ސްޕެނިޝް ލަލީގާގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އެންޗެލޯޓީ އެ ޓީމާއެކު ހަދައިފައިވާ އެއްބަސްވުން އާކޮށްފިއެވެ.

އެންޗެލޯޓީ ވަނީ ރެއާލްގައި 2026ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މަޑުކުރަން ނިންމަައި ކޮންޓްރެކްޓް އާކޮށްފައެވެ.

އިޓަލީވިލާތަށް ނިސްބަތްވާ އުމުރުން 64 އަހަރުގެ އެންޗެލޯޓީ ރެއާލްގެ ކޯޗުކަމާ ދެވަނަ ފަހަރަށް ހަވާލުވެފައިވަނީ 2021 ވަނަ އަހަރުއެވެ.

އެ ފަހަރު އޭނާ މަގާމާ ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެން ކަމުން އެ އެއްބަސްވުން މިހާރު ކުރިއަށްދާ ސީޒަނައެކު ހަމަވާނެއެވެ.

މި އަހަރުގެ ކުރީކޮޅުވަނީ އެންޗެލޯޓީ އޭނާ ރެއާލާއެކު ހަދައިފައިވާ އެއްބަސްވުން ނިމުމުން ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވެދާނެކަމުގެ އަޑުތަކެއް ފެތުރިފައެވެ. ނަމަވެސް މިހާރު ހާމަވެފައިވާ ގޮތުގައި އޭނާ ބޭނުންވަނީ ރެއާލްގައި މަޑުކުރާށެވެ.

އެންޗެލޯޓީވަނީ ރެއާލް އާއެކު 10 ތަށި މިހާތަނަށް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކުރުމާއި ލަލީލާގެ ތަށި އެއް ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން ކޮޕާ ޑެލް ރޭގެ ތަށި ދެ ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ.

އަދި ކްލަބް ވޯލްޑް ކަޕްގެ ތަށި ދެ ފަހަރު ކާމިޔާބުކުރުމާއި، ޔޫރަޕިއަން ސުޕާ ކަޕް ދެފަހަރު ހޯދުމާއި، ސްޕެނިޝް ސުޕާ ކަޕް އެއް ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ.

އެންޗެލޯޓީ ވަނީ މީގެ ކުރިން 2013 އިން 2015ވަނަ އަހަރާ ދެމެދު ރެއާލަށް ކޯޗުކޮށްދީފައެވެ.

މިފަހަރު އޭނާ އެ މަގާމާ ހަވާލުވެފައިވަނީ ކުރިން އެ މަގާމުގައި ހުރި ޒައިނުއްދީން ޒިދާން މަގާމުން އިސްތިއުފާދިނުމާ ގުޅިގެންނެވެ.

ރެއާލްގެ ކޯޗަކީ ޗެމްޕިއަންސް ލީގުގެ ތަށި ހަތަރު ފަހަރު ހޯދާފައިވާ ހަމައެކަނި ކޯޗެވެ. މީގެ އިތުރުން ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގުކަމަށްވާ އިޓަލިއަން ސެރީއާ، އިންގްލިޝް ޕްރިމިއާ ލީގު، ފްރެންޗް ލީގް އާން، ޖަރުމަނު ބުންޑަސްލީގާ އަދި ސްޕެނިޝް ލަލީގާގެ ތަށި ކާމިޔާބު ކުރި ފުރަތަމަ ކޯޗެވެ.

މި ސީޒަންގައި ރެއާލުން އަންނަނީ ލީގާއި ޔޫރަޕްގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.