ހުޅުލެއާއި މާލެއާ ދެމެދު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓި ފުނަދޫ ފަރުމައްޗަށް ރޭ ލައްގައިފި އެވެ.

ފުލުހުން ބުނީ ފުނަދޫ ފަރުމައްޗަށް ލައްވި ބޮނިޓޯ ކުންފުނީގެ "ބޮނިޓޯ" ނަމަކަށް ކިޔާ ސަތަރިދޯނި ފަރަށް ލެއްގި އިރު ތިބީ ދިވެއްސަކާއި ބިދޭސީއެއް ކަމަށާއި އެ ދެ މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި ފަރަށް އެރި ދޯނި ސަލާމަތްކުރުމުގެ މަސައްކަތް އެދޯނީގެ ވެރިފަރާތުން ކުރިއަށް ގެންދާ ކަމަށެވެ.

"އަޅުގަނޑުމެން އޭގައި ތިބި ދެ މީހުން ސަލާމަތް ކުރިން. ދޯނި ފުންކުރުމުގެ މަސައްކަތް ވެރިފަރާތުން އަމިއްލަށް ކުރިއަށް ގެންދަނީ،" ފުލުހުންގެ މީޑިޔާ އޮފިޝަލް ހަސަން ހަނީފު ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ ފުނަދޫ ފަރަށް ދޯންޏެއް ލައްވި ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެ ދޯނީގައި ތިބި މީހުން ސަލާމަތްކުރީ ފުލުހުން ކަމަށެވެ. އަދި ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ކުރަމުން އަންނަ ކަން އެނގިފައިވާ ކަމަށެވެ.

"ފުލުހުން ވަނީ ދޯނީގައި ތިބި މީހުން ސަލާމަތްކޮށްފައި. ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ކުރަމުންދާ ކަމަށް މައުލޫމާތު ލިބުނީ. ދެން އަޅުގަނޑުމެންގެ އެހީތެރިކަން ބޭނުން ނުވާތީ އަޅުގަނޑުމެން އެދޯނި ކައިރިއަކަށް ނުދަން،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ލެފްޓިނެންޓް އަބުދުﷲ އަލީ ވިދާޅުވި އެވެ.

ބޮނިޓޯ ކުންފުނީގެ އިސް ފަރާތަކާ ގުޅޭ ގޮތް ނުވުމުން އެ ދޯނި މިހާރު ސަލާމަތް ކުރެވިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ. ދޯންޏަށް ލިބިފައިވާ ގެއްލުމެއް ވެސް ސާފެއް ނުވެ އެވެ.