30 Dec 2023, 18:02
ޗައިނާގެ ސްމާޓްފޯން އުފައްދާ ކުންފުނި ޝިއޯމީގެ ފުރަތަމަ އިލެކްޓްރިކް ކާރުދައްކާލައިފިއެވެ.
ޝިއޯމީގެ އިލެކްޓްރިކް ކާރާއެކު މިހާރު އަމާޒު ހިފާފައިވަނީ އެލެކްޓްރިކް ކާރު އުފައްދާ ދުނިޔޭގެ އެންމެ މޮޅު ފަސް ކުންފުނީގެ ތެރޭގައި ހިމެނުމަށެވެ.
އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް ލެއި ޖޫން ވިދާޅުވީ ސްޕީޑް އަލްޓްރާ ނުވަތަ އެސްޔޫގެ ނަން ދީފައިވާ މި ކާރަކީ ޓެސްލާއަށް ވުރެ ބާރަށް ދުވާ، "ސުޕަ އިލެކްޓްރިކް މޮޓޯ" ޓެކްނޮލޮޖީ ބޭނުންކުރާ ކާރެއް ކަމަށެވެ.
ޝިއޯމީން ބުނީ އެ ކާރު ވިއްކަން ފަށާނީ ކާރުގެ ވިޔަފާރި އެންމެ ފުޅާ ގައުމު ކަމަށްވާ ޗައިނާގައި ކަމަށެވެ.
"ކުރިއަށް އޮތް 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއްގައި ބުރަކޮށް މަސައްކަތް ކޮށްގެން، ކާރު އުފައްދާ ދުނިޔޭގެ އެންމެ މޮޅު ފަސް ކުންފުނިތަކުގެ ތެރޭގައި މި ކުންފުނި ހިމެނުމަށް މަސައްކަތް ކުރާނަން،" އެސްޔޫ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ލެއި ޖޫން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ކުންފުނީގެ ވިސްނުމަކީ، ޕޯޝަ އާއި ޓެސްލާއާ އެއްވަރުގެ "ޑްރީމް ކާރެއް" ބިނާކުރުން ކަމަށެވެ.
އެސްޔޫ7ގެ އޮޕަރޭޓިން ސިސްޓަމް ޝިއޯމީގެ މަގުބޫލު ފޯނުތަކާއި އެހެނިހެން އިލެކްޓްރޯނިކް ޑިވައިސްތަކާ ހިއްސާކޮށްފައިވާތީ ކަސްޓަމަރުންނަށް ވެސް ކަމުދާނެ ކަމަށް ބެލެވެއެވެ.
އެސްޔޫ7 ދެ ވާޝަނެއް ނެރެން ހަމަޖެހިފައިވާއިރު، އެއް ވާޝަނަކީ އެއް ޗާޖުގައި 668 ކިލޯމީޓަރު (415 މޭލު)ގެ ޑްރައިވިން ރޭންޖެއް ހުންނަ ކާރެކެވެ. ދެވަނަ ކާރުގައި ހުންނަނީ 800 ކިލޯމީޓަރުގެ ރޭންޖެކެވެ. އެއާ އަޅާ ބަލާއިރު ޓެސްލާގެ މޮޑެލް އެސްގެ ރެންޖަކީ 650 ކިލޯ މީޓަރެވެ.
ޝިއޯމީގެ ކާރުގެ އަގެއް މިހާތަނަށް އިއުލާނު ނުކުރާއިރު، އެކުންފުނިން ވަނީ ކާރުތަކަށް 10 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފައެވެ.