26 May 2012, 11:47
ހިރިލަންދޫ ދެކުނު ފަރުމައްޗަށް އެރި ދޯނި ފުންކުރުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފި އެވެ.
އެމްްއެންޑީއެފްގެ ފަސްްޓް ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ ހިރިލަންދޫ ފަރުމައްޗަށް އިއްޔެ ރޭ އެރި 78 ފޫޓުގެ "ފަތްމިނި" ދޯނި ފުންކުރުމަށް ދޯނީގައި ތާނގީ ބަނުމުގެ މަސައްކަތް މިއަދު ހެނދުނު ކޯސްޓްގާޑުން ފަށާއިފައިވާ ކަމަށާއި ބޮޑު ދިޔަ ވާންވާއިރަށް ތާނގީތައް ބަނުމުގެ މަސައްކަތް ނިންމާލެވޭތޯ ބަލަމުން އަންނަ ކަމަށެވެ.
"ހިކި ދިޔައިގައި ވީމާ ވަރަށް ބޮޑަށް ދޯނި އޮތީ އުރިފައި. ދޯނީގައި ތާނގީތައް ބަނުމުގެ މަސައްކަތް ކޯސްްޓްގާޑުން މިވަނީ ފަށައިފައި. އޭރުން ބޮޑު ދިޔަ އަރަންވާ އިރަށް ދޯނީގައި ކަފުޖަހާފައި ދަމާލާ ގަޑީގައި ފަރަށް އެރި ދިމާ އިންނާނީ ކުޑަކޮށް ހިއްލިލާފައި. އޭރުން ފަސޭހަވާނެ ފުންކުރަން ދޯނި ބޭރަށް ދަމާލަން،" އަބްދުﷲ އަލީ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ ބޮޑު ދިޔަވާންވާއިރަށް ދޯނީގައި ކަފުޖަހާނެ ދޯންޏެއް ހޯދުމުގެ މަސައްކަތް އެ ދޯނީގެ ވެރިފަރާތުން ކުރަމުން އަންނަަ ކަމަށެވެ.
ދިހަ މީހުންނާ އެކު ދަތުރު ކުރި ދޯނި ފަރަށް އެރި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ދޯންޏަކަށް ލިބިފައިވާ ގެއްލުމުގެ މައުލޫމާތު އަދި ސާފުވާގޮތެއް ނުވެ އެވެ.