އައްޑޫ ސިޓީއަށް މީހާރު ކުރަމުންދާ ވިއްސާރައިގައި ގެތަކަށް ލިބެމުންދާ ގެއްލުންތައް ބައްލަވައިލެއްވުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ހަވާލުވެ ހުންނެވި މިނިސްޓަރު، އާދަމް ޝަރީފް އުމަރު އެ ސިޓީގެ ބައެއް ގެތަކަށް ޒިޔާރަތްކުރައްވައި އެގެތަކުގެ ހާލަތު ބައްލަވައިލައްވައިފިއެވެ.

މިރޭ އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގެ ގެތަކަށް ފެންވަދެ، ހިފާ ގެންގުޅޭތަކެއްޗަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

އާދަމް ޝަރީފް އައްޑުއަށް ވަޑައިގަތީ ކައުންސިލްތަކުގެ މެންބަރުން ހިމެނޭ ގޮތަށް އިއްޔެ އާއި މިއަދު ބޭއްވި ފަނޯއްލަ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެ މަހާސިންތާ ބާއްވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީއާއި ޔޫއެސްއެއިޑްއާއި އައިއާރްއައި ގުޅިގެންނެވެ.

އައްޑުއަށް ކުރަމުންދާ ވިއްސާރައާ ގުޅޭ ގޮތުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މަރަދޫފޭދޫގެ ފަސް ގެއެއްގައި ފެންބޮޑުވެ, އެއްގެއިންވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. އެގެއަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭ ބުންޏެވެ.

މީގެ އިތުރުން ފޭދޫގެ 60 ގެޔަކާއި ހުޅުދޫގެ ދިހަ ގެޔަކާއި މަރަދޫގެ 13 ގެއެއްގައިއާއި ހިތަދޫގެ ނުވަ ގެއެއްގެ ގޯތި ތެރޭގައި ފެން ބޮޑުވެފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އެ ހާދިސާތަކުގައި އެއްވެސް ގެއަކުން މީހުން ހުސްކުރަން ޖެހިފައިވާ ނުވާ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އެންޑީއެމްއޭއިން ބުނީ މިއަދު ކުރި ވިއްސާރައިގައި ފުވައްމުލަކުގެ މަގުތަކުގައި ފެންބޮޑުވި ނަމަވެސް ގޭގެއަށް ފެންވަދެ ގެއްލުންވާ ހާލަތަށް ނުދާ ކަމަށެވެ.

އެގޮތުން ރަށުތެރެއިން ފެންހިންދުމާއި ކޯރުކެނޑުމާއި ވެލި ބަސްތާ ޖެހުން ފަދަ ކަންކަމުގައި އައްޑޫ ސިޓީ ކައުންސިލާއި، އަވަށު އޮފީސްތަކާއި، ފުހުންނާއި ސިފައިގެންގެ އިތުރުން ދިވެހި ރެޑް ކްރެސެންޓާއި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަނާއި ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ބައިވެރިވިކަމަށް އެންޑީއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ފެން ހިނދި އާންމު ހާލަތަށް ރުޖޫއަވާ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ވަނީ މިރޭ ވެސް މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.

މިއީ ސްކޫލް ބަންދު ދުވަސްތައް ކަމުން ގިނަ ބަޔަކު އަންނަނީ އެކި ހިސާބުތަކަށް ދަތުރު ކުރަމުންނެވެ. އަދި، ކުރިއަށް ހަފުތާ ބަންދު އޮތުމުން އެ ދުވަސްތަކުގައި ގިނަ ބަޔަކު ދަތުރުތައް ކުރާނެއެވެ.

އެހެންކަމުން ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.