ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީގައި އޮތް އެންމެ ފުޅާ މިނުގައި އޮންނާނެ ކަމަށާއި އެކަމަކު އެ މިނިވަންކަމުގެ ބޭނުންހިފާއިރު އަނެކާގެ ހައްގަށް އިޚްތިރާމުކުރަން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޚަބަރު ފަތުރާ ދެ އޮންލައިން ވެބްސައިޓެއް ބްލޮކްކުރުމުން ސަރުކާރަށް މި ފަހުން ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެކަމަކު، އިއްޔެ އަލުން އެ ވެބްސައިޓުތައް ވަނީ އަންބްލޮކްކޮށްފައެވެ.

ދިވެހިރާއްޖޭގެ އަޑަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހެނދުނު ގެނެސްދިން ހާއްސަ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޑިމޮކްރަސީ ހަރުދަނާކުރަން މީޑިއާތައް ވެސް ހަރުދަނާކުރަން ޖެހޭ ކަމަށެވެ. ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމަށްވާ މީޑިއާ ހަރުދަނާނުވެ، ޑިމޮކްރަސީ ވެސް ހަރުދަނާ ނުވާނެ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީގައި އޮތް އެންމެ ފުޅާ މިނެއްގައި އޮންނަންވާނެ، އޮންނަން ޖެހޭނެ. އަޅުގަނޑުމެންގެ ސަރުކާރުގައި އެކަން އެގޮތަށް ފަހިވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އެކަމަކު، އެ މަނިކުފާނު ވިދާޅުވީ މިނިވަންކަމާ އެކުގައި ވެސް އެހެން މީހުންގެ ހައްގުތަކަށް އިޚްތިރާމުކުރަން ޖެހޭނެ ކަމަށެވެ.

އެގޮތުން، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ އަނެކާގެ ހައްގަށް ވެސް އިޚްތިރާމުކޮށްގެން އެކަން ދަނެގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ، ހަމައެކަނި ނޫސްވެރިންނާއި ނޫސްތަކުން ނޫން ކަމަށާއި އެންމެން ވެސް ހައްގުތަކުގެ ބޭނުން ހިފާއިރު އަނެކާގެ ހައްގަކަށް އަރައިގަނެގެން ނުވާނެކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

"މިނިވަންކަމަކީ ހައްގުތަކަކީ އޭގައި އެހެން މީހުންގެ ހައްގުތަކަށް ވެސް ރިއާޔަތްކޮށްގެން ބޭނުންކުރަން އޮންނަ އެއްޗެއްކަން އަޅުގަނޑުމެން އެންމެން ވެސް ހަނދާން ބަހައްޓަން ޖެހޭނެ. ރައިޓްސްއާ އެއްކޮށް ލިމިޓޭޝަންސް ހުންނާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި މިހާރު ވެސް އެބައޮތް ކަމަށެވެ.

ދީނާއި ހިލާފުނުވާ ގޮތަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެބައޮތް ކަމަށާއި އެކަމަކު، އެއްޗެއް ބުނާއިރުގައި އެ ބުނާ އެއްޗަކުން އަނެއް މީހާގެ ހައްގަށް އަރައިގަނެވެނީ ކިހާ މިންވަރަކަށްތޯ ވިސްނަން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމުގައި -- ފޮޓޯ/ ދައުލަތުގެ މީޑިއާ

"ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެބައޮތް. މިސާލަކަށް ކޮންމެ މީހަކަށް ވެސް އެ މީހަކު ބުނަން ބޭނުން އެއްޗެއް ދީނާއި ހިލާފުނުވަންޏާ ބުނެވޭނެ، އެކަމަކު އެ ބުނާ އެއްޗެއް ބުނާއިރުގައި އަނެއް މީހާގެ ހައްގަށް ކިހާ މިންވަރަކަށްތޯ މި އަރައިގަނެވެނީ އެއަށް ވިސްނަންވާނެ. އެއަށް ވިސްނައިގެން ކުރިއަށް ގެންދިއައިމަ ރަނގަޅުވާނެ،" ރައީސް ވިދާޅުވިއެވެ.

"ފުރިހަމަ ފުޅާމިނުގައި އޮންނާނެ [ހިޔާލުފާޅުކުރުމުގެ މިނިވަންކަން] އެކަން،"

ރާއްޖޭގައި ރަޖިސްޓްރީނުކޮށް ހިންގަމުން ދިޔަ ދެ ވެބްސައިޓެއް ބަންދުކުރުމުން ގިނަ ބަޔަކު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. ހާއްސަކޮށް ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށްޓަކައި މަސައްކަތްކުރާ ޖަމިއްޔާތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ފާޑުކިޔުންތައް އަމާޒުވެފައި އޮއްވައި އިއްޔެ އެ ދެ ވެބްސައިޓު ވެސް ވަނީ އަންބްލޮކްކޮށްފައެވެ. އެކަމަކު، އެ ވެބްސައިޓުތައް ބަންދުކުރީ ކީއްވެކަމެއް ސަރުކާރުން ރަސްމީކޮށް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ފާހަގަކުރެވޭ ގޮތުގައި އެއީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއްކޮށް ލިޔުންތައް ޝާއިއުކުރަމުން ދިޔަ ދެ ވެބްސައިޓެވެ.