ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބު އަންނަ މަހު ބާއްވަން ތައްޔާރުވަމުން ދަނިކޮށް، އެ މަސައްކަތްތައް ހުއްޓާލުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް މިއަދު އެ އެސޯސިއޭޝަނަށް އަންގަވައިފިއެވެ.

ތޮލާލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ގިނަ މެންބަރުންތަކެއް އިސްތިއުފާ ދީ، ކޯރަމް ގެއްލިފައިވާ މައްސަލައާ ގުޅޭ މައުލޫމާތު އޮޅުންފިލުވުމަށް އެދުނު ކަމަށެވެ. ނަމަވެސް އެ މައުލޫމާތަށް އެދިފައިވާ މުއްދަތުގައި ލިބިފައިނުވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ފަސް މެންބަރެއްގެ އިސްތިއުފާގެ ސިޓީތަކުގެ ކޮޕީ ލިބިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އެގޮތުން ތިން މެންބަރަކު އިސްތިއުފާ ދިނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށްވާއިރު އެއް މެންބަރަކު އިސްތިއުފާ ދީފައި ވަނީ އޮކްޓޯބަރު ފަހެއްގައެވެ. ފުރަތަމަ މެންބަރު އިސްތިއުފާ ދީފައިވަނީ ސެޕްޓެމްބަރު 16ގައި ކަމަށް ވެސް ބަޔާނުގައިވެއެވެ.

"މީގެ އިތުރުން އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ މަގާމަށް މެންބަރަކު އައްޔަންކޮށްފައިނުވާކަން ފާހަގަކުރަމެވެ،" ބަޔާނުގައިވެއެވެ.

ބަޔާނުގައި ވަނީ، އެފްއޭއެމްގެ ހިންގާ ކޮމިޓީގެ އިންތިޚާބު އިއުލާން ކޮށްފައިވާ ތާރީޚާއި މެންބަރުން އިސްތިއުފާދީފައިވާ ތާރީޚުތަކުގައި ސުވާލު އުފެދޭ ކަންތައްތައް ހުރި ކަމަށެވެ. އަދި، ކޮމިޝަނާ އޮފް ސްޕޯޓްސްގެ އޮފީހުން އެދުނު މައުލޫމާތު ފޮނުވާފައި ނުވުމުންނާއި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީޣެ ކޯރަމް ގެއްލިފައިވާތީއާ ވެސް އެކު އެ އެސޯސިއޭޝަނުން ކަންކަން ކުރިއަށްގެންދަނީ އެފްއޭއެމްގެ ހިންގާ ގަވައިދާ ޚިލާފަށް ކަމަށް ފާހަގަ ކުރެވޭ ކަމަށް އެ ބަޔާނުގައިވެއެވެ.

އެހެންވެ، އަންނަ މަހުގެ 31ގައި ބާއްވަން ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިޚާބުގެ މަސައްކަތްތައް ހުއްޓާލަން އެންގީ، އެ އެސޯސިއޭޝަންގެ ކަންކަން އިތުރަށް ކުރިއަށް ގެންދިޔުމުގައި ފީފާއާއި އޭއެފްސީ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެކު އިތުރަށް މަޝްވަރާކޮށް ގޮތެއް ނިމެންދެން ކަމަށް ބަޔާނުގައިވެއެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ގިނަ މެންބަރުން އިސްތިއުފާދިނުމުން، އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެވެ.

އެފްއޭއެމަށް ވަނީ އެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ދެވޭ ގޮތް ނުވެފައެވެ. އޭގެ އިތުރުން ކުރިން ގައުމީ ޓީމުގައި މަސައްކަތްކުރި ޓެކްނިކަލް މުވައްޒަފުންނަށް މުސާރަ ދީފައިނުވުމުން، ފީފާގައި އެފްއޭއެމްގެ މައްސަލަތައް ކުރިއަށްދެއެވެ. އަދި، ރާއްޖޭގެ ކޯޓުތަކަށް ވެސް އެފްއޭއެމްގެ މައްސަލަތަކެއް ހުށަހަޅާފައިވެއެވެ.

އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދެވި މުބާރާތްތައް ކުރިއަށްގެންދެވިފައިނުވާތީ، ފީފާއިން ވަނީ މުވައްޒަފުންނަށް މުސާރަ ދިނުމަށް ޝަރުތުކޮށް، އެފްއޭއެމަށް އެއް ލައްކަ ޑޮލަރު ދީފައެވެ. އޭގެ އިތުރަށް ވެސް ފީފާއިން ދެ ލައްކަ ޑޮލަރު ދިނުމަށް ވަނީ ނިންމައިފައެވެ.

ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބައްސާމްގެ ޕާސްޕޯޓު މިހާރު ހިފަހައްޓާފައިވާއިރު، އެފްއޭއެމް ހިންގުމުގައި އިސްކޮށް ތިބި މީހުންގެ މައްޗަށް ކުރަނީ، އެ އެސޯސިއޭޝަނަށް ފީފާއިން ފޮނުވާ ފައިސާ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެކި ކަންކަމަށް ބޭނުންކުރުމުގެ ތުހުމަތެވެ.