28 Dec 2023, 10:31
ސަރުކާރާ ދެކޮޅަށް ޚަަބަރާއި މައުލޫމާތު ޝާއިއުކުރަމުން ދިޔަ ދެ ވެބްސައިޓެއް ސަރުކާރުން ބަންދުކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ބުނެ، ސައިޓުތައް ބްލޮކްކުރުން ހުއްޓައިލަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުއްލި މައްސަލައެއް މިއަދު ހުށަހަޅުއްވައިފިއެވެ.
މި މަހު 22 ގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިން ވަނީ ސަރުކާރާ ދެކޮޅަށް ލިޔުންތައް ލިޔަމުން ގެންދިޔަ ދެ ވެބްސައިޓެއް ބަންދުކޮށްފައެވެ. އެއީ،ކުރުސީ.ކޮމްއާއިދިޔަވަރު.ކޮމްއެވެ.
ޝަފީގު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ގޮތަށް ދުލާއި ގަލަމުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވާ ކަމަށެވެ. އަދި، ގާނޫނު އަސާސީގެ 28 ވަނަ މާއްދާއުން، ޚަބަރާއި މައުލޫމާތާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
ކުއްލި މައްސަލައިގައި ވަނީ މިއީ ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އެ މައްސަލައިގައި ބުނެފައިވަނީ ސެ ވެބްސައިޓު ބްލޮކްކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ނޫސްވެރިންނާއި އާންމު ރައްޔިތުންނަށް ދީފައިވާ އިންޒާރެއް ކަމަށެވެ. އަދި، އެ ނިންމުމުގެ ސަބަބުން ޑިމޮކްރަސީގެ ހަޔާތުގައި ރާއްޖެ އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.
"އޮންލައިން ނޫސްތައް ބްލޮކްކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓައިލުމަށާއި ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ސަރުކާރަށް ގޮވާލަން،" ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
ސަރުކާރުން ބްލޮކްކުރި ދެ ވެބްސައިޓަކީ ވެސް މި ފަހުން ސަރުކާރާ ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއްކޮށް ލިޔުންތައް ލިޔަމުންގެންދިޔަ ދެ ވެބްސައިޓެވެ. ނޫހެއް ގޮތަށް ލިޔުންތައް ޝާއިއުކުރަމުން ގެންދިޔަ ނަމަވެސް އެއީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އައި ދެ ވެބްސައިޓެއް ނޫނެވެ.
ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތްދޭ ތަންތަން މޮނިޓާ ކުރާ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) މިހާރު އޮންނަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާނަންސް އެންޑް ޕަބްލިކް ވޯކްސްގެ ދަށުގައެވެ.
ވެބްސައިޓުތައް ބްލޮކްކުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެކަމަކު، ސަރުކާރުން ވަނީ ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހަކާ މެދު ފިޔަވަޅު ނާޅާނެކަން ކަށަވަރުކޮށްދީފައެވެ.