29 Dec 2023, 19:14
'ދިވެހީންގެ ރާއްޖެ' އަށް ސަރުކާރު ހިންގާ މައި ކޯލިޝަން ޕީޕީއެމް/ޕީއެންސީން ކުރި ދަތުރު ފަސާދައާއި، ކޮރަޕްޝަނާއި ރިޝްވަތަށްވެ ނިމިއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިފަދައިން ވިދާޅުވީ، އިދިކޮޅުގައި އޮތް އެމްޑީޕީ ދޫކުރައްވައި، 13 މަޖިލިސް މެމްބަރަކު ޕީއެންސީއަށް ސޮއިކުރައްވައި ރައީސް ޑރ. މުޙައްމަދު މުއިއްޒާ އެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކުރައްވައި ލިޔުއްވި ފޭސްބުކް ޕޯސްޓެއްގައެވެ.
އޭނާ ވަނީ އެ މެމްބަރުން ސަރުކާރާ ގުޅުމުން ނުރުހުން ފާޅުކުރައްވައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެ ޕޯސްޓުގައި ޖަމީލު ވިދާޅުވީ، އެ ފޮޓޯގެ ތަފާތަކީ ރައީސް ޑރ. މުއިއްޒު ހުންނެވި ތަނުގައި އިއްޔެ ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކަމަށެވެ.
މިއަދު 'ގައުމިއްޔަތު' ދަސްކޮށްދެނީ ހަމަ އެއް އަޚްލާގެއް ކަމަށާއި އެ އަޚްލާގަކީ ކޮރަޕްޝަނާއި، ރިޝްވަތުގެ ހަރާމް އަމަލާއި ފަސާދަކަމަށް ތުހުމަތުކުރެއްވިއެވެ.
"މިއަދު ރައީސް މުއިއްޒުގެ ވަށައިގެން ތިއްބެވި އިލްމުވެރި ޅިޔަނުން ޝޭޚު ލަތީފު، ބިން ޖަނާ ފަދަ ބޭފުޅުން ރިޝްވަތުގެ އަމަލަށް ދޭނީ އިތުރު ހުއްޖަތެއް ބާއެވެ؟ އިސްލާމީ އުއްމަތުގައި އެފަދަ އިލްމުވެރިން ފެނިފައިވޭ،" ޖަމީލު ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވި ގޮތުގައި ސަރުކާރާ އެ ގުޅުނީ ކުރީގެ ރައީސް ޞާލިޙުގެ ސަރުކާރުން ކުރި 'ހުރިހާ ގޯހެއް' ދިފާއު ކުރި ބޭފުޅުންނެވެ.
"މިއަދު މި [ޕީއެންސީއާ] ގުޅުނީ އިއްޔެ އެމްޑީޕީ ދިފާއުކުރި މީހުން. މިއަދު މި ގުޅުނީ އިއްޔެ ކަނޑު ވިއްކައިލުން ދިފާއުކުރި މީހުން. މިއަދު މި ގުޅުނީ އިއްޔެ ބޭރު ސިފައިން ތިބުން ދިފާއުކުރި މީހުން. މިއަދު މި ގުޅުނީ ޕީޕީއެމް/ޕީއެންސީ ބުނަމުންދިޔަ 'ޗޯރު' ސަރުކާރު ދިފާއުކުރި މީހުން. ކޮވިޑް ވައްކަން، ވެންޓިލޭޓަރު، އިބޫގެ ކޮރަޕްޝަން ދިފާއުކުރި މީހުން. އިބޫގެ ސަރުކާރުގެ ހުރިހާ ގޯހެއް ދިފާއުކުރި މީހުން،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ މިއަދު ރައީސް ޑރ. މުއިއްޒާއި ކުރީގެ ރައީސް ޞާލިޙާ އެއްވެސް ތަފާތެއް ނެތްކަމަށެވެ.
"އެއްމަގެއް. އެއްބައެއް. އެއް އަމަލެއް،" ރައީސް މުއިއްޒާއި ޞާލިޙަށް އިޝާރާތް ކުރައްވާ ޖަމީލު ވިދާޅުވިއެވެ.
އެގޮތުން މިއަދު ރައީސް ޑރ. މުއިއްޒު ޕީޕީއެމްގެ ފިކުރަށް ބޭވަފާތެރިވެފައި ކަމަށާއި އެމަނިކުފާނު ވަނީ ގައުމިއްޔަތަށް ބޭވަފާތެރިވެފައި ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
"ދިވެހިންގެ ރާއްޖޭގެ ތިޔަ ދަތުރަކީ ފަސާދައާ ކޮރަޕްޝަނާ ރިޝްވަތުން ޖަރީ ކުރެވިފައިވާ ނާމާން، ދީނީ އަޚްލާގަށް ބިރުވެރި ދަތުރަކަށްވެ ނިމިއްޖެ!" ޖަމީލްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
ޖަމީލް އެފަދައިން ވިދާޅުވިއިރު، މީގެ ކުރިން ޕީޕީއެމް ޕީއެންސީގެ ލީޑަރުގެ ގޮތުގައި ހުންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު މިހާރު އަންނަނީ ކުރައްވަމުންނެވެ.
އެއާއެކު ރައީސް ޔާމީނާއި، އެ މަނިކުފާނުގެ ސަޕޯޓަރުން މަސައްކަތްކުރަނީ ސަރުކާރުގެ ވާދަވެރިންގެ ގޮތުގައެވެ.
ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންފައި ވަނީ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އެމަނިކުފާނު ބާކީ ކުރައްވައި، މިނިވަންވުމަށް ޝަރީއަތަށް ހުރަސް އަޅައިކަމުގެ ތުހުމަތު ކުރައްވަމުންނެވެ.