30 Dec 2023, 09:54
ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީއަށް ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާގެ ކުރިޔަށް އޮތް ފިލްމުން ފުރުސަތު ލިބިއްޖެއެވެ.
ދެހާސް އެކާވީސް ވަނަ އަހަރު ފިލްމު "ތަޅަޕް"އިން ބޮލީވުޑަށް ތަޢާރަފްވި އަހާންގެ ފުރަތަމަ ފިލްމަކީ ވެސް ޕްރޮޑިއުސަރު ސާޖިދް ނަދިއަދްވާލާގެ ފިލްމު ކުންފުނިން ގެނެސްދިން ފިލްމެކެވެ.
މިދިޔަ އަހަރު އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކަޑަމީ އެވޯޑްސްގެ އެންމެ މޮޅު ޑެބިއު އެކްޓަރުގެ އެވޯޑް ކާމިޔާބު ކުރި ޒުވާން އެކްޓަރުގެ އިތުރު ފިލްމަކަށް އިންތިޒާރު ކުރަމުން އަންނަ ފަރާތްތަކަށް މިއީ ވަރަށް އުފާވެރި ޚަބަރެކެވެ.
ބަތަލާ ތާރާ ސުތާރިއާ އެކު އަހާން ލީޑް ރޯލްއިން ފެނުނު ފިލްމު "ތަޅަޕް"ގައި 28 އަހަރުގެ ޒުވާނާ ދެއްކި ހުށަހެޅުމަށް ވަރަށް ގިނަ ބަޔަކު ވަނީ ތަޢުރީފު ކޮށްފައެވެ. ސާޖިދު ނަދިއަދްވާލާ ވަރަށް ބޮޑު ބަޖެޓަކުން އުފައްދާ ފިލްމާ ބެހޭ ތަފްސީލުތައް އަންނަ މަހުތެރޭ އިއުލާނުކުރާނެ ކަމަށާއި ފިލްމުގެ މަސައްކަތް ވެސް މި ފެށޭ އަހަރުތެރޭ ކުރިޔަށް ދާނެކަމަށް ސާޖިދު ވަނީ ބުނެފައެވެ.

ފިލްމީ ތަރި ސުނިލް ޝެޓީ އަދި ދަރިފުޅު އަހާން ޝެޓީ-- ފޮޓޯ/ އިންޓަނެޓް
މިދިޔަ ބުރާސްފަތި ދުވަހު ފާހަގަ ކުރި އަހާންގެ އުފަންދުވަހާ ގުޅުވައިގެން އިއުލާނުކުރި މި ފިލްމުގައި އަހާންއާ އެކު ފެންނާނެ އިތުރު ތަރިންގެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށާއި އަހާންއާ އެކު އިތުރު ފިލްމެއްގެ މަސައްކަތް ފެށޭތީ ސާޖިދު ވަރަށް އުފާކުރާ ކަމަށް ވަނީ ބުނެފައެވެ.
މިއީ އަހާންގެ ކެރިއަރުގެ ފެށުން ކަމަށާއި 2024ވަނަ އަހަރަކީ އަހާންގެ ކެރިއަރު އިތުރަށް އުޖާލާވާނެ އަހަރެއްގެ ގޮތުގައި ސާޖިދު ވަނީ ސިފަކޮށްފައެވެ. މީޑިއާ ރިޕޯޓު ތަކުން ހާމަކޮށްފައިވާ ގޮތުގައި އަހާން ވަނީ އިތުރު ތިން ފިލްމެއްގެ މަސައްކަތް ފެށޭ އަހަރު ކުރަން ނިންމާފައެވެ.
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސުނިލް ޝެޓީގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު އަތިޔާ ޝެޓީ ވެސް ވަނީ ފިލްމީ ދާއިރާއާ ގުޅިފައެވެ. އެހެންނަމަވެސް އަތިޔާ މިހާތަނަށް ކުޅުނު ފިލްމުތަކުން ބެލުންތެރިންގެ މާބޮޑު މަގުބޫލުކަމެއް ހޯދިފައެއް ނުވެއެވެ.