28 Dec 2023, 15:15
ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ޔަހޫދީން ދޭ ޙަމަލާތަކުގައި ޢިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރައްވަމުން ގެންދަވާ ކަންކަމާއި ނާޒީ ލީޑަރު އެޑޮލްފް ހިޓްލަރު ކުރެއްވި ކަންކަމާ އެއްވެސް ތަފާތެއް ނެތް ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
އުރުދުޣާން އެގޮތަށް ވިދާޅުވީ ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ބޭއްވި ސައިންސް އެވޯޑް ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޢިސްރާއީލުގެ ފައުޖުތަކާއި ފަލަސްޠީނުގެ ޣައްޒާގެ ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ދެމެދު ކުރަމުންދާ ހަނގުރާމައަށް ދެ މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އުރުދުޣާން ވިދާޅުވި ގޮތުގައި ހިޓްލަރު ކުރެއްވި ކަންތައްތަކަށްވުރެ ވަކި ދަށް އެއްވެސް ޢަމަލެއް ނަތަންޔާހޫ ނުކުރައްވައެވެ. އެގޮތުން ނަތަންޔާހޫ އާއި ހިޓްލަރު ތަފާތުވާ އެއްވެސް ކަމެއް ނެތް ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ.
މީގެ 80 އަހަރު ކުރިން ނާޒީން ޖަރުމަނުވިލާތުގައި ވެސް ޢަމަލު ކުރި ފަދައިން މިއަދު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޣައްޒާގައި ހިނގާ އަނިޔާވެރިކަމާއި ފިތުނަތައް ކުށްވެރި ކުރުމުގެ ހިތްވަރު ލިބިފައިވާ އިލްމުވެރިންނަށް ޕްރެޝަރާއި އިންޒާރުތައް ކުރިމަތިވެފައިވާ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.
އުރުދުޣާން ބޮޑަށް އެ އިޝާރާތް ކުރެއްވީ އެމެރިކާ ހިމެނޭހެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްޠީނަށް ތާއީދުކުރާ މީހުން ވަޒީފާތަކުން ކަނޑައިލައި އެ ނޫންވެސް ތަފާތު ކުރުންތައް އެ މީހުންނާމެދު ގެންގުޅޭ ގެންގުޅުމަށެވެ.
ޢިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އިންސާނީ ޢަމަލުތަކާއި ދެކޮޅަށް ވާހަކަތައް ދައްކާ ޢިލްމުވެރިންނަށް ތުރުކީވިލާތުގެ ޔުނިވާސިޓީތަކުގެ ދޮރުތައް ހުޅުވައިލައިފައިވާ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.
އުރުދުން އިން އަންނަނީ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޢިސްރާއީލުގެ ފައުޖުތަކާއި ޙަމާސްއާ ދެމެދު ކުރަމުންދާ ހަނގުރާމަ ފެށުނީއްސުރެ ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލަމުންނެވެ. ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ޢިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގައި މިހާތަނަށް 21،110 ފަލަސްޠީނު މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ޙަމަލާތަކުގައި ޒަޚަމްވި މީހުންގެ ޢަދަދު ވަނީ 55،243 އަށް އިތުރުވެފައެވެ.
ހަނގުރާމައިގެ ސަބަނުން ޣައްޒާގެ ޢުމްރާނީގެ ތަރައްޤީގެ 60 އިންސައްތަ ވަނީ ސުންނާފަތިވެފައެވެ. ދެ މިލިއަނަށްވުރެ ގިނަ ފަލަސްޠީނު މީހުންގެ ގެދޮރު ދޫކޮށް ދިއުމަށްވެސް ވަނީ މަޖުބޫރުވެފައެވެ.