28 Dec 2023, 11:58
މި މަހު 22 ގައި ސަރުކާރުން ބްލޮކްކުރި ދެ ވެބްސައިޓު މިއަދު އަންބްލޮކްކޮށްފިއެވެ.
މި މަހު 22 ގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިން ވަނީ ސަރުކާރާ ދެކޮޅަށް ލިޔުންތައް ލިޔަމުން ގެންދިޔަ ދެ ވެބްސައިޓެއް ބަންދުކޮށްފައެވެ. އެއީ،ކުރުސީ.ކޮމްއާއިދިޔަވަރު.ކޮމްއެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ބްލޮކްކުރި ދެ ވެބްސައިޓު މިހާރު އަންބްލޮކްކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ޚަބަރު ފަތުރާ ދެ ވެބްސައިޓެއް ބަންދުކުރީ ފުލުހުން އަންގައިގެން ކަމަށާއި މިހާރު އަންބްލޮކް ކުރަނީ ވެސް ފުލުހުން އެންގުމުން ކަމަށެވެ.
އެހެންވެ، މިހާރު އެ ދެ ވެބްސައިޓަށް ވެސް ވަދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ބްލޮކްކުރި ދެ ވެބްސައިޓަކީ ވެސް މި ފަހުން ސަރުކާރާ ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއްކޮށް ލިޔުންތައް ލިޔަމުންގެންދިޔަ ދެ ވެބްސައިޓެވެ. ނޫހެއް ގޮތަށް ލިޔުންތައް ޝާއިއުކުރަމުން ގެންދިޔަ ނަމަވެސް އެއީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އައި ދެ ވެބްސައިޓެއް ނޫނެވެ.
ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތްދޭ ތަންތަން މޮނިޓާ ކުރާ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) މިހާރު އޮންނަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާނަންސް އެންޑް ޕަބްލިކް ވޯކްސްގެ ދަށުގައެވެ.
ވެބްސައިޓުތައް ބްލޮކްކުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މިއަދު އޮތް މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާއަށް ވަނީ އެކަން ކުށްވެރިކޮށް ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފައެވެ. އެ މައްސަލަައިގައި ވަނީ ސައިޓުތައް އަންބްލޮކްކުރަން ގޮވާލައްވައިފައެވެ.
އެކަމަކު، ސަރުކާރުން ވަނީ ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހަކާ މެދު ފިޔަވަޅު ނާޅާނެކަން ކަށަވަރުކޮށްދީފައެވެ.