ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ނިންމައި، މިއަދު ޗުއްޓީއަށް ދިޔައިރު ނިމިފައިވަނީ 57.3 އިންސައްތަ މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސަލަމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ މުއްދަތު ތިން ފަހަރަށް ވަނީ އުތުރުކޮށްފައެވެ. އެ މުއްދަތު މިއަދަށް ހަމަވެ، މިހާރު މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފައެވެ.

ދައުރު ނިންމަވައިލައްވަމުން އަސްލަމް ވިދާޅުވީ، މަޖިލީހުގެ މި ދައުރުގައި ޖުމުލަ 39 ޖަލްސާ ބޭއްވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެންމެ މުހިއްމު މަސައްކަތްތަކެއްގެ ގޮތުން އަންނަ އަހަރަށް ލަފައިކުރާ ދައުލަތުގެ ބަޖެޓު ފާސްކުރުމާއި މި އަހަރަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުން ހިމެނެއެވެ.

އަދި، މުހިއްމު ފަސް ބިލެއް މި ދައުރުގައި ވަނީ ފާސްކޮށްފައެވެ. އެއީ،

  • އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު

  • ކައުންސިލްތަކުގެ އިންތިހާބުހާގެ ގާނޫނު

  • އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު

  • މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު

  • ކުންފުނީގެ ބިލު

މީގެ އިތުރުން، މަޖިލީހަށް ހުށަޅާފައިވާ ޖުމުލަ 25 ގަރާރެއްގެ މަސައްކަތް ފަށައި، އޭގެ ތެރެއިން ހަ ގަރާރެއްގެ މަސައްކަތް އެއްކޮށް ނިންމައި، 17 ގަރާރެއްގެ މަސައްކަތް ކޮމިޓީ މަރުހަލާގައި އޮތް ކަމަށް އަސްލަމް ވިދާޅުވިއެވެ.

މި ދައުރުގައި ޖުމުލަ 57.3 އިންސައްތަ މަސައްކަތް އެއްކޮށް ނިންމައިލެވިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ބޮޑު ބައިގައި މަޖިލީސް އޮތީ ހުއްޓިފައެވެ. އެއީ، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކުގައެވެ. އެ މަނިކުފާނު ވަނީ ޖަލްސާތައް ބޭއްވުމަށް ހުރަސްއަޅައިފައެވެ.

އެކަމަކު، އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުން އެ ކޯޓުން ވަނީ މަޖިލީސް ހުއްޓުވަނީ ގާނޫނާ ހިލާފަށް ކަމަށް ނިންމައިފައެވެ. އެ ހިސާބުން އެ މަނިކުފާނު ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭގެ ފަހުން، އެމްޑީޕީން މަޖިލީހުގެ ރައީސަކަށް އިންތިޚާބުކުރީ އަސްލަމެވެ.

މިއަދު ޗުއްޓީއަށް ދިޔައިރު، އާ ސަރުކާރުގެ ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އަދިވެސް އޮތީ ކޮމިޓީ މަރުހަލާގައެވެ. ރުހުންދިނުމުގެ މަސައްކަތް ލަސްވާތީ، ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.