26 May 2012, 13:49
ދިރާގް ދިވެހި ލީގުގެ ފުރަތަމަ ބުރުގައި އިއްޔެ ހަވީރު ވިކްޓަރީ އަތުން 5-1 ލަނޑުން މޮޅުވެ، ލީގް ތާވަލްގެ އެއް ވަނަ މަގާމަށް އަލުން ނިއުރޭޑިއަންޓު ޖެހިލައިފި އެވެ.
އިއްޔެގެ މޮޅާ އެކު ތާވަލްގެ އެއް ވަނައިގައި ނިއު އޮތީ 14 ޕޮއިންޓާއި ފައިދާ 14 ގޯލާ އެކު އެވެ. ދެވަނައިގައި އޮތް ވިކްޓަރީއަށް އޮތީ 13 ޕޮއިންޓެވެ.
އިއްޔެގެ މެޗަކީ މިހާތަނަށް ދިރާގް ދިވެހި ލީގުގެ ފުރަތަމަ ބުރުގައި ކުޅެވުނު އެންމެ ފޯރިގަދަވި އެއް މެޗަށް ވީއިރު، މެޗު ބެލުމަށް ޓަކައި ގަލޮޅު ދަނޑަށް އެންމެ ގިނަ ބަޔަކު ވަތް މެޗުކަން ވެސް ފާހަގަ ކޮށްލެވެ އެވެ. އަދި އިއްޔެގެ މެޗުގައި ވިކްޓަރީގެ ދެ ކުޅުންތެރިއަކާއި ނިއުގެ ކުޅުންތެރިއަކަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. އެގޮތުން ރެފްރީ އަލީ ސަލީމް ރަތްކާޑު ދެއްކި ވިކްޓަރީގެ ދެ ކުޅުންތެރިންނަކީ މިޑްފީލްޑަރު ހަސަން އަދުހަމް (ސަޑޭ) އާއި ޑިފެންޑަރު އަކުރަމް އަބްދުލް ގަނީ އަށެވެ. އަދި ނިއުގެ ރަތް ކާޑު އަމާޒްވީ ގޯލްކީޕަރު އިމްރާން މުހައްމަދަށެވެ.
އިއްޔެގެ މެޗުގެ ފުރަތަމަ ލަނޑުޖަހާ މެޗުގެ ލީޑް ނިއުއިން ނެގީ މެޗުގެ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ނިއުއަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން އަހުމަދު ތޯރިގް (ޓޮމް) އެވެ. އަދި ފުރަތަމަ ހާފުގައި ނިއުއިން ލީޑް ފުޅާކުރި ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ވެސް ކާމިޔާބު ކޮށްދިނީ ޓޮމް އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު، 2-0 ލަނޑުގެ ލީޑަކާ އެކު ނިއު ކުރީގައި އޮތްކަމުގައި ވިޔަސް، ފުރަތަމަ ހާފުގައި ވިކްޓަރީއަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން މެޗުގެ ކުޅީ ކޮޅު ވިކްޓަރީގެ ހުސެން ސިމާޒް (ކޮކީ) އަށް ލިބުނު ފުރުސަތު ފާހަގަ ކޮށްލެވެ އެވެ.
ނިއުގެ ތިން ވަނަ ލަނޑު ޕެނަލްޓީއަކުން މެޗުގެ ދެ ވަނަ ހާފުގެ 71 މިނެޓުގެ ތެރޭގައި އިބްރާހިމް ފަޒީލް ކާމިޔާބު ކުރިއިރު، ވިކްޓަރީ ކޮޅަށް ނިއު އިން ޖެހި ފަހު ދެ ލަނޑު ފެނިގެން ދިޔައީ މެޗުގެ އިތުރު ވަގުތުގެ ހަ މިނެޓުގެ ތެރޭގައި ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ)ގެ ފަރާތުން ނެވެ.
މެޗުގައި ނިއު ކޮޅަށް ޖެހި ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގައި ވިކްޓަރީއަށް ކާމިޔާބި ކޮށްދިނީ ބިދެސީ ކުޅުންތެރިޔާ އަވީލޯ އެވެ.
ލީގުގައި މިއަދު ހަވީރު ބައްދަލުކުރާ ދެ ޓީމަކީ ވީބީ އާއި މާޒިޔާ އެވެ.