ހީވެސް ނުކުރާ ކަހަލަ ވާހަކައެއް މާމަ އެހާ ސީރިޔަސްކޮށް ދެއްކުމުން އުރުޖުވާން ގެ ލޮލުގައި ނުތަނަވަސްކަމާ ހާސްކަން ވިއެވެ. މާމަ މިހާ ދުވަސް ވީ އިރު ސަމާސާ ރާގެއްގައި އަސްލުވެސް ބުނަމުން އައީ ވަސިއްޔަތެއްކަން ރޭކާލީ އެއިރެވެ. ހިތުގައި ޖަހަމުން ދިޔަ ވިންދުގެ އަޑު ބާރުވެ މޭ މަތީ އަތް އެޅުނެވެ. ބަސްހުއްޓިފައި އުރުޖުވާން އަށް ހުރެވުނެވެ. ސަބީހާ ދޮރު ހުޅުވި އިރު އެއްވެސް މީހެއް ނެތުމުން ދޮރު ތަޅުލިއެވެ.

"ކަނބުލޯ... މާމަ ދޮރު ކައިރިޔަށް ދިޔައިރު އެއްވެސް މީހެއް ނެތް.. ވެދާނެ އެހެން އެޕާރޓްމެންޓަކަށް އައި މީހެއް ކަމަށް..."

"ކަނބުލޯ ...އުރުޖުވާން..." ސަބީހާ ވާހަކަ ދެއްކުމުންވެސް އުރުޖުވާން ގެ ޖަވާބެއް ނުލިބުމުން ކުޑަކޮށް ކޮނޑުގައި އަތްޖައްސާލިއެވެ.

"އަނ...އޯ މާމާ..." ސިއްސައިގެން އުރުޖުވާންއަށް އެނދުން ތެދުވެވުނެއެވެ.

"މާމަ ދެއްކި ވާހަކަ އާއި މެދު ހައިރާންވެފަދޯ.....މާމަ އަށް އެނގޭ ދަރިފުޅު އަޑުއަހަން އެންމެ ބޭނުންވާ ވާހަކައެއް ނޫންކަން މިއީ މާމަ ގެ އަމިއްލަ ވަސިއްޔަތެއް ނޫން...." ސަބީހާ އުރުޖުވާންގެ ކަނައަތުގައި އޯގާތެރިކަމާއެކު ކެވެލި ކޮޅު އަޅުވަދެމުން ބުނެލިއެވެ.

އުރުޖުވާންގެ އަތުގައި އަޅުވާފައިވާ ރިހި ކެވެލިކޮޅުގައި ވާ މުތީގެ އަލިކަމަކީ ހަމަހިމޭން ފެނުގައި ހަނދުގެ އަލިކަން ރަމްޒުކޮށްދޭ ހުދުކުލައެވެ. އުރުޖުވާންގެ ހިތު ތެރޭ އުފެދުނީ އެންމެ ސުވާލެކެވެ.

"މަންމަ.....ގެ ވަސިއްޔަތެއްތަ....." އުރުޖުވާންއަށް މަންމަ އެބަސް ކިޔަން އުނދަގު ވިއެއް ކަމަކު ސަބީހާ ގާތުގައި އަހައިލީ އުނގުގައި ބޯ އަޅާލަމުންނެވެ.

"އާނ...ދަރިފުޅުގެ މަންމަ ގެ ވަސިއްޔަތެއް.....ދަރިފުޅު މިހާރު ތިހިރީ ފުރާ ފުރިހަމަވެފަ....ދަރިފުޅަށް ކަމުގެ ހަގީގަތްތައް ކިޔައިދޭ ވަގުތު ޖެހިއްޖެ...މާމަ އަކަށް އިތުރަކަށް މިވާހަކަތައް ހިތުތެރޭ ބަހައްޓައިގެން ހުރެވެން ނެތް..." ސަބީހާ އުރުޖުވާންގެ ކަޅު ފަން އިސްތަށިކޮޅުގައި އޯގާތެރި އަތުން ފިރުމަމުން ކިޔައިދިނެވެ.

