އިންގްލިޝް ޕްރިމިއާ ލީގުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރި މެޗު ބްރައިޓަންއިން ކާމިޔާބުކޮށްފިއެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 4-2 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ސްޕާސްއިންނެވެ. ނަމަވެސް މި މެޗުގައި ސްޕާސްއަށް ބްރައިޓަންގެ މައްޗަށް ކުރި ހޯދޭ ގޮތެއް ނުވިއެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނެގީ ބްރައިޓަންއިންނެވެ. މެޗުގެ 11ވަނަ މިނެޓްގައި އެ ޓީމަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖެކް ހިންޝެލްވުޑްއެވެ.

މި މެޗުގައި ބްރައިޓަންއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 23ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖާއޮ ޕެޑްރޯއެވެ.

މި މެޗުގައި ބްރައިޓަންގެ ތިންވަނަ ލަނޑު މެޗުގެ 63ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ޕާވިސް އެސްޓޫޕިނާންއެވެ.

އަދި އެ ޓީމުގެ ފަހު ލަނޑު މެޗުގެ 75ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ޕެޑްރޯއެވެ.

މި މެޗުގައި ސްޕާސްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 81ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔަބުކޮށްދިނީ އަލޭހޯ ވެލީޒްއެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު އޭގެ ހަތަރު މިނެޓްފަހުން ޖަހައިދިނީ ބެން ޑެވިސްއެވެ.

މި މެޗުގައި ސްޕާސްއިން އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް އެ ޓީމަށް ފަހު ވަގުތު ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މި މެޗުގައި ސްޕާސްގެ ރިޗާލިސަން ފޮނުވާލި ދެ ހަމަލާއެއްވަނީ ބްރައިޓަންގެ ގޯލްގެ ދަނޑިއަށް ވެސް އަމާޒުވެފައެވެ.

މި ކާމިޔާބީއާއެކު ބްރައިޓަން މިހާރު އުޅެނީ ކުޅުނު 19 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު ތާވަލްގެ އަށްވަނައިގައެވެ. ސްޕާސް އުޅެނީ 36 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ.