26 May 2012, 12:45
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ ލޯނު އެހީގައި ސަރުކާރުން ހިންގާ ކުނި ނައްތާލުމުގެ ޕްރޮގްރާމްގައި 25 ރަށަކަށް ކުނި ނައްތާލާނެ ސާމާނު ދީފި އެވެ. އެއީ ގާތްގަނޑަކަށް ހަލައްކަ ރުފިޔާގެ އެއްޗެއްސެވެ.
އޭޑީބީގެ އެހީގައި ހިންގާ "ރީޖަނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ފޭސް 2" ދަށުން 25 ރަށަށް އެހީ ދިން އިރު އޭގެ ތެރޭގައި ހިމެނެނީ 168 ވީލީ ބިންސް (ކުނި އަޅާ ޑަސްބިން) އާއި 68 ކޮމާޝަލް ބިންސް އަދި 72 ކުނި ފުނޑުކުރާ މެޝިނު ނުވަތަ ބެޗް ކޮމްޕޯސްޓަރެވެ.
މިއަދު ބޭއްވި ރަސްމިޔާތެއްގައި 25 ރަށުގެ ކައުންސިލާ ތަކެތި ރަމްޒީ ގޮތުން ހަވާލު ކޮށްދެއްވީ އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ޑރ. މަރިޔަމް ޝާކީލާ އެވެ. ރަސްމިއްޔާތު އޮތީ ހައުސިން މިނިސްޓްރީގަ އެވެ.
މި ރަސްމިޔާތުގައި މިނިސްޓަރު ޝަކީލާ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ރީޖަނަލް ޑިވޮލްމަންޓް ޕްރޮޖެކްޓްގެ ދަށުން މިދިއަ އަހަރުވެސް ބައެއް ރަށްރަށަށް ކުނި ނައްތާލާ ސާމާނު ދީފައިވާ ކަމަށެވެ. އެކަމަނާ އަދި ވިދާޅުވީ ކުނި ނައްތާލުމުގެ ޕްރޮގުރާމުގައި ހަވާލު ކުރާ ތަކެތީގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ކުނި ނައްތާލާނެ ސާމާނު މިދިއަ އަހަރު ދިނީ ނުވަ ރަށަކަށެވެ.