ދިރާގުން އެ ކުންފުނީގެ 2024ވަނަ އަހަރުގެ ކަލަންޑަރު 'އިންޓު ދަ ފިއުޗާ' ލޯންޗުކޮށްފިއެވެ.

ހާއްސަ ހަފްލާއެއްގައި ދިރާގުގެ އާ އަހަރުގެ ކަލަންޑަރު އިފްތިތާހުކޮށްދެއްވީ މިނިސްޓާ އޮފް އެޑިއުކޭޝަން، ޑރ. އިސްމާޢީލް ޝަފީޢުއެވެ. މި އިވެންޓްގައި ދިރާގުގެ އިސްވެރިންގެ އިތުރުން ސްކޫލް ދަރިވަރުންނާއި ބެލެނިވެރިން އަދި އެހެނިހެން ހާއްސަ މެހެމާނުންވެސް ވަނީ ބައިވެރިވެފައެވެ.

ދިރާގުގެ 35ވަނަ އަހަރު ފާހަގަކުރަމުންދާއިރު، މި ލޯންޗުކުރި 2024ވަނަ އަހަރުގެ ކަލަންޑަރުން ދައްކުވައިދެނީ ތުއްތު ކުއްޖެއްގެ ލޮލުން މިހާރަށްވުރެ ކުރިއަރާފައިވާ 'ޑިޖިޓަލް ރާއްޖެ'އެއްގެ ތަސައްވަރެކެވެ. އެގޮތުން ކުރިއަރަމުންމިދާ ޓެކްނޮލޮޖީގެ ސަބަބުން މުސްތަގުބަލުގައި އާންމު ދިރިއުޅުން ލުއިފަސޭހަވެ އިތުރަށް މުއްސަނދިވެފައިވާ ގޮތް ކަލަންޑަރުގެ ގަނޑުތަކުން ދައްކުވައިދޭ ގޮތަށް ކަލަންޑަރު ވަނީ ފަރުމާ ކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްމާޢީލް ޝަފީޢު ވިދާޅުވީ، ދިރާގަކީ ރާއްޖެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރުވާ، ޤައުމުގެ ޑިޖިޓަލް ދަތުރުގެ މޭސްތިރިއެއް ކަމަށެވެ. އަދި ދިރާގަކީ ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުވާ އެ ފަރާތްތައް މިދާއިރާއަށް ނެރުމަށް އިސްސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއްކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދިރާގަކީ ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު އިންތިޒާރު ކުރާ ފަދަ ތަފާތު ކަލަންޑަރު ފަރުމާ ކުރާ ކުންފުންޏެއްކަމަށާއި މިއަހަރުގެ 'އިންޓު ދަ ފިއުޗާ' ކަލަންޑަރަކީވެސް އެފަދަ ކަލަންޑަރެއްކަމަށް ވަނީ ވިދާޅުވެފައެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު، އަލީ ރިޔާޒް ވިދާޅުވީ، ކަލަންޑަރުގައި ދައްކުވައިދޭ 'ޑިޖިޓަލް ރާއްޖެ' އެއްގެ ތަސައްވަރަކީ ދިރާގުން ވެސް އެކަމަށް މަސައްކަތް ކުރާ ކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މިހާރަށްވުރެ ފަސޭހަކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އަލީ ވިދާޅުވީ މި ކަލަންޑަރުގެ ސަބަބުން ކުރިއަށްވުރެ ފާގަތި މުސްތަގުބަލެއް ބިނާކުރުމަށް މިއަދުގެ ޒުވާން ޖީލު 'އިންސްޕަޔާ' ވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ކަލަންޑަރުގައި ކޮންމެ މަހެއްގެވެސް ކުރެހުމާއި ގުޅުވާލާފައިވާ 12 ސްނެޕް ޗެޓް ގޭމް ހިމެނިގެންދާނެއެވެ. އެގޮތުން ކަލަންޑަރުގައި ވާ ސްނެޕްކޯޑް ސްކޭންކޮށް، ކަލަންޑަރު ބޭނުންކުރާ ފަރާތްތަކަށް ގޭމް ކުޅުމަށްފަހު އެ ފަރާތެއްގެ ސްކޯގެ ސްކްރީންޝޮޓެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓްވިޓާގައި #DhiraaguCalendarGames މި ހޭޝްޓެގާއެކު ޕޯސްޓުކުރެވޭނެއެވެ. މި ޕޯސްޓްކުރާ ސްކްރީންޝޮޓްތަކުން ކޮންމެ ތިން މަހަކު ދިރާގުން ޚާއްސަ ގުރުވަތެއް ބާއްވާ، ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުގައި ޓެކް ބަންޑްލްއެއް ލިބިގެންދެއެވެ.

ދިރާގުން ބުނީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގެ އިސްސަފުގައި ދެމިތިބުމަށާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް މުސްތަގުބަލެއްގައި އެ ފަރާތްތަކަށް ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.