ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަނާއެކު ސުޕަ ޕީކް ޖެޓް ސީޒަން އައިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި 68 ޖެޓަށް ޕާކުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން (އެމްއޭސީއެލް)އިން މިއަދު ބުނެފިއެވެ.

ބުނި ގޮތުގައި މި އަހަރު ރެކޯޑް އަދަދަކަށް ޖެޓުތައް ޕާކުކޮށްފައިވާ ކަމަށެވެ. އެގޮތުން މިއަދު 38 ޖެޓު ޕާކުކޮށްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި އަލަށް އިތުރުކުރެވުނު ޕާކިން ސްލޮޓްތަކާއެކު ކެޕޭސިޓީއާއި އާ ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވިކަމަށް އެ ކުންފުނިން ބުންޏެވެ.

ވީއައިއޭގައި އެއާކްރާފްޓުތައް ޕާކުކޮށްފައި:ޕީކް ސީޒަން އައިއިރު ވީއައޭގައި 68 ޖެޓަަށް ޕާކުކުރެވޭ، މިއަދު 38 ޖެޓު---- ފޮޓޯ/އެމްއޭސީއެލް

އެމްއޭސީއެލުން ބުނީ އައު ޖާގަތައް ގާއިމްކުރީ ފިއުލް ފާމް ކުރިމަތީގައާއި ހުޅަނގު އުތުރު ސަރަހައްދުގައި ކަމަށެވެ.

އެގޮތުން ނޯތު އޭޕްރަންގައި 13 ޖެޓު ޕާކުކުރާނެ ސްލޮޓާއި އީސްޓް އޭޕްރަންގައި 26 ޖެޓު ފާކުރާނެ ސްލޮޓު އިތުރުކުރެވިފައިވާ ކަމަސް އެމްއޭސީއެލްއިން ބުނެއެވެ.

އަދި ފިއުލް ފާމް ކުރިމަތީގައި ގާއިމުކުރެވުނު ޕާކިން ސްލޮޓުތަކުގައި 13 ޖެޓު ޕާކުކުރެވޭއިރު ދެކުނު ސަރަހައްދުގައި 16 ޕާކުކުރެވޭނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

މީގެ ކުރިން ވީއައިއޭގައި ޕާކުކުރެވޭނީ 39 ޕްރައިވެޓް ޖެޓުކަމަށް އެމްއޭސީއެލުން ބުންޏެވެ.

މި މަސައްކަތަކީ ޕީކް ދުވަސްވަރު ވައިގެ ދަތުރުފަތުރުގެ ޑިމާންޑް އިތުރުވަމުންދާތީ އޮޕަރޭޝަންތަކާއި ޚިދުމަތްތައް ފުޅާކުރުމަށް އެމްއޭސީއެލުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ވީއައިއޭގައި އެއާކްރާފްޓުތައް ޕާކުކޮށްފައި:ޕީކް ސީޒަން އައިއިރު ވީއައޭގައި 68 ޖެޓަަށް ޕާކުކުރެވޭ، މިއަދު 38 ޖެޓު --- ފޮޓޯ/އެމްއޭސީއެލް

ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަން މިހާރު ފެށިފައިވާއިރު، ކޮންމެ އަހަރެއްގެ މި ދުވަސްވަރުގައި ވެސް އެއާޕޯޓަށް ޖައްސާ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ގިނަވެއެވެ. މިއީ އެއާޕޯޓު މެދުވެރިކޮށް ވަންނަ އާމްދަނީ އިތުރުވުމުގެ ވެސް އެއް ސަބަބެވެ.