މިއީ ރައްޔިތުންގެ ހައްގުގައި، އިދިކޮޅު އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ސާބިތުވާންވީ ވަގުތުކަމަށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރެއްވީ ކުރިން އެމްޑީޕީގައި ތިއްބެވި 13 މަޖިލިސް މެމްބަރަކު މިރޭ، ވެރިކަމުގައި އޮތް ޕީއެންސީއާ ގުޅިވަޑައިގެންފައި ވަނިކޮށެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމަށް އުފެއްދި ޕާޓީއެއްކަމަށެވެ.

އަދި އެންމެ ދުވަސްވީ ޕާޓީގެ ގޮތުގައި އެމްޑީޕީ އޮތް އިރު ގިނަ ހިތާމަތަކާއި، ކާމިޔާބީތަކާ ވެސް ދިމާވިކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީ ވަނީ އުފަލާއި ހިތާމަޔާ، ކާމިޔާބީއާއި ނާކާމިޔާބީ ވެސް ތަޖްރިބާކޮށްފަ. މި ދަނޑިވަޅަކީ އަނެއްކާ ވެސް އައު ހިތްވަރަކާ އައު ޖޯޝަކާއި އެކު ރައްޔިތުންނާއި ގައުމުގެ ހައްގުގައި ސާބިތުވެ ތިބެންވީ ވަގުތު،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ އާ އުންމީދުތަކާއި އާ ލަނޑުދަނޑިިތަކަކާއެކު ނިކުންނަންވީ ދަނޑިވަޅުކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުން ތިބޭނީ ވަރުގަދަ އަޒުމުގައި ކަމަށް ވެސް ވިދާޅުވިއެވެ.