏެވެ. "ކޭލަކީ މާ ގިނަ ދުވަހު ބެހެއްޓޭނެ އެއްޗެއް ނޫން. ބަހައްޓަން ޖެހިއްޖެއްޔާ ނުބައިވެގެން އުކާލަންޖެހޭނެ. އެހެންވެ އަގު ހެޔޮ ކުރީ"