"އެކަމަކު މާމާ...އުރޫޖް ގެ މުޅި ޙަޔާތް ވޭތު މިކުރީ ކަމުގެ ހަގީގަތް ނޭނގި.... ކުރިޔަށް އޮތްތާވެސް އެނގެން ބޭނުމެއް ނުވޭ...މާމާ ޕްލީޒް އުރޫޖް އަށް ކިޔައިނުދީ.....އުރޫޖް ބޭނުމެއް ނޫން....ދުނިޔަވީ ޙަޔާތާއި މެދު އެހާ ފުންކޮށް ވިސްނާ މާޔޫސްވާން ހިތް ނޭދޭ....އަދި ދީނުގައި މީހުންނާއި އިނުމަށް އަމިއްލަ އިޚްތިޔާރު ލިބިގެންވޭ....މާޒިމް އެއީ ދީނީގޮތުން ރަނގަޅު މީހެއްކަމެއްވެސް އެނގެނީއެއް ނޫން" އުރުޖުވާން ގެ ހިތުގައި ވި އުދާސް ކިޔައިދިނެވެ.

"އުރުޖުވާން.... ހަގީގަތާއި ކުރިމަތިލައިގެން އާޚިރަތަށްޓަކައިވެސް މަސައްކަތްކުރަންވާނީ....އުރުޖުވާންގެ މަންމަ..." ސަބީހާގެ ވާހަކަ ނުނިމެނީސް އަނެއްކާވެސް ބެލް ޖަހާ އަޑު އިވިއްޖެއެވެ.

"އުނހޫ....މި ކާކުތަ ބެލް މިޖަހަނީ..... އަނެއްކާވެސް.... އެހެންވާނީ އުރުޖުވާން މާމަ ދައްކާ ވާހަކަ އަޑުއަހަން ބޭނުން ނުވީމަ...މާމަ އެބަ އަންނަން..." ސަބީހާ ހިނގައިގަތީ އަވަސް ފިޔަވަޅުތަކެއްގައި ދޮރާ ދިމާއަށެވެ. އުރުޖުވާން އޮށޯވެލައިގެން އޮތީ މާމަގެ އިންތިޒާރުގައެވެ.

***

"އަހުމަދާ...ތި ވާހަކަ މަގޭ ކައިރީ ނާހަން ކިތައްފަހަރު ބުނެވިއްޖެ....ނާވިޔާގެ ދަރި ބަލަން އޭނަ ހަވާލު ކުރީ އެ މުސްކުޅި ސަބީހާ އާ... އަހަންނަކާ ނޫން... އެހެންނޫނަސް އެއީ އަހަރުމެންނާ ބެހޭ ކަމެއްވެސް ނޫން...އާދަމް އޭނަގެ ދަރި ބަލާ އަޔަސް އަހަރުމެން އެކަމާ ވަކި ބުނާނެ އެއްޗެއް އޮންނާނެތަ؟ ނަބީލާ ވެސް ބަލިވީ އެމީހުންނާ ހެދި.... އަހަރުމެން ދެމީހުންނަށާއި އެ ސަބީހާ އަކަށް ނޫނީ އެ ދަރި ދުނިޔޭގަ ހުރިކަމެއް އެނގޭނެ މީހެއް ނުހުންނާނެ" ނާޝިދު ގެ އަޑުގައިވީ ފޫހިކަމާއި ރުޅިވެރިކަމެވެ.

"ނާޝިދު...ހަމަޖެހިބަލަ...ނާވިޔާގެ ކުށެއްނެތް.....އަދި އުރުޖުވާން ގެ ކުށަކީ ކޮބައިތަ މިކަމުގަ...ސަބީހާއްތަގެ ހިތްހެޔޮ ކަމުން އެ ދަރިއާ ހަވާލުވީ....އާދަމް އަށް އެކުއްޖާ އަތުޖެހޭ ދުވަހު މަރާލާނެކަން ނާޝިދުއަށް ރަނގަޅަށް އެނގޭނެ...."

"އަހުމަދު....ތި ހުރިހާ ކަމަކާ ވިސްނަން މިވަގުތު ބޭނުމެއް ނުވޭ....އަންނާނަން މިތާ ކައިރި ފާރމަސީ އަކުން ބޭސް ގަނެގެން" ނާޝިދުގެ ނުރުހުން ފާޅުކުރަމުން ބޭރަށް ދާން ކޯޓުލިއެވެ.

"ނާޝިދު.....މަށަށް ބުނެވުނު އެއްޗަކާމެދު ހިތް ބުރަ ނުކުރާތި....މާޒްވިލާގައި ހިނގި ކަންތައްތަކަކީ އަހަރުމެން އެންމެންގެ ދިރިއުޅުންވެސް ބަދަލުކޮށްލި ކަމެއް..." އަހުމަދަށް އޭނާގެ އެކުވެރިޔާ އައިއްސަ ހުރި ރުޅިން ހިތުގައި ހަމްދަރުދީ ވެވުނަސް އަބަދުވެސް ދެމީހުން އެއްގަލަކަށް ނާރާނެ ވާހަކައަކީ ނާވިޔާގެ ވާހަކަ ކަން އޭނާއަށް އެނގެއެވެ. އަދި ބަހަނާދައްކާފައި ދިޔައީ އެ ވާހަކަ ކަމުނުގޮސްގެން ކަންވެސް އެނގެއެވެ.

ނާޝިދު ދިޔުމުން އަހުމަދު ހޫނު ކޮފީ ތަށްޓެއް ގިރާލައިގެން އިށީނީ ފޯނުން ކޯލު ލޮގް ހުޅުވާލަމުންނެވެ. މެހެކް ގެ އެތައް ބައިވަރު މިސްކޯލެއް ހުއްޓެވެ. ކޮންމެ ދުވަހަކުވެސް މެހެކް ގެ ދެތިން ކޯލު ލިބެއެވެ. ފޯނު ނުނެގިއެއް ކަމަކު ހިތައް ކޮންމެވެސް ވަރެއްގެ ފިނިކަމެއް އެކަމުން ލިއްބައިދެއެވެ. ހިތް ކިތަންމެ އެދުނަސް މެހެކް އަށް އައިއްސަ ހުރި ބަދަލުތައް ހަނދާންވެ ގުޅަން ފަސްޖެހެވެނީއެވެ.

ނާޝިދު އެ ފިނީގެ ތެރޭގައިވެސް ހަށިތެރެ ހޫނުވަމުންދިޔައީ ސިކުނޑީގައި އެނބުރެމުން ދިޔަ ހިޔާލުތަކުންނެވެ. ނަބީލާ މިކޮޅަށް ބަދަލުކުރަން ޖެހުނީ ހަމަ އެކަނި ނަބީލާއަށްޓަކައި ނޫންކަން ހުދު އޭނާއަށްވެސް ގަބޫލުކުރެވެއެވެ. އެކަމަކު އެ ސަބަބު އެނގުން ވަނީ ހަމައެކަނި އާދަމް އާއި އޭނާއަށްކަންވެސް އެނގެއެވެ.

***

"މީކާއިލް ހުރިހާ ކަމެއް ކުރަންވާ ގޮތް ބުނެދޭނެ...ހުރިހާ އަޕްޑޭޓެއް އިންޝާﷲ މައިކަލް ގެ ފަރާތުން ހުޝަލް އަށް ލިބޭނެ..." މެހެކް ދަމުން ހުޝަލް ކައިރީ ބުނެލިއެވެ. އަދި މީކާއިލް ކާރުގެ ތަޅުދަނޑި މެހެކް އާއި ހަވާލުކޮށްލިއެވެ.

"އޯކޭ...ތޭންކްސް އަ ލޮޓް..." ހުޝަލް ބޯ ޖަހައިލިއެވެ.

އެންމެ ޒަމާންވީ އެކުވެރިޔާ އަދި އެންމެ ކުޑައިރުއްސުރެ މިއަދާ ޖެހެންދެންވެސް ހިތް އެމީހަކަށް ހަދިޔާ ކުރެވުނު ހަމައެކަނި އަންހެންކުއްޖާ މިއަދު އެވަނީ ކަޅު ފަރުދާއެއްގެ ތެރޭގައި ފޮރުވިފައެވެ. ހިތުން އެ މޫނު ދުވަހަކުވެސް ހަނދާން ނުނެތޭނެ ނަމަވެސް ހިތް ކިތަންމެ އެދުނަސް އެ މޫނުގެ ސިފަ ހިތަށް ގެނައުމަށްވެސް ހުޝަލް ފަސްޖެހި އަމިއްލަ ޒަމީރު އެކަމަށް އެއްބަސްނުވަނީ މެހެކް އެގޮތައް އެކަން ވުމަށް ނޭދޭނެކަން އެނގޭތީއެވެ. ފިނިވައިރޯޅިގަނޑު ހަމަހިމޭންކަމާއިއެކު ފިނިވެ، އިރުއޮއްސޭ އިރުގެ ރީތިކަން އެދުވަހަށް ޅެންވެރި ނިމުމެއް ފަދައިން ފާޅުވެގެން ދެއެވެ. ފިނި މޫސުމުގެ ހަވީރުގެ ރީތިކަން ބަލަން ހުރި ހުޝަލްއަށް މޭޒުމަތީގައި އިން ހޮޓް ޗޮކްލެޓްގެ މީރުވަސް ހިތާ ކުޅެމުން ދިޔައީ މާޒީގެ ފޮނި ހަނދާންތައް އާކޮށްދެމުންނެވެ.

"ހުޝަލް....ތި އެޕާޓްމެންޓަށް ދިޔުމުގެ ކުރީން ބައެއް ސާމާންކޮޅުތައް ނަގައިގެން ދެވޭނީ...ކުޑަ ވަގުތު ކޮޅަކަށް ގެއަށް ޖައްސާލާފަ ދާންޖެހޭނީ...އޮސްބާރން ސްޓްރީޓަށް....އޯކޭ ދޯ...."

"އާނ ރަނގަޅުވާނެ...އެ މިތާ ކައިރިއެއްނު....ލެޓްސް ގޯ...މިހާރު މީކައިލް ވަކީންތަ އުޅެނީ؟....އަހްމަދުބެ މެން އުޅެނީ އީސްޓް ލަންޑަންގައެއްނު..." ހުޝަލް އަހާލީ ކެފޭއިން ނިކުންނަން މީކާއިލް އާއި އެކީ ދަމުންނެވެ.

މީކާއިލް އާއި ހުޝަލް ދިޔަ މަގުމަތީގައި ދެކެވުނު ވާހަކަތަކުން ހާމަވީ މެހެކްއާއި މީކާއިލްގެ ދިރިއުޅުމަށް އައި ބަދަލުތަކާއި އަދި އެ ދެބެއިންގެ ބައްޕަ، އަހްމަދު ބޭރު އަންހެނަކާއި ކުރި ކައިވެނިން ބޮޑު އަރައިރުންތަކެއް ވެ އެ އާއިލާތެރޭ ޖެހުނު މައްސަލަތަކުން ދެ މީހުންވެސް ގެއިން ނިކުމެ ވަކީން ދިރިއުޅެން ގަސްތުކުރިކަމެވެ.

***

ބުޅި އިސްތަށިގަނޑެއް ހާވާލައިގެން ލޮލުގެ ކަޅި ވަނީ އެއްދިމާއަކަށް ހުއްޓިފައެވެ. ޖަންބު ދޮނެއް ހުރި އެ ކޯތާފަތުގައި ނިޔަފަތީން ޒަޙަމް ކޮށްނުލާ އެންމެ ތަންކޮޅެއްވެސް ނެތެވެ. ނަމަވެސް އެ މޫނުގެ މާސޫމުކަން އިންތިހާއެވެ. ބަލައިލި ކޮންމެ މީހެއްގެ ހިތް ހަމްދަރުދީން ބަންޑުންކުރުވާނެއެވެ. މެހެކް ވަރަށް އޯގާތެރިކަމާއެކު އެ ބޮލުގައި ފިރުމަދެމުން ނަބީލާގެ ކަންފަތް ކައިރީ ސަލާމް ގޮވާލިއެވެ.

"އޭ...ފާޑު ފާޑު ބަނދިވަރު ކިޔަން ތިއައީ ކާކު.... " ބަރު އަޑަކުން ވާހަކަ ދެއްކީ ނަބީލާ އެވެ. އެ އަޑުއިވުނު ކޮންމެ މީހަކަށް އެއީ ހަމަ ގައިމުވެސް އެ ނަބީލާގެ އަޑު ނޫންކަން އެނގޭނެއެވެ.

ނަބީލާ އޮށޯވެގެން އޮތް އެނދުގެ ބޯލާކޮޅުގައި ހުއްޓި ހުރި މެހެކް ކަރުނުން ލޯ ފޭދުނެއްކަމަކު ހިއްވަރާއެކު ކިޔަވަންފެށީ ޤުރުއާނެވެ. ރުޤްޔާ ކުރާއިރު ކިޔަވާ ސޫރަތްތަކާއި އާޔަތްތަކެވެ. އެނދުގައި ޗޭނުޖަހައި ހައްޔަރުގައިވި ނަބީލާ ދިޔައީ އަޑުގެ ނެތްކޮޅަށް ކިޔެވުން ހުއްޓައިލުމަށް ބުނަމުންނެވެ. ބައެއް ފަހަރު އިންޒާރުތަކެވެ. މެހެކް އަށް އެއީ ނަބީލާގައިގާ ހުރި ޖިންނީގެ އުނދަގޫކަން އެނގުމުން އިތުރަށް ބާރަށް ކިޔެވުން ކުރިޔަށް ގެންދިޔައެވެ. މުޅި ކޮޓަރި އެލާމްވީ ދެނެވެ.

***

ސަބީހާ ދޮރު ހުޅުވައިލުމަށްފަހު ބޭރުން މީހަކު ނުފެނުމުން ބޭރަށް ނިކުމެ ސިޑި ކައިރިއަށް ދިޔައީ މީހެއްގެ ހިލަމެއްވާތޯ ރަނގަޅަށް ބަލައިލުމަށެވެ. އެޕާޓްމެންޓުގެ ބޭރުގައި ދުވަނީ ބުޅަލެއް މަރުވުމުންވެސް ނުދުވާނެ ކަހަލަ ނުބައި ވަސްގަނޑެކެވެ. އަދި ބޭރުގައި ދިއްލާފައި ހުރި ބޮކިވެސް ނިވި ދިއްލޭގޮތެއް ވާންފެށިއެވެ. ސަބީހާގެ ހިތަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެރިވާންފެށީދެނެވެ.

"ސަބީހާ" ވައި އަޑަކުން ސަބީހާ ގެ ކަންފަތް ކައިރީ ގޮވާލި މީހާ ނުފެނުނެއް ކަމަކު ސަބީހާ އަށް އެއީ ކާކުކަން ވަރަށް ރަނގަޅަށް ފަހުމް ވިއެވެ.

ދުލުން އެއްޗެއް ނުބުނެވި އުޅެނިކޮށް އެ މީހާ ސަބީހާގެ ކަރުގައި ހިފިއެވެ.

"މަންމާ...މަންމަގެ މި އާދަމަށް ދޭނެ އެއްޗެއް އެބޮތްތަ؟...ވަރަށް ބަނޑުހައި...." އެ އަޑުގައިވީ ނުލަފާ ކަމާއި ޖެއްސުމުގެ ރާގެކެވެ.

"ކަ...ކަ.ކަލޭ ކީއްކުރަން އައީ؟" ސަބީހާ ކަރު ވާންވެފައި ހުރުމުން ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ.

"މި އައީ ކަލޭމެން އެންމެންގެ މަރު ހިފައިގެން....އަހަރެންގެ އެންމެ ފަހު ސިހުރު ކާމިޔާބު ކުރަން..." އާދަމް ރުޅިވެރިކަމާއެކު ސަބީހާގެ ކަރަށް ބާރުކޮށްލިއެވެ.

"މާތް ﷲ ކަލޭގެ ތި ރޭވުންތައް ކާމިޔާބު ވިޔަ ނުދޭނެ..."ސަބީހާ ރުޅގަދަވެ މަސައްކަތް ކުރަމުން ދިޔައީ އާދަމުގެ އަތުން ސަލާމަތް ވުމަށެވެ.

"ތި ކަލާނގެ ކަލޭމެން އެކަކުވެސް ސަލާމަތެއް ނުކޮށްދޭނެ....އަހަރެން ސަޖިދަ ޖަހާ މީހުން މާބާރުގަދަ ވާނެ...." އާދަމް އިތުރަށް ރުޅިގަދަވެ ސަބީހާ ފާރަށް އެއްލައިލިއެވެ.

***

"މިރެއަކީ ކަންތައްތައް ވަރަށް ބަދަލުވާނެ ރެއެއް....ކަލޭގެ ތި އުރުޖުވާންގެ ނިމުންވެސް ގާތްވެއްޖެ...." އުވެއިސް ބާރު ބިރުވެރި ހުނުމުގައި ހޭވެރިކަން ގެއްލެމުން ދިޔަ މަދީނާއަށް އެންގިއެވެ.

މާޒިމް ބޭރު ދޮރާ ދިމާއަށް ދުއްވައިގަތީ ކަބަޑު ދަށުން ނެގި ފޮތިގަނޑު ވެސް އަތަށްލައިގެން ހުރެއެވެ. "ބޭރުން އެއިވެނީ ހާދަ ބާރު ހަޅޭކެއްގެ އަޑޭ..."

ވަގުތު ހީވީ ހުއްޓުނުހެނެވެ. މުޅީން ނިއުޅާލެވިފައިވާ ދިގު ފަން އިސްތަށިގަނޑު ވިހުރެމުންދިޔަ އެ މޫނު ފާޅުވިއިރު މޫނަށް އެ އިސްތަށިގަނޑުން ބައެއް އެޅިފައިވީ ނަމަވެސް އެ ބޮޑު ދެލޮލުން އޮހޮރެމުން ދިޔަ ކަރުނައިގެ ކޯރެއް ދިޔައީ އެ އޮމާން ނިޔަނެތި ކޯތާފަތައް އޮހެމުންނެވެ. އެ ހިތާމަވެރި ނަޒަރުގެ ކަޅުކަން، ކަރުގައި އަޅާފައިވާ މުތީގެ މަޑުމައިތިރި އަލިކަމާއި ދެކޮޅަށް ފާޅުވީ އަޖާއިބުކުރަނިވި ގޮތަކަށެވެ. މާޒިމްގެ ހިތައް ހީވީ ކަރަންޓު ޝޮކެއްޖެހުނު ހެންނެވެ.

"ޕްލީޒް ހެލްޕް...ޕްލީޒް...މާމަ ....." އެހީ އަށް އެދި އާދޭސްކުރަމުން ދިޔައެވެ.