28 Dec 2023, 22:35
ކޮންމެ އަހަރަކު ވެސް ތަފާތު ގޮތަކަށް ކަލަންޑަރެއް ތައާރަފްކުރާ އުރީދޫއިން މި ފެށޭ އަހަރުގެ ކަލަންޑަރުން ރާއްޖޭގެ އުތުރުން ދެކުނަށް ދުވާ ގޭމެއް ގެނެސް ތަފާތުކޮށްލައިފިއެވެ.
މި ކަލަންޑަރު ލޯންޗުކުރަން އިއްޔެ އުރިދޫ ހެޑް ކުއާޓަރުގައި ވަނީ ޚާއްސަ ހަފްލާއެއްވެސް ބާއްވާފައެވެ. މި ހަފްލާގައި އުރީދޫގެ 2024ވަނަ އަހަރުގެ ކަލަންޑަރު ލޯންޗު ކޮށްދެއްވީ، ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމެވެ.
އުރީދޫއިން އިފްތިތާހުކުރި 2024 ވަނަ އަހަރުގެ ކަލަންޑަރާއެކު އޮތް ގޭމަކީ "އަތޮޅު ދުވުން" ގޭމެވެ.
އުރީދޫއިން މައުލޫމާތު ދިން ގޮތުގައި މި ގޭމަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ގޭމެކެވެ.

2024 ވަނަ އަހަރުގެ އުރީދޫ ކަލަންޑަރު ލޯންޗު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އުރީދޫ
އަދި މި ގޭމަކީ ރާއްޖޭގައި ތައްޔާރު ކުރެވިފައިވާ ފުރަތަމަ 'އެންޑްލެސް ރަނާ" ޖޯންރާގެ ގޭމުކަމަށް ވެސް އުރީދޫއިންވަނީ ބުނެފައެވެ.
މި ގޭމު އުރީދޫއިން ގުޅުވައިލީ އެ ކުންފުނީގެ އެންމެ ފުރަތަމަ އިޝްތިހާރު ކަމަށްވާ "ހަސަނަށް ފޯނެއް" އިޝްތިހާރާއެވެ.
އެގޮތުން މި ގޭމުގައި އުޅޭ ރާއީ، ހަސަނަށް ފޯނު ދޭންދުވެފައި ދަނީ ރައްޖޭގެ އުތުރުން ދެކުނަށެވެ.
އުރީދޫއިން ބުނި ގޮތުގައި މި ގޭމުގައި ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށް ނުވަތަ ލެވެލެއް އަންލޮކް ވާނެއެވެ.
ކަލަންޑަރު ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އުރީދޫ އަކީ އަަބަދު ވެސް ދިވެހިންނާ ދިވެހި ބަސް ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެއް ކަމަށެވެ.
މި ފަހަރު އުރީދޫއިން މި ތައްޔާރުކުރި ކަލަންޑަރަކީ ވެސް ދިވެހިވަންތަ ގޮތަކަށް ދިވެހި ޒުވާނުންނަށް ފަރުމާކޮށްގެން އުފައްދައިފައިވާ ކަލަންޑަރެއްކަން ފާހަގަކުރެއްވިއެވެ. އަދި އެ ގޭމުގެ ސަބަބުން ބޭރުގެ ގައުމުތަކަށް ރާއްޖޭގެ ރަށްތަކާ ގުޅޭ ތަފާތު މައުލުމާތުތަށް ލިބޭނެކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ
މި ހަފްލާގައި އެ ކުންފުނީގެ ސިއީއޯ ޚާލިދު އަލް ހަމާދީ ވެސް ވަނީ ވާހަކަދައްކަވައިފައެވެ.

2024 ވަނަ އަހަރުގެ އުރީދޫ ކަލަންޑަރު ލޯންޗު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އުރީދޫ
އޭނާ ވިދާޅުވީ، އުރީދޫގެ ކަލަންޑަރަކީ ޒުވާނުންނާ ދިވެހިންގެ މެދުގައި އީޖާދި ޓެކްނޮލޮޖީ ކުރިއެރުވުމަށް އުރީދޫއިން ދޭ އަހަންމިޔަތުކަން ހާމަވާ ކަމެއްކަމަށެވެ.
މި ގޭމުގައި ރާއްޖޭގެ އުތުރުން ދެކުނަށް 12 ރަށެއްގެ ރީތިކަން ފެންނަހެން ޖުމްލަ 12 ލެވެލެއް ހިމެނޭއިރު ކޮންމެ މަހަކު އާ ލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
މީގެ ކުރިން ވެސް އުރީދުއިން ވަނީ ތަފާތު އަދި އުފެއްދުންތެރި ގޮތްގޮތަށް ކަލަންޑަރުތަކެއް އުފައްދައިފައެވެ.
އެގޮތުން މި ހިނގާ 2023ވަނަ އަހަރުގެ އުރީދޫ ކަލަންޑަރަކީ ވަރަށް ފެހިކަން ގަދަކޮށް، ތަފާތު 12 ވައްތަރެއްގެ ގަހަކަށް ޚާއްސަ ކޮށްފައިވާ ކަލަންޑަރެކެވެ.