26 May 2012, 13:15
ސަރުކާރުން ފަށާ ހަރަދު ކުޑަކުރުމުގެ ޕްރޮގްރާމަށް މިނިވަން މުއައްސަސާތަކުގެ ތާއީދު ހޯދާ އެ މުއައްސަސާތަކުގެ ހަރަދު ކުޑަކުރާނެ ގޮތްތަކަކާ މެދު އެއްބަސްވާން ދެފަރާތުން މަޝްވަރާކުރަން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ފެށި ހަރަދުކުޑަ ކުރުމުގެ ޕްރޮގްރާމަށް މިނިވަން މުއައްސަސާތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އެހެންނޫން ނަމަ ހަރަދު ކުޑަކުރުމުގެ ސިޔާސަތު ހިންގަން އުނދަގޫވާނެ ކަމަށެވެ.
އެ އޮފިޝަލް ވިދާޅުވީ ހަރަދުތައް ކުޑަ ކުރަން މިނިވަން މުއައްސަސާތަކާ އެކު މަޝްވަރާ ކުރުމަށް މިހާރު އެއްބަސްވެފައިވާ ކަމަށާއި އަންނަ ހަފުތާގައި މަޝްވަރާ ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މިނިވަން މުއައްސަސާތަކަށް ހިނގާ ހަރަދު ނިސްބަތުން ބޮޑުވުން. މީގައި އެބޭފުޅުން [މިނިވަން މުއައްސަސާތަކުގެ] އެއްބާރުލުން ވަރަށް ބޭނުން. އަޅުގަނޑުމެން އެކަމުގައި އެބޭފުޅުންނާ މަޝްވަރާކުރަން މިދަނީ މަސައްކަތް ކުރަމުން. އެގޮތުން ބައެއް ތަންތަނާ އެކު މަޝްވަރާކުރުން ފެށޭ ހަފުތާގައި އެބަ އޮތް،" އޮފިޝަލް ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމުގެ ސިޔާސަތަށް އެއްބާރުލުންދީ ހަރަދު ކުޑަކުރާނެ ކަން ބައެއް މުއައްސަސާތަކުން މިހާރު ވެސް އަންގާފައިވާ ކަމަށާއި އެކަމުގައި ޖުޑިޝަރީން ވަރަށް ބޮޑަށް އެއްބާރުލުން ދޭނެ ކަމަށް މިހާރު ވެސް ބުނެފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
"ޖުޑީޝަރީން މި އޮތީ އެކަމުގައި ފެހި ސިގްނަލެއް ދެއްވާފައި. އެ ބޭފުޅުންނާ އެކު އަޅުގަނޑުމެން އަންނަ ހަފުތާގައި އިށީނދެ ނިންމޭނެ ކަމަށް މިބަލަނީ، ކޮން ބައިތަކަކުން ކަން ހަރަދު ކުޑަކުރެވޭނީ. އެބޭފުޅުންގެ މި ނަމޫނާ އެހެން ބޭފުޅުން ވެސް ފޮލޯ ކުރައްވާނެ ކަމަށް އަޅުގަނޑުމެން މިބަލަނީ،" އޮފިޝަލު ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާ އެއް މުއައްސަސާއަކީ ޖުޑިޝަރީ އެވެ. މި އަހަރުގެ މިހާތަނަށް ޝަރުއީ ދާއިރާއަށް ބަޖެޓުން ގާތްގަނޑަކަށް 129.3 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކަ އެވެ. މިއަހަރު ޖުޑިޝަރީއަށް ކަނޑައަޅާފައިވާ ބަޖެޓަކީ ގާތްގަނޑަކަށް 356.4 މިލިއަން ރުފިޔާ އެވެ.
ކެބިނެޓުން މިހާރު ނިންމާފައި ވަނީ ސަރުކާރުގެ ހުރިހާ އޮފީސްތަކެއްގެ ބަޖެޓުގެ ހަރަދުން 15 ޕަސެންޓް އުނިކޮށް ބަޖެޓް ޑެފިސިޓަށް އެބައިން ހަރަދު ކުރުމަށެވެ. އަދި ސަރުކާރުން އަންނަނީ ސިޔާސީ މަގާމުތަކުގެ ބޭފުޅުންގެ މުސާރަތައް ކުޑަކުރަން މަޝްވަރާ ކުރަމުންނެވެ.
ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު މިދިޔަ ހަފުތާގައި ވިދާޅުވީ ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަކުރަން އޮތް ގޮންޖެހުމަކީ މިނިވަން މުއައްސަސާތަކުގެ ބޭފުޅުންގެ މުސާރަ ކުޑަނުކޮށް ސިޔާސީ ބޭފުޅުންގެ މުސާރަ ކުޑަކުރަން މަސައްކަތް ކުރަން ޖެހުން ކަމަށެވެ. އެކަމުގެ ޝަކުވާ ސިޔާސީ ބޭފުޅުންގެ ތެރޭގައި އޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ބަޖެޓް އެކުލަވާލުމުގެ މަސައްކަތުގައި ވެސް މިނިވަން މުއައްސަސާތަކުން ވަނީ އެ މުއައްސަސާތަކުގެ ބަޖެޓް ކުޑަކަމަށް ބުނެ ޝަކުވާކޮށްފަ އެވެ.
ދައުލަތަށް މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިފައިވާ އިރު 4.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެއީ 1.3 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ.
ސަރުކާރުން މި އަހަރަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސުން ވަނީ އަންދާޒާ ކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ދައުލަތުގެ ހަރަދުތައް ބޮޑުވެ ޑެފިސިޓް ވެސް ބޮޑުވާ މައްސަލައިގައި އައިއެމްއެފުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބަޖެޓް ޑެފިސިޓް ޖީޑީޕީގެ 27 ޕަސެންޓަށް އުފުލޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ. މަޖިލީހުން ބަޖެޓް ފާސްކުރިއިރު ލަފާކޮށްފައި ވަނީ ބަޖެޓް ޑެފިސިޓް ހުންނާނީ 9.7 ޕަސެންޓްގައި ކަމަށެވެ.