އެމޭޒަން ޕްރައިމްގެ ކާމިޔާބު ވެބް ސީރީސް "ދަ ފެމިލީ މޭން"ގެ ބާނީން ކަމަށްވާ ރާޖާއި ޑީކޭގެ ނެޓްފްލިކްސް ސީރީސް "ގަންސް އެންޑް ގުލާބްސްގެ ދެވަނަ ސީޒަންގެ ޓީޒާ އާއްމުންނަށް ދައްކާލައިފިއެވެ.

އެކްޓަރު ރާޖް ކުމާރު ރާއޯ، ދުލްކަރު ސަލްމާން އަދި އާދާޝް ގޯރަވް މުހިއްމު ރޯލުތަކުން ފެނިފައިވާ މި ސީރީސްއަކީ ކޮމެޑީ ކްރައިމް ތުރިލާއެކެވެ.

މި ވެބް ސީރީސްގެ ފުރަތަމަ ސީޒަން ބިނާކޮށްފައި ވަނީ 90އިގެ އަހަރުތަކުގެ ތެރޭ ހިންގާ ވަރަށް ވަރުގަދަ ގޭންގް ވިޔަފާރީގެ މައްޗަށެވެ. ގިނަ ވެބް ސީރީސްތަކުން ފެނިފައިވާ އެކްޓަރު ގުލްޝަން ދޭވައިޔާ މުހިއްމު ރޯލް ކުޅެފައިވާ މި ސީރީސްގެ ފުރަތަމަ ސީޒަންއިން ޖަވާބު ނުލިބޭ ގިނަ ސުވާލުތަކަކަށް ދެވަނަ ސީޒަންގައި ޖަވާބު ލިބޭނެ ކަމަށް ރާޖާއި ޑީކޭއާ ހަވާލާދީ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

"ގަންސް އެން ގުލާބްސް"ގެ އުފެއްދުންތެރިން ކަމަށްވާ ރާޖް އާއި ޑީކޭ-- ފޮޓޯ/ އިންޓަނެޓް

މި ސީރީސްގެ ފުރަތަމަ ސީޒަން ޕްރިމިއާ ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ ނެޓްފްލިކްސްގެ ގްލޯބަލް-ނޮން އިންގްލިޝް ޓީވީ ލިސްޓުގެ ގަދަ ދިހައަކުން މި ވެބް ސީރީސް ވަނީ ޖާގަ ހޯދާފައެވެ.

ވެބް ސީރީސް "ގަންސް އެންޑް ގުލާބްސް"ގެ މުހިއްމު ރޯލެއް ކުޅެފައިވާ އެކްޓަރު އާދާޝް ގޯރަވް އެންމެ ފަހުން ފެނިފައިވާ ފިލްމު "ކޯ ގަޔޭ ހަމް ކަހާން"އަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން އަންނައިރު އާދާޝް ވަނީ ފިލްމު ޑައިރެކްޓް ކުރުމުގެ މަސައްކަތަށް ޝައުގު ހުރިކަން ފާޅުކޮށްފައެވެ.