28 Dec 2023, 11:17
ވަޒީރުންނަށް ރުހުންނުދީ، މިއަދު ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށްދަނީ ރާވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު މެންބަރު އަދި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް މިއަދު ތުހުމަތު ކުރައްވައިފިއެވެ.
މިއަދަށް އޮތީ މި ދައުރުގެ ފަހު ޖަލްސާ އެޖެންޑާކޮށްފައެވެ. އެކަމަކު، ދައުރު ނިންމައި މަޖިލީސް ޗުއްޓީއަށްދާއިރު، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އަދިވެސް އޮތީ ކޮމިޓީ މަރުހަލާގައެވެ. ވަޒީރުންނަށް ރުހުންހޯދަން މަޖިލީހަށް ފޮނުވީ މިދިޔަ މަހު 20 ގައެވެ.
މިއަދު ބޭއްވި މި ދައުރުގެ އެންމެ ފަހު ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައިގެ ރިޕޯޓު ކޮމިޓީން އެކުލަވައިލައި ނިންމައިފި ނަމަ، ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބާއްވައި ވަޒީރުންނަށް ރުހުންދެވިދާނެ ކަމަށެވެ.
މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، އެމްޑީޕީން ކޮންމެ ދުވަހަކު ކުއްލި މައްސަލައެއް ހުށަހެޅުމުގެ ބަދަލުގައި ކުރަންވީ ކަމަކީ ވަޒީރުންނަށް ރުހުންދިނުން ކަމަށެވެ.
"ވަޒީރުންނަށް ރުހުންނުދީ ދައުލަތް ވައްޓައިލަން ސަރުކާރު ވައްޓައިލަން މަސައްކަތްކޮށް، މިއީތޯ ޑިމޮކްރަސީއަކީ؟ މިއީތޯ އަޅުގަނޑުމެންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ،" އޭނާ ވިދާޅުވިއެވެ.
"ހަމަ ކަނޑައެޅިގެން ރާވައިގެން އިއްޒަތްތެރި ރައީސް ވެސް ހުންނަވައިގެން ރުހުންދިނުމުގެ މައްސަލަ މިހާ ހިސާބަށް، މަޖިލިސް ޗުއްޓީއާ ހަމައަށް ގެނައީ ހަމަ ސީދާ ރާވައިގެން ރުހުންނުދޭ ގޮތަށް. ޚުދުމުޚުތާރު މިވީ ކޮންބައެއްތޯ؟"

އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް: އޭނާ ވަނީ ވަޒީރުންނަށް ރުހުންދިނުން ލަސްވާތީ ކަންބޮޑުވުން ފާޅުކުރައްވާފައި -- ފޮޓޯ/ މަޖިލިސް
ސަލީމް ވިދާޅުވީ، ގެއްލުނު އެއްޗެއްގެ ބޮޑުކަމުން ވަޒީރުންނަށް ރުހުންނުދީ، ސަރުކާރު ވައްޓައިލަން އުޅުމަކީ ހުތުރު ކަމެއް ކަމަށެވެ.
"ރުހުން ވެސް ހޯދާނަން، މި ސަރުކާރެއް ވެސް ވައްޓައެއް ނުލެވޭނެ މާތްﷲ ގެ ރަހުމަތްފުޅާ އެކީ،" ސަލީމް ވިދާޅުވިއެވެ.
އޭނާ ވަނީ ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތް ލަސްކުރަނީ އަސްލަމް އިސްވެ ހުންނަވައިގެން ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އެކަމަކު، ރިޔާސަތުގައި އިންނަވާ އަސްލަމް ވަނީ ސަލީމްގެ ވާހަކަތައް ދޮގު ކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، ވަޒީރުންނަށް ރުހުން ހޯދަން ފޮނުވި މައްސަލަ ލަސްވީ، ވުޒާރާތަކުގެ މެންޑޭޓު ފާސްކުރަން ފޮނުވުން ލަސްވުމުން ކަމަށެވެ. އަދި، ކޮމިޓީން ބޭނުންވި ބައެއް މައުލޫމާތު ލިބުން ލަސްވުން އެއީ ރުހުންދިނުމުގެ ކަންކަން ލަސްވި އެއް ސަބަބު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ކޮމިޓީން ބޭނުންވި މައުލޫމާތު ހޯދަން ރައީސް އޮފީހުގައި ދެންނެވުނު. އެ މައުލޫމާތު ނުލިބި ލަސްވެގެން ދިއުމުން ހަގީގަތުގައި އެ ކޮމިޓީގެ މަސައްކަތް ނުނިމި ލަސްވެގެން ދިއަ އެއް މައްސަލަ ކަމުގައި އަޅުގަނޑަށް އެނގިފައި އޮތީ،" އަސްލަމް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ ވަޒީރުންނަށް ރުހުންދިނުމުގެ ކަންކަން ނުނިންމާ މަޖިލީސް ޗުއްޓީއަށްދާ ފުރަތަމަ ފަހަރެވެ.
ކުރިން މި މަހު 18ގައި ވަޒީރުންނަށް ރުހުންދޭން ތަޅުމަށް އެޖެންޑާކުރި ނަމަވެސް، އެ ދުވަހު ކޮމިޓީން އެކުލަވައިލި ރިޕޯޓު އެއްކޮށް ފުރިހަމަނުވާތީއާއި ވުޒާރާތަކުގެ މެންޑޭޓު ފާސްކޮށްފައިނުވާތީ އަސްލަމް ނިންމެވީ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލާށެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ކޮމިޓީގެ މުގައްރިރު މުހައްމަދު ފަލާހް މީގެ ކުރިން ވިދާޅުވީ، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ކޮމިޓީގައި ކުރިއަށްނުދާ ކަމަށެވެ. އެއީ، ސްކޫލު ޗުއްޓީއާ މި ދުވަސްވަރު ދިމައިވުމުން ގިނަ މެންބަރުން މާލޭގައި ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، އޭނާ ވިދާޅުވީ ދެން ވަޒީރުންނަށް ރުހުންދިނުމާ ގުޅޭ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެނީ ޗުއްޓީއަށް ފަހުގައި ކަމަށެވެ.
ވަޒީރުންނަށް ރުހުން ނުދެވި، ދިގުދެމިގެންދާތީ ގިނަ ބަޔަކު އަންނަނީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެކަމަކު، އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ މިހާރު ވެސް ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުންނުދޭން ގޮވައިލަމުންނެވެ.
ސަރުކާރުގައި އަލަށް އުފެއްދި ހަތަރު ވުޒާރާއާ އެކު ޖުމުލަ 22 ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވީ މިދިޔަ މަހު 20 ގައެވެ. މަޖިލީހުގެ ކޮމިޓީން މީގެ ކުރިން ވަނީ ވަޒީރުންނަށް ރުހުންދޭއިރު ތަޅުމުގައި ވޯޓަށް އަހާނީ ކޮންމެ ވަޒީރަކަށް ވަކިވަކިން ކަމަށް ނިންމައިފައެވެ.
ވަޒިރުންނަށް ރުހުންދިނުމުގެ ކަންކަން ލަސްވާތީ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.