29 Dec 2023, 13:27
ދޮގުތަކުގެ ތެރެއިން ތެރެއިން އެންމެ ފާފަ ބޮޑު ދޮގަކީ އަނެކާއަށް ގެއްލުން ލިބޭ ގޮތަށް ހަދާ ދޮގުތަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ ދޮގު ހެދުމަކީ ނުބައި ސިފަތަކުގެ ތެރެއިން އެންމެ ނުބައި އެއް ސިފަ ކަމަށެވެ. އަދި، ދޮގަކީ މީސްތަކުންގެ ހައްގުތަށް ގެއްލިގެން ދިއުމުގެ މައިގަނޑު އެއް ސަބަބުކަމަށް ވެސް ޚުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.
މި ނޫނަސް ވަރަށް ގިނަ ގެއްލުންތަކެއް ދޮގު ހެދުމުގެ ސަބަބުން ލިބޭނެކަން ޚުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ދޮގު ހެދުމަކީ ރުޅިވެރިކަމާއި، އަދާވާތްތެރިކަން ފެތުރުމުގެ ސިއްރު ކަމަށާއި، ކުށެއް ނެތް އެތައް ބައެއްގެ ރީތި ނަމާއި، އަބުރު ނަގާލުމުގައި ބޭނުން ކުރެވޭ އެންމެ ބޮޑު ނުރައްކާތެރި އެއް ހަތިޔާރުކަން ވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ދޮގު ހެދުމުގެ ބަދަލުގައި ކަމުގެ ހަގީގަތް ހޯދަން ވެސް ޚުތުބާގައި ވަނީ ގޮވައިލައިފައެވެ.
"ހަޤީގަތް ހޯދާށެވެ!. (އެއީ) ނޭންގި ތިބެ. ތިޔަބައި މިހުންނަށް ބަޔަކަށް ގެއްލުން ދެވިދާނެތީއެވެ. ފަހެ، އެހެން ވެއްޖެ ނަމަ ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރަ ބަޔަކު ކަމުގައި ތިޔަބައިމީހުން ވެދާނެއެވެ،" ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ އެ ދޮގެއްގެ ސަބަބުން މީހުންނަށް ގެއްލުން ލިބޭ ފަދަ ދޮގު ކަމަށްވާ ދޮގު ހެކި ދިނުން އިސްލާމް ދިނުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ކަނޑައަޅުއްވައިފައިވާ ކަމަށެވެ. އަދި، ބޮޑެތި ފާފަތަކުގެ ތެރެއިން ވެސް އެންމެ ނުބައިކަން ބޮޑު ތިން ކަންތަކުގެ ތެރޭގައި ދޮގު ހެކި ދިނުން ހިމެނޭ ކަމަށް ޚުތުބާގައި ބުންޏެވެ.
މިއީ އެހާ ނުބައި ކަމަކަށްވާއިރު، ވެސް ގިނަ ބަޔަކު ދޮގު ހެކި ދެނީ އަމިއްލަ ސަބަބުތަކަށްތަކައި ކަން ޚުތުބަގައި ވަނީ ފާހަގަ ކޮށްފައެވެ.
"ދޮގު ހެކި ދިނުމަކީ މިހާ ނުބާއި ކަމަކަށްވާއިރު ބައެއް މީހުން ދޮގު ހެކި ދެނީ ކީއްވެހެއްޔެވެ؟ ގިނަ މީހުން ދޮގު ހެކި ދެނީ ކޮންމެެ ވެސް ޒާތީ ބޭނުމަކުއެވެ. ދައުވާ ކުރާ ނުވަތަ ދައުވާ ލިބޭ ފާރާތަކާއި ތިމާއާއި ދެމެދުގައި އޮންނަ ތިމާގެ ކަމަކުންނެވެ. ނުވަތަ ރަޙްމަތްތެރި ކަމަކުންނެވެ. ނުވަތަ ދެކޮޅުވެރި ކަމަކުންނެވެ. ނުވަތަ އެކަމުން ތިމާއަށް ލިބޭ ދުންޔަވީ މަންފާއެއްގެ ސަބަބުނެވެ،" ޚުތުބާގައި ބުންޏެވެ.
އަދި، މި ކަމުގެ ސަބަބުން މުސްލިމުންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށާއި، ވަގުތީ ފައިދާއަކީ ދުނިޔޭގައި މީހުންގެ ނަފުރަތު ލިބި އާޚިރަތުގައި ﷲ ގެ ކޯފާ ލިބޭނެ ކަމެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
މިއީ މީހުންގެ ހައްގު އޮޅުވައިލާ ކަމަކަށްވުމާ އެކު، މި ކަމަކީ ރައްކާތެރިވާން ޖެހޭ ކަމެއްކަން ޚުތުބާގައި ވަނި ފާހަގަކޮށްފައެވެ.
ޚުތުބާގައި ވަނީ ތެދު ބުނުމުގެ މާތްކަމަށް ވެސް އަލި އަޅުވައިލައިފައެވެ. އެގޮތުން ތެދުބުނުމަކީ އިސްލާމީ އަޚްލާޤީ ސިފަތަކުގެ ތެރެއިން އެންމެ މާތް ސިފަ ކަމަށާއި މި ސިފައަކީ ވަކިވަކި ފަރުދުންނާއި، މުޅި އުންމަތް ބާއްޖަވެރި ކުރުވުމަށް އެންމެ ބޮޑަށް ބޭނުންވާ އެއް ސިފަކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.
ތެދު ބުނުމަކީ އެންމެހައި ރަސުލު ބޭކަލުންގެ ކިބައިގައި ވެސް ހުރުން ވާޖިބުވާ ސިފައެއްކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެ ހުރިހާ ބޭކަލުންނަކީ ވެސް ތެދުވެރިންކަމާއި އެއީ އެންމެ މަތީ ދަރަޖައިގައި ތިއްބެވި ބޭކަލުންކަން ކީރިތި ޤުރުއާނުން ހާމަވާ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެެވެ.