މާލޭ، މާވެޔޮ މިސްކިތް ކައިރި، މަގުގެ ބޮޑު ޖާގައެއް ގެއްލޭ ގޮތަށް، ޓިނު ޖަހައި ބަންދުކޮށްގެން، ބަހައްޓައިފައި ހުރި ޓްރާންސްފޯމަރުތައް ސްޓެލްކޯއިން ނަގައިފިއެވެ.

މި ޓްރާންސްފޯމަރުތައް އެ ތަނުގައި ހުންނަތާ ގިނަ ދުވަސްތަކެއްވަނީ ވެފައެވެ. އޭގެ ސަބަބުން މަގުގެ ޖާގައެއް ގެއްލި، ޓްރެފިކް ބާރުބޮޑުވާ ވަގުތުތަކުގައި ދުއްވަން ވެސް ދަތިވެއެވެ.

އެއާއެކު ސްޓެލްކޯގެ އާ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއަށް އެ މަގާމު ލިބުމާއެކު، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރައްވަން ނިންމެވި ކަންކަމުގެ ތެރޭ ޓްރާންސްފޯމަރު އެ ތަނުން ނެގުން ހިމެނެއެވެ. އަދި އަހަރު ނިމުމުގެ ކުރިން ޓްރާންސްފޯމަރު އެ ތަނުން ނެގުމުގެ މަސައްކަތް ނިންމަވާނެކަމަށް ވިދާޅުވެފައިވެއެވެ.

އެއާއެކު، މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، ރައްޔިތުންނަށް ތަކުލިފަކަށްވާ ކަންކަން ހައްލުކޮށްދެއްވުމަށް ރައީސް ދެއްވި އިރުޝާދާއެކު ރައްޔިތުންނަށް ތަކުލީފަކަށްވި ޓްރާންފޯމަރުތައް ނަގައިފައިވާނެ ކަމަށެވެ.

"މާތްﷲގެ އިރާދަފުޅާއެކު، އައު އަހަރު އެއްވެސް ހުރަހެއްނެތި އެ މަގުން ރައްޔިތުންނަށް ދަތުރު ކުރެވި އޭގެ ފަސޭހަ ލިބިގެންދާނެ. ދިވެހީންގެ ރާއްޖޭގައި ކަންކަން ހިނގަމުންދާނީ ރައްޔިތުން އެދޭ ގޮތަށް،" ފަހުމީ ވިދާޅުވިއެވެ.

މާވެޔޮ މިސްކިތް ސަރަހައްދުގައި ހުރި ޓްރާންސްފޯމަރު އެ ތަނުގައި ބަހައްޓާފައި ހުންނަތާ ހަ އަހަރެއްހާ ދުވަސްވަނީ ވެފައެވެ. މި ކަމުގެ އުނދަގޫ ބޮޑުވެ ވަރަށް ގިނަ ރައްޔިތުން ޝަކުވާ ވެސް ކުރެއެވެ.