29 Dec 2023, 14:58
އިސްލާމީ މަރުކަޒުގެ ފަންގިފިލާތަކުގައި ޓީވީ ހަރުކޮށް، ޚުތުބާ އަޑުއަހަން ތިބޭ މީހުންނަށް ޚަތީބު ފެންނަ ގޮތަށް މިއަދު ހަދައިފިއެވެ.
އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހިމް އަލީ ސައީދު މިއަދު ވިދާޅުވީ މިހާރު އިސްލާމީ މަރުކަޒުގެ ފަނގިފިލާތަކުގައި ޓީވީ ބަހައްޓައި ޚަތީބު ފެންނަ ގޮތަށް އިންތިޒާމު ކުރެވިފައިވާ ކަމަށެވެ.
ވަޒީރު ވަނީ އެ މަޝްރޫއު ސްޕޮންސާކޮށްފައިވާތީ ދިރާގަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައިފައެވެ. އިސްލާމީ މަރުކަޒުގެ ފަންގިފިލާތަކުގައި ހަރުކޮށްފައިވަނީ 100 އިންޗީގެ ޓީވީ ތަކެކެވެ.
ޝަހީމް ވިދާޅުވީ އަމާޒަކީ އިސްލާމީ މަރުކަޒުގެ އިތުރުން ވެސް ހުރިހާ ބޮޑެތި މިސްކިތްތަކެއްގައި ވެސް ހުރިހާ ފަންގިފިލާއަކަށް ޚަތީބުން ފެންނާނެ ގޮތަށް ޓީވީ ހަރުކުރުން ކަމަށެވެ.
"އިސްލާމީ ރިސާލަތު ފޯރުކޮށްދިނުމުގައި ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ބޭނުންކުރުމަކީ ރައީސް ޑރ މުއިއްޒުގެ ތަޞައްވުރުގައި ހިމެނޭ ކަމެއްކަމަށްވާތީ، މިނިސްޓްރީން މަސައްކަތްކުރާނީ އެ ތަޞައްވުރު ހަގީގަތަކަށް ހެދުމަށް،" ވަޒީރު ވިދާޅުވިއެވެ.
މީގެ ކުރިން ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ ޚުތުބާ ކިޔާ މީހާ ފަންގިފިލާތަކަށް ފެންނަ ގޮތަށް ހެދުމަށް ކުރިއަށް ގެންދާ މަޝްރޫއު އެއްކޮށް ނިމޭއިރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ކޮށްގެން ހުރިހާ ފަންގިފިލާއަކަށް އިޝާރާތުގެ ބަހުން ޚުތުބާ ވަގުތުން ވަގުތަށް ފެންނާނެ ކަމަށެވެ.
ސަރުކާރު ބަދަލުވުމާ އެކު އެންމެ ގިނަ ކަންކަން މިހާތަނަށްކޮށްފައިވާ އެއް ވުޒާރާއަކީ، އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަސް އަޅަން އެއްބަސްވުމުގައި ސޮއި ކުރުމާއި، ގުރޭޑު 10 ނިންމާ ދަރިވަރުންނަށް އިމާމުވެ، ހުކުރު ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމާއި، އަދިވެސް އިތުރު ކަންކަން ހިމެނެއެވެ.