29 Dec 2023, 15:45
މިހާރު ކުރަމުންދާ ވިއްސާރައިގައި ފުވައްމުލައް ސިޓީގެ ބައެއް އަވަށްތަކުގައި ބޮޑުވެ, ފަސް ގެއަކަށް ގެއްލުންވެފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.
ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓު ސެންޓަރު (އެންޑިއެމްއޭ)އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފުވަމުލަކުގެ ބައެއް އަވަށްތަކުގައި ފެން ބޮޑުވެ ބައެއް ގޭގެއަށް ގެއްލުން ލިބެމުންދާ ކަމަށް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި، މިހާރު ފެން ހިންދުމުގެ މަސައްކަތް ސިފައިންގެ އެހީތެރިކަމާ އެކު ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
ގެއްލުންތަކުގެ އިތުރު ތަފުސީލު ދެއްވަމުން ފުވަމުލަކު ސިޓީ ކައުންސިލުގެ ސެކެޓަރީ ޖެނެރަލް އަސްލަމް ރަޝީދު މިއަދު "ސަން"އަށް ވިދާޅުވީ، 21 ގެއަކަށް ފެން ވަތްކަން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ފަސް ގެއަކުން ގޭތެރެއަށް ފެން ވަދެ ގޭގައި ހުރި ބައެއް ސާމާނަށް ގެއްލުންވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ގިނަ ގޭގޭއަށް ފެން ވަނުމުގެ ކުރިން ވެލި ބަސްތާ ޖަހާ އެ ގޭގެއަށް ފެން ވަނުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޕޯޓު ކުރި 21 ގޭގެ ތެރެއިން މިހާރު ވެލި ބަސްތާ ނުޖެހި ހުރީ ދެ ގެއެއްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި، މިހާރު ވެސް ކައުންސިލުގެ ޓީމުތަކުން ނުކުމެ ގެއްލުންވެފައިހުރި ގެތައް ދެނެގަނެ، އެ ގެތައް ބަލައި ގެއްލުން ލިބިފައިހުރި މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން މެޓު އޮފީހުން ވަނީ އެކަމަށް ސަމާލުވާން އެދިފައެވެ.
އިއްޔެ މެޓު އޮފީހުން ބުނީ ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށެވެ. އަދި، މިދިޔަ އާދީއްތަ ދުވަހު އިރުވައި މޫސުން ފެށުމާ ގުޅިގެން އުތުރާއި މެދުރާއްޖެ ތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވެފައިވާ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.