ސަރުކާރުގައި ބައިވެރިވާން އެމްޑީޕީއަށް ދިން ދައުވަތު ގަބޫލު ކުރިނަމަ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދުގެ ނުފޫޒު އޮންނާނެ ކަަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ނިއުޔޯކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަހީދު ވިދާޅުވެފައި ވަނީ ސަރުކާރުގައި ބައިވެރިވުމަށް ކުރީގެ ދެ ރައީސުންގެ ޕާޓީއަށް ވެސް ދައުވަތު ދެއްވި ކަމަށާއި ނަމަވެސް އެމްޑީޕީން ދައުވަތު ބަލައި ނުގަތް ކަމަށެވެ. އެ ދައުވަތު ގަބޫލުކުރި ނަމަ އެހެން ޕާޓީ ތަކެކޭ އެއްގޮތަށް ރައީސް ނަޝީދުގެ ނުފޫޒު ވެސް ސަރުކާރުގައި އޮންނާނެ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ނުފޫޒު ސަރުކާރުގައި ގަދަ ކަމަށް ރައީސް ނަޝީދު ކުރައްވާ ތުހުމަތާ މެދު ސުވާލުކުރުމުން ރައީސް ވަހީދު ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކާ ވެސް އެމަނިކުފާނު ވާހަ ދެއްކެވި ކަމަށާއި އެމްޑީޕީ ފިޔަވައި ހުރިހާ ޕާޓީއެއް ސަރުކާރުގައި ބައިވެރިވި ކަމަށެވެ.

"އަޅުގަނޑު މަސައްކަތް މިކުރަނީ އަޅުގަނޑުގެ އަމިއްލަ މިނިވަން ކަމާއެކު، އެހެން ނަމަވެސް ހުރިހާ ޕާޓީއަކަށް ވެސް އަޅުގަނޑު ވާސިލުވިން ކުރީގެ ދެ ރައީސުންގެ ޕާޓީ ވެސް ހިމެނޭ ގޮތަށް. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ފިޔަވައި ހުރިހާ ޕާޓީތަކެއް ވެސް ސަރުކާރުގައި ހިމެނޭ. ތަކުރާރުކޮށް ދައުވަތު ދިނުމުން ވެސް ސަރުކާރުގައި ބައިވެރި ނުވާން ނިންމީ އެ ޕާޓީން އަމިއްލައަށް. [ސަރުކާރުގައި ބައިވެރިވި ނަމަ] އޭނާ [ކުރީގެ ރައީސް ނަޝީދު] ގެ ނުފޫޒާއި ބަސް ވެސް ވެސް އަނެއް އަށް ސިޔާސީ ޕާޓީއެކޭ އެއްގޮތަށް ސަރުކާރުގައި އޮތީސް،" ރައީސް ވަހީދު ވިދާޅުވި އެވެ.

އިންޑިޔާއަށް ގެއްލުންވާ ގޮތަށް ރާއްޖެއިން ޗައިނާއާ ގުޅުން ބަދަހިކުރާ ކަމަށް ކުރާ ތުހުމަތާ މެދު ރައީސް ވަހީދު ވިދާޅުވީ ޒަމާނުއްސުރެ އިންޑިޔާއާ ރާއްޖެއާ ދެމެެދު އޮތް ގާތް ގުޅުމަށް އިހުތިރާމް ކުރައްވާނެ ކަމަށާއި ޗައިނާއާ ރާއްޖެއާ ދެމެދު އޮތީ ހަމައެކަނި ވިޔަފާރީގެ ގުުޅުމެއް ކަމަށެވެ.

"އެންމެ ގާތްކަން އޮތް ގައުމުގެ ގޮތުގައި އިންޑިޔާއާއެކު އޮންނަ ގުޅުމަށް އަޅުގަނޑުމެން އިހުތިރާމް ކުރާނަން، އިންޑިޔާއިން ކަންބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. ޗައިނާއާއެކު އޮންނަނީ ވިޔަފާރީގެ ގުޅުމެއް، އެ ގައުމުން އަހަރަކު 250000 ޓޫރިސްޓުން އަންނާތީ، ދެ ގައުމާއެކު އޮތް ގުޅުމުގެ އަގު ވެސް އަޅުގަނޑުމެން ވަޒަން ކުރަން،" ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސް ވަހީދުގެ އިންޓަވިއުގައި ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ. އެގޮތުން ރައީސް ނަޝީދަކީ އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީގައި މިހާރު އެއްވެސް މަގާމެއް ނެތް ބޭފުޅެއް ކަމަށާއި އެމަނިކުފާނު ގެންދަވަނީ ރާއްޖޭގައި ހަމަނުޖެހުން ހިންގަވަމުން ކަމަށް ވިދާޅުވެފައި ވެއެވެ.

"ނަޝީދުގެ ޕާޓީގައި އޭނާއަށް މިހާރު އެއްވެސް މަގާމެއް ނެތް، އޭނާ އަކީ ދެން މަޝްހޫރު މީހެއް، ކުރީގެ ރައީސެއް. ފަހަކަށް އައިސް އޭނާ ދަނީ ރާއްޖޭގައި ހަމަނުޖެހުމާއި ރުޅިވެރިކަން އުފައްދަމުން. ސަރުކާރުގައި ހިމެނޭ ފަރާތްތަކަށް ފުރައްސާރަ ކުރަމުން. އެކަމަކު ނަޝީދުގެ ސަރުކާރުގައި ކަންކުރި ގޮތަށް ގާނޫނުން ބޭރުން އަޅުގަނޑުމެން އެއްވެސް މީހަކު ހައްޔަރެއް ނުކުރާނަން،" ރައީސް ވަހީދު ވިދާޅުވެފައި ވެއެވެ.