ދީނީ ދަރުސަށް ހުރަސްއަޅާ ކައުންސިލްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މާދަމާ ހުށަހަޅުއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ އިސްލާމް ދީނުގެ މަގަށް ހުރަސް އަޅާ ދީނުގެ އަޑު އިއްވިޔަ ނުދޭން މަސައްކަތްކުރާ ކައުންސިލްތައް އުވާލަން ޖެހޭނެ ކަމަށާއި އިސްލާމް ދީނުގެ ކަންކަމަށް ހުރަސް އެޅުމަކީ ގާނޫނީ ކުށެއް ކަމަށެވެ.

"ދީނަށް ހުރަސް އަޅާ ކައުންސިލްތައް އުވާލަން ޖެހޭނެ. އިސްލާމްދީނުގެ ކަންކަމަށް ހުރަސް އެޅުމަކީ ގާނޫނީ ކުށެއް. ގާނޫނޫގެ ވެރިކަން ނަގަހައްޓާ ގާނޫނު ދަމަހައްޓަން އެންމެހާ ފަރާތްތަކަށް ގޮވާލަން،"

މިނިސްޓަރު ވިދާޅުވީ ދީނީ ދަރުސް ބާއްވަން ބ. އަތޮޅު ތުޅާދުއަށް މިނިސްޓްރީން ވަޑައިގެންނެވި ބޭފުޅުންނަށް ހުރަސް އެޅުމުގެ ސަބަބުން އެ ދަރުސް ނުބާއްވާ ކެންސަލް ކޮށްފައިވާ ކަމަށެވެ.

ތުޅާދޫގައި ދަރުސަށް ހުރަސް އަޅާފައިވާއިރު، ހދ. ވައިކަރަދޫގައި ޝައިޚް އިލްޔާސް ހުސައިންގެ ގެ ދަރުސަށް ހުރަސް އަޅަން ވެސް ބަޔަކު ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ކުރިން މާލޭހިޔާ ކޮށީގައި ހުންނަ ވަގުތީ ފުރުޤާން މިސްކިތުގައި މިދިޔަ ހަފުތާގައި ދަރުސެއް ހިނގަނިކޮށް ބަޔަކު ހަމަނުޖެހުން ހިންގައި ދަރުސަށް ހުރަސް އެޅި އެވެ.