އިނގިލި ބުރިކޮށްލި ކަމުގައިވީ ނަމަވެސް އެ މަނިކުފާނާ ދެކޮޅަށް ވޯޓު ނުދެއްވާނެ އެމްޑީޕީ މަޖިލިސް މެމްބަރުން އެބަ ތިއްބެވިކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެ ފަދައިން ވިދާޅުވީ މިރޭ އެމްޑީޕީ ދޫކިރެއްވި 13 މެމްބަރަކު ޕީއެންސީއާ ގުޅުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ މެމްބަރުންނަށް މަރުހަބާ ވިދާޅުވުމަށްފަހު، ރައީސް ވިދާޅުވީ، އެއީ ރައްޔިތުންގެ ވިންދާ އެއްގޮތަށް މެމްބަރުން ނިންމެވި ނިންމެވުމެއްކަމަށެވެ.

"ތި ބޭފުޅުން ތި ޚިޔާރުކުރެއްވީ ގައުމު. ދިވެހި ގައުމު އަޅުގަނޑުމެން ކޮންމެ މީހަކަށްވުރެ ވެސް ބޮޑު،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މިރޭ ޕީއެންސީއާ ގުޅުނު ހުރިހާ މެމްބަރުން ވެސް އެ ޕާޓީއާ ގުޅުނު އެއް ސަބަބަކީ، ރައްޔިތުން ހޮވައިފައިވާ ސަރުކާރަކަށް ހުރަސް އަޅަން، އެމްޑީޕީން ކުރާ މަސައްކަތާ ދެކޮޅުވުން ކަމަށެވެ.

އަދި އެއީ ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ހިންގާ ޕާޓީއަކުން ކުރާނެ ކަމެއް ނޫންކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރިއަށް ހުރި ދުވަސްތަކުގައި ވެސް އިތުރު މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ޔަގީންކުރައްވާކަމަށެވެ.

ސަބަބަކީ ކޮންމެ ވެސް ސަބަބަކާ ހެދި ފާޅުކަން ބޮޑު ގޮތެއްގައި، ޕީއެންސީއާ މި ވަގުތަށް ދުރުން މަސައްކަތް ކުރަން ޖެހިފައި ތިބި މެމްބަރުން ތިބިކަން އެނގިވަޑައިގަތުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އިނގިލި ބުރިކޮށްލިއަށް [އަޅުގަނޑާ ދެކޮޅަށް] ވޯޓު ނުދޭނެ މަޖިލިސް މެމްބަރުން އެބަ ތިބި. އެކަން އަޅުގަނޑަށް އެނގޭ،" ރައީސް ވިދާޅުވިއެވެ.

އެ ޔަގީންކަމާއެެކު ރައީސްވަނީ، ރައްޔިތުންނަށް ޚިދުމަތްކޮށް، ގައުމީ މަސައްކަތުގައި ހުރިހާ ބޭފުޅުން ވެސް ދެމިތިބުމަށް ގޮވައިލައްވައިފައެވެ